ކަރަންޓް ބިލް ނުދައްކައިގެން ހުޅުދުއްފާރު ރަށު ކައުންސިލް އިދާރާ އިން ކަރަންޓް ކަނޑާލައިފި

ހަތް މަސް ދުވަހުގެ ކަރަންޓް ބިލް ނުދައްކައި އޮތުމާ ގުޅިގެން ރ. ހުޅުދުއްފާރު ރަށު ކައުންސިލްގެ އިދާރާ އާއި އެ ރަށުގެ މަގުބައްތިތަކުން މިއަދު ކަރަންޓް ކަނޑާލައިފި އެވެ.
ހުޅުދުއްފާރު ރަށު ކައުންސިލްގެ ރައީސް މުހައްމަދު ޒުބައިރު މިއަދު ވިދާޅުވީ، ނޮދަން ޔުޓިލިޓީސް ކުންފުނިން ހިންގާ އިންޖީނުގެ އިން ކަރަންޓް ކަނޑާލީ ހަފުތާއެއްގެ ނޯޓިސް ދިނުމަށް ފަހު މިއަދު ހަވީރު 4.00 ގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް ކަރަންޓް ބިލް ނުދެއްކި ގެން މިއުޅެނީ ބަޖެޓް ނުލިބިގެން. ގައުމީ އިދާރާ އަށް އަޅުގަނޑުމެން އެންމެ ފަހުން އިއްޔެ ވެސް ވާނީ އަންގާފައި މިއަދު ކަރަންޓް ކަނޑާލާނެކަން،" ޒުބައިރު ވިދާޅުވި އެވެ.
ހުޅުދުއްފާރު ރަށު ކައުންސިލްގެ އިދާރާ އިން ކަރަންޓް ކަނޑާލާފައި ހުރި ކަމަށް އެ ރަށު ރަށު ކައުންސިލުން ބުނި ނަމަވެސް އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް މިނިސްޓަރު އަލީ ނިޔާޒް ވިދާޅުވީ އެ އިދާރާ އިން ކަރަންޓް ކަނޑާ ނުލާނެ ކަމަށެވެ.
"ކަރަންޓް ކަނޑައެއް ނުލާނެ، މިއަދާ ހަމައަށް ނޯޓިސް ދީފައި އޮތީ. އެކަމަކު ޔޫޓިލިޓީސް ކުންފުންޏާ ވާހަކަ ދައްކައިގެން އަޅުގަނޑުމެން އޮންނާނީ އަންނަ ބުރާސްފަތި ދުވަހާ ހިސާބަށް ކަރަންޓް ކަނޑާ ނުލާ ގޮތަށް ހަމަ ޖައްސާފައި،" ނިޔާޒް ވިދާޅުވި އެވެ.
ޒުބައިރު ވިދާޅުވީ ހަތް މަހެއްގެ ކަރަންޓް ބިލަށްވާ 200000ރ. އަށް ވުރެ ގިނަ ރުފިޔާ ނުދެއްކި ވަނީ ބަޖެޓް ނުލިބިގެން ކަމަށެވެ.
ހުޅުދުއްފާރު ރަށު ކައުންސިލްގެ އިދާރާގެ ހަތް މަހުގެ ބިލްގެ ފައިސާ ނުލިބިގެން އުޅެނީ ބަޖެޓް ހެދި އިރު އެ ފައިސާ ހިމެނިފައި ނުވާތީ ކަމަށް ބެލެވޭ ކަމަށް ވެސް އަލީ ނިޔާޒް ވިދާޅުވި އެވެ.
ބާރަސަތޭކަ ވަރަކަށް މީހުންގެ އާބާދީއެއް އޮންނަ ހުޅުދުއްފާރުގެ ފަސް ކައުންސިލަރުންނަކީ ވެސް އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ