އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނު ދެމީހުން ޝަހީދުވެއްޖެއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ވައިގެ ހަމަލާ ދީފައިވަނީ ޣައްޒާގެ އުތުރުން ޣައްޒާ-އިސްރާއީލު ގުޅޭ ސަރަހައްދީ އިމުގެ ބައިތު ލާހިއާއަށެވެ.
މިހަމަލާ ދިންކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދެކޮޅު ހެދިނަމަވެސް ފަލަސްތީނު ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އިސްރާއީލު ސިފައިން ހަމަލާދިނީ ފަލަސްތީނު ދެމީހުން ދަތުރުކޮށްފައި ދިޔަ ސައިކަލަށް ކަމަށެވެ.
"ޣައްޒާގެ އުތުރުގެ ބައިތު ލާހިއާގައި އެދެމީހުން ސައިކަލުގައި ދަނިކޮށް އިސްރާއީލުން ހަމަލާ ދީފައިވަނީ" ފަލަސްތީނު ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލްޤުދުރާ ވިދާޅުވިއެވެ. މިހަމަލާގައި ޝަހީދުވެފައިވަނީ އުމުރުން 20 އަހަރަށްދާ ހުސައިން ޣާޒީ ނަސްރުﷲއާއި، މުސްތަފާ އަލްސުލްތާން ނަމަކަށްކިޔާ ދެމީހުން ކަމަށްވެސް ޤުދުރާ ވިދާޅުވިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގެ އުތުރަށް ސިފައިން މިއަދު އެއްވެސް ހަމަލާއެއް ނުދޭ ކަމަށެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ފަލަސްތީނުގެ ދެމީހުން އަނެއްކާވެސް މިޝަހީދުކޮށްލީ، ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީގޮތުން ބަލައިގަތުމާ ގުޅިގެން އެކަމާ ދެކޮޅަށް ފަލަސްތީނުގެ ރަށްތަކުގައި ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިދިޔަ ހަފްތާގެ ބުދަދުވަހުން ފެށިގެން މުޒާހަރާތައް ކުރިއަށްދާއިރު، އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި ފާއިތުވީ ހަދުވަހުގެ ތެރޭގައި ފަލަސްތީނުގެ ހަމީހުން ޝަހީދު ކޮށްލާފައި ވެއެވެ. މީގެތެރެއިން ހަތަރު މީހުން ޝަހީދުވެފައިވަނީ އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައެވެ. އަނެއް ދެމީހުން ޝަހީދުވެފައިވަނީ އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުންނެވެ.
ޣައްޒާ ތެރެއިން ލާފައި އިސްރާއީލަށް ރޮކެޓް ހަމަލާދިން ކަމަށްބުނެ އިސްރާއީލު ސިފައިން ގެންދަނީ ވައިގެ މަގުން ޣައްޒާގެ ތަންތަނަށް ހަމަލާ ދިނުމުގެ އިތުރުން ބޮޑުބަޑިންވެސް ހަމަލާތައް ދެމުންނެވެ. ހަމަލާތައް އަމާޒުކުރަނީ ޣައްޒާގައި ހުރި ހަމާސްގެ މަގާމުތަކަށް ކަމަށް އިސްރާއީލުން ބުނެއެވެ.
ގުދުސް މައްސަލާގައި ފަލަސްތީނުގެ ރަށްތަކުގައި ވަރުގަދައަށް މުޒާހަރާތައް ކުރިއަށްދާއިރު، އިސްލާމީ އުންމަތުގެ އެކި ހިސާބުތަކުގައި އެމެރިކާއާއި އިސްރާއީލަށް ދެކޮޅަށް މެދުނުކެނޑި މުޒާހަރާތައް ކުރިއަށް އެބަގެންދެއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ފަލަސްތީނު ދެމީހުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ