އެސްޖޭ ކުންފުނީގެ މައްސަލަ ކޯޓުން ބޭރުން ނިންމުމަށް ދައުލަތުން އެދިއްޖެ

އެސްޖޭ ކޮންސްޓަރަކްޝަނަށް ބަދަލު ދިނުމުގެ މައްސަލަ ސިވިލް ކޯޓުން ބޭރުން ނިންމުމަށް ދައުލަތުން އެދިއްޖެއެވެ.
އެސްޖޭ ކުންފުނިން ކޯޓަށް މައްސަލަ ހުށަހަޅައިފައި ވަނީ ޒިކުރާ މިސްކިތް ބިނާ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކުންފުންޏާއި ހަވާލުކޮށްފައި ވަނިކޮށް، މި ސަރުކާރު ވެރިކަމަށް އައިސް ކޮންޓްރެކްޓް އުވާލުމާއި ގުޅިގެންނެވެ.
އެސްޖޭ ކުންފުނިން ވަނީ އެކުންފުންޏަށް ވީ ގެއްލުމުގެ ބަދަލުގައި 114 މިލިއަން ރުފިޔާ ދައުލަތުން ދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ސިވިލް ކޯޓުގެ ޑިސްޕިއުޓްގައި އެމައްސަލަ ހައްލު ނުވުމުން މިހާރު ކުރިއަށް ދަނީ ޝަރީއަތުން ގޮތެއް ނިންމުމުގެ މަރުހަލާއެވެ.
ޝަރީއަތުން ގޮތެއް ނިންމުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް، ދައުލަތުން ބޭނުން ވެގެން އެޓާނީ ޖެނެރަލް އޮފީހުން ވަނީ އެސްޖޭ ކޮންސްޓްރަކްޝަނަށް ކޯޓުން ބޭރުން މައްސަލަ ނިންމުމަށް އެދޭ ކަމަށް އަންގާފައެވެ. މިހާރު އެކުންފުނިންވެސް ވަނީ އެގޮތަށް އެއްބަސްވެފައެވެ. އަދި މިހާރު ދައުލަތާއި އެކު އެމައްސަލައިގެ ބައްދަލުވުންތައްވެސް ކުރިއަށް ދާކަމަށް މައުލޫމާތު ލިބެއެވެ.
"މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެސްޖޭ ކުންފުންޏާއި، އިސްލާމިކް މިނިސްޓްރީ އާއި އެކު ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި އެކުންފުންޏާއި މިނިސްޓްރީ އިންވެސް ދާދި ހިޔާލުތައް އެއްގޮތް ކަމަށް އެނގިފައިވާ ކަމަށް އެނޫހުގައި ވެއެވެ.
މި މަޝްރޫގެ އަގަކީ 130 މިލިއަން ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ