މިނިވަންކަމާއެކު ޚިޔާލުފާޅު ކުރުމުގެ ހައްގު ނިގުޅައިގަންނަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވެފައިމިވަނީ ސިވިލް ސާރވިސް މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭގޮތަށް ސިވިލް ސާރވިސްގެ ގަވާއިދު އިސްލާހުކުރުމުން އެކަމަށް ފާޑުވިދާޅުވެއެވެ.
މެމްބަރު ވަހީދު ކުރެއްވި ޓްވީޓެއްގައި ވަނީ މިނިވަންކަމާއެކު ޚިޔާލުފާޅު ކުރުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ހައްގެއް ކަމަށެވެ.
އަދި އެކިއެކި ބަހަނާ ދައްކައިގެން މި ހައްގު ނިގުޅައިގަންނަން އުޅުމަކީ އޭރުވެސް އަދި މިހާރުވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މެމްބަރު ވަހީދު ވިދާޅުވިއެވެ.
މެމްބަރު މިހެން ވިދާޅުވެފައިވާއިރު، ސިވިލް ސާރވިސްގެ ގަވާއިދަށް އަލަށް ގެނައި އިސްލާހުގައިވާ ގޮތުން އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުން ވަނީ ފުރަތަމަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
އަދި ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުސްކުރުން ވަނީ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައިވެސް ކަނޑައަޅާފައިވެއެވެ.
މީގެ އިތުުރުން އެ ގަވާއިދުގައިވާ ގޮތުން މަސައްކަތުގެ ރަސްމީ ނުވަތަ ނުރަސްމީ ގަޑީގައިވެސް މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވަނީ ކުށެއްގެ ގޮތުގައި ބަޔާންކޮށްފައެވެ.
މީގެ އިތުރުން މަގާމު އަދާކުރުމުގައި ނުވަތަ މަގާމުގެ ގޮތުން އެހެން މީހުންނަށް ހިދުމަތް ދިނުމުގައި ސިޔާސީ ފިކުރާ ގުޅުވައި ތަފާތުކުުރުން ގެންގުޅުމަކީވެސް ވަޒީފާއިން ވަކިކުރެވޭ ކުށެއްްގެ ގޮތުގައި ކަނޑައަޅައިފައިވާއިރު، މި ގަވާއިދާއެކު ސިވިލް ސާވިސް މުވައްޒަފުންނަށް މަސައްކަތުގައި އުޅޭ ވަގުތު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީވެސް މަނާކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
ނަމަވެސް މަސައްކަތު ވަގުތު ނޫން ވަގުތުތަކުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
ޚިޔާލުފާޅު ކުރުމުގެ ހައްގު ނިގުޅައިގަންނަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: މެމްބަރު ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ