8 ހައި އިމްޕެކްޓް ގްރާންޓް ޕްރޮޖެކްޓް ފެށުމަށް އެޑްވާންސް ފައިސާ ދޫކޮށްފި

ރާއްޖޭގައި އަލަށް ފަށާ އަށް ހައި އިމްޕެކްޓް ގްރާންޓް ޕްރޮޖެކްޓްގެ މޮބިލައިޒޭޝަން މަސައްކަތް ފެށުމަށް ބޭނުންވާ އެޑްވާންސް ފައިސާ ދިވެހި ސަރުކާރަށް ދޫކޮށްފިއެވެ.
އެގޮތުން މި އަށް ޕްރޮޖެކްޓަށް ދިވެހި ސަރުކާރަށް ދޫކޮށްފައިވަނީ 5.49 މިލިއަން ރުފިޔާ ކަމަށް އިންޑިއާ އެމްބަސީން މައުލޫމާތުދެއެވެ. މި މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ އެމް.އޯ.ޔޫތައް 21 އޮކްޓޯބަރ 2021 ގައި ނިންމާލާފައިވާއިރު، ކައުންސިލްތަކުން މި މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޖުލައި މަހު ލިބުނު 70 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުންނެވެ.
ޖުމްލަ 36.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި އަށް މަޝްރޫއަކީ ރާއްޖޭގެ ހަތް އަތޮޅެއްގައި ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ.
ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި ތ. ތިމަރަފުއްޓާއި ތ.ވޭމަންޑޫގައި މަގުބައްތި ހަރުކުރުމާއި، ލ. މާބައިދޫގައި އައިސް ޕްލާންޓެއް ޤާއިމުކުރުން، އދ. ދަނގެތީ އާ ކަލްޗަރަލް ސެންޓަރެއް އިމާރާތްކުރުން، ނ. މިލަދޫ ކައުންސިލް އިމާރާތް ބިނާކުރުން، ގދ. ތިނަދޫ އަބޫބަކުރު ސްކޫލް، ލ. ގަން އިހައްދޫ ސްކޫލް އަދި ހއ. ދިއްދޫ އަތޮޅު ތައުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް އެޅުމުގެ އިތުރުން އެމް.އެން.ޑީ.އެފް އަށް ބޭނުންވާ ސީ އެމްބިއުލެންސް ހޯދުމާއި، މާލޭގެ އޮލިމްޕަސް ތިއޭޓަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހިމެނެއެވެ.
އިންޑިއާއިން 2019 ވަނަ އަހަރުގެ މާރިޗު މަހު ދޫކުރި 85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައި އިމްޕެކްޓް 12 މަޝްރޫއެއް ކައުންސިލްތަކުން ހިންގަމުން ދެއެވެ. އިންޑިއާއިން 106 މިލިއަން ރުފިޔާގެ ކޭޝް ގްރާންޓް ދޫކޮށްފައި ވާއިރު، ތަރައްޤީގެ 18 މަޝްރޫއެއް ތަންފީޒު ކޮށްފައިވާކަމަށް މައުލޫމާތުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ