ރައްޔިތުންގެ ތާއީދެއް ސަރުކާރަކަށް ނެތް, ރައްޔިތުން އެދެނީ ސަރުކާރު ބަދަލުކޮށް ދިނުމަށް: ޢަލީ ޒާހިރު

ރައީސް ޔާމީންގެ ސަރުކާރަށް ދިވެހި ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތް ކަމަށާއި ކޮންމެ ރައްޔިތަކުވެސް އެދެމުންދަނީ ސަރުކާރު ބަދަލުކޮށްދިނުމަށް ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
 
ހޮނިހިރު ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޢަލީ ޒާހިރު ވިދާޅުވީ ރައީސް ޔާމީނާއި ސަރުކާރަށް ތާއީދުކުރާ ބަޔަކު މިހާރު ނުފެންނަ ކަމަށާއި ރައްޔިތުން ތިބީ ގުޅިފައިވާ ޕާޓީތަކާއެކުގައި ކަމަށެވެ. 
 
ޢަލީ ޒާހިރު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ރަށްރަށުގައި ބާއްވާ ޖަލްސާތަކަށް ބަލައިލިއަސް އެކަން ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމަށާއި އެޖަލްސާތަކަށް މީހުން ގޮސް އުޅެނީ އެއްވެސް މަޖްބޫރުކަމެއްނެތި ދާހިތުން ކަމަށެވެ. އަދި މީހުން ގެންދާކަށް މާބޮޑު މަސައްކަތެއްވެސް ނުކުރާ ކަމަށާއި ހަމައެކަނި ހާމަކޮށްލަނީ ޖަލްސާއެއް އޮންނަ ތަނާއި އެއޮންނަ ގަޑިއެއް ކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ. ޖަލްސާ އޮންނަ ތަނާއި، ގަދި ހާމަކުރުމާއެކު ޖަލްސާއެއް ބާއްވާ ރަށަކާއި ކައިރި ރަށްރަށުން މީހުން އަމިއްލައަށްވެސް ޖަލްސާއަށް އަންނަކަން އޭނާ ފާހަގަ ކުރެއްވިއެވެ.
 
ޢަލީ ޒާހިރު ވިދާޅުވީ އެކަން އެނގިގެން ދަނީ ހަމައެކަނި ގުޅިފައިވާ ޕާޓީތަކަށް ތާއީދުކުރާ ފަރާތްތަކަށް އެކަނި ނޫން ކަމަށާއި އެކަން ސަރުކާރަށާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކަށްވެސް އެނގޭ ކަމަށެވެ. ނަމަވެސް އެފަރާތްތަކުން އެކަން ޤަބޫލް ކުރަން ބޭނުން ނުވަނީ ކަމަށްވެސް ޢަލީ ޒާހިރު ވިދާޅުވިއެވެ.
 
"އެބޭފުޅުން މީޑިއާ ކުރިމަތީގައި އެކަން ޤަބޫލް ކުރަން ބޭނުން ނުވަނީ. އެކަމަކު އެބޭފުޅުން އެބޭފުޅުންނަށް އެވާހަކަ ދައްކަވާނެކަން ޔަޤީން ކަށަވަރު." ޢަލީ ޒާހިރު ވިދާޅުވިއެވެ.
 
އަލީ ޒާހިރު ވިދާޅުވި ގޮތުގައި، ސަރުކާރުން ބާއްވާ ޖަލްސާތަކަށް މީހުން ގެންދަނީ ގަދަކަމުން މަޖްބޫރުކޮށްގެން ކަމަށާއި ވަޒީފާއިން ވަކިކުރާނެކަމުގެ ބިރު ސަރުކާރުން ދައްކަމުންގެންދިޔަ ނަމަވެސް ސަރުކަރުން ބާއްވާ ޖަލްސާތަކަށްދާ މީހުން މަދުކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކާއި ހުރިހާ ވަޒީރުންނާއި މަޖިލިސް މެންބަރުން ރަށްރަށަށް ގޮސްގެންވެސް ރަނގަޅު ބޮޑު ޖަލްސާއެއް ބާއްވާ ނުލެވޭކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.
 
އޭނާ ވިދާޅުވީ އެކަންކަމުން ހާމަވަނީ މިސަރުކާރަށް ރައްޔިތުން ތާއީދު ނުކުރާކަން ކަމަށާއި ކޮންމެ ރައްޔިތަކުވެސް ބޭނުންވަނީ މިކަމުން ސަލާމަތް ވުމަށް ކަމަށެވެ.
 
"މިހާރު ނުފެނޭ ސަރުކާރަށް ތާއީދު ކޮށްގެން ހިތުން ރުހުމުން އުޅޭތަނެއް. މިފެންނަނީ ރައްޔިތުން އަޅުގަނޑުމެންގެ އިންތިޒާރުގައި ތިބޭތަން. ކޮންމެ މީހަކުވެސް ބޭނުންވަނީ މިކަމުން އަވަހަށް ސަލާމަތްވާން. މިއަނިޔާވެރިކަމުން މިންޖުވާން" ޢަލީ ޒާހިރު ވިދާޅުވިއެވެ.
 
ޢަލީ ޒާހިރު ވިދާޅުވީ މަގުމައްޗަށް ނިކުމެ ރައްޔިތުންގެ ތާއީދު އޮތްވަރު ދައްކާލުމަށް ފުރުސަތެއް ދީފިނަމަ އެކަން ވަރަށް ފުރިހަމައަށް ދައްކާލައްވާނެ ކަމަށެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ