މަޑުއްވަރީ ކުރީގެ މެޖިސްޓްރޭޓްގެ ދަރިފުޅު ވެސް ކައިވެނި ކޮށްފައި ވަނީ ކޯޓުން ބޭރުގައި

ރ.އަތޮޅު މަޑުއްވަރީ ކުރީގެ މެޖިސްޓްރޭޓް ނިޒާރުގެ ދަރިފުޅު ވެސް ކޯޓުން ބޭރުގައި، ޤާނޫނާއި ހިލާފަށް ކައިވެނި ކޮށްފައިވާކަން "ވަގުތު" އަށް ކަށަވަރު ކުރެވިއްޖެއެވެ.
ކުރީގެ މެޖިސްޓްރޭޓް ނިޒާރުގެ ދަރިފުޅު ހަސަން ކޯޓުން ބޭރުގައި ކައިވެނި ކޮށްފައި ވަނީ އެއަތޮޅު މީދޫ އަންހެނަކާއި އެވެ.
ހަސަން އަކީ ހަރުކަށި ފިކުރު ހުންނަ މީހެކެވެ. އޭނާގެ އަނބިމީހާ ނިސްބަތްވަނީ ވެސް ހަރުކަށި ފިކުރު ހުރި މީހުން ހިމެނޭ އާއިލާ އަކަށެވެ.
ހަސަންގެ އަނބިމީހާގެ މަންމަ އާއި އޭނާގެ ބޭބެ އަދި އަންހެން ކޮއްކޮ ވެސް ވަނީ ސީރިއާ އަށް ހަނގުރާމައަށް ގޮސްފައެވެ. އޭގެ ތެރެއިން ބޭބެ މިހާރު ވަނީ މަރުވެފައެވެ. ނަމަވެސް މަންމަ އާއި އަންހެން ކޮއްކޮ ސީރިއާގެ ކޭމްޕެއްގައި އެބަތިބި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
މަޑުއްވަރީގައި ކަންބޮޑުވާން ޖެހޭ މިންވަރަކަށް ދީނީ ހަރުކަށި ފިކުރު ގެންގުޅޭ މީހުން އިތުރުވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނަމުން އަންނަތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް މިއަދާއި ހަމައަށް ސަރުކާރުގެ އެއްވެސް އިދާރާ އަކުން އެކަމާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
މިއަދު ފުލުހުންނާއި ސިފައިން މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުން ގެންދާއިރު ބައެއް ގެތައް ފާސްކޮށް މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މަޑުއްވަރީގައި އޮޕަރޭޝަނެއް ހިންގަނީ ދީނީގޮތުން ހައްދުފަހަނާޅާފައިވާ ފިކުރުގައި ޖިނާއީ ބޮޑެތި ކުށްތަކަށް އަރަގަންނަމުންދާ މީހުން ހޯދައި އެ މީހުންގެ އަނިޔާގެ ޝިކާރައަކަށް ހަދާފައިވާ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދޭން ކަމަށް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ