މިއަދުގެ ސަރުކާރުގެ އަމަލުތައް ހުރިގޮތުން ބައިނަލްއަގުވާމީ ފަރާތްތަކުން ރާއްޖެ އަށް އިގްތިސާދީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅު އަޅާފާނެތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސްރީލަންކާ އަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެކި އެކި ފަރާތްތަކާ މެދު ސިޔާސީ ދައުވާތައް މި ސަރުކާރުން ކުރަމުން ދާތީ ބޭރުގެ ފަރާތްތަކުން ރާއްޖެ އަށް "ޖޯކު ޖަހަމުންދާ" ކަމަށެވެ.
"އެބޭފުޅުން [ބޭރުގެ ފަރާތްތައް] ދެކެނީ މިއަދުގެ ސަރުކާރުން ކުރާ ކަންތައްތަކަކީ ފްރޭމް ކުރެވިގެން ކުރެވޭ ކަންތައްތަކެއްގެ ގޮތުގައި. މިހާރު މިއޮތް ގޮތަށް ސިޔާސީ ވެރިންނަށް ދައުވާކޮށް ހުކުމްކޮށްފި ނަމަ އިކޮނޮމިކް ސެންކްޝަންސްތަކެއް އައިސްދާނެތީ ބިރު އަޅުގަނޑަށް އެބައޮތް. އެހެންވެއްޖިއްޔާ އަޅުގަނޑުމެންގެ ގައުމުގެ ރައްޔިތުން ބަނޑަށް ޖެހޭނެ. މި ގައުމުގެ ރައްޔިތުންނަށް އޭރުން ލިބޭނެ އެއްވެސް ހެވެއް ނެތް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސަރުކާރުން ސިޔާސީ ވެރިންނާ މެދު ކުރާ ދައުވާތަކަކީ "ތާކުންތާކުން ނުޖެހޭ" ދައުވާތަކެއް ކަމަށެވެ. އަދި ރާއްޖެއަށް އިގްތިސާދީ ތަދުމަޑު ކަމެއް އައުމުގެ ކުރިން ސިޔާސީ ބޭފުޅުންނާ މެދު ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ގޮވާލާ ކަމަށް ގާސިމް ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވު މުޒާހަރާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެ ދުވަހު އެއްވެސް ހަމަނުޖެހުމެއް ހިންގަން ބޭނުން ނުވީ ގައުމު ހަލޮބޮލި ކުރަން ބޭނުން ނުވާތީ ކަމަށެވެ. ގާސިމް ވިދާޅުވީ ޖޭޕީއާ އެމްޑީޕީ އިން ބޭނުންވީ ސުލްހަވެރިކޮށް ގާނޫނީ އިމުގެ ތެރެއިން އެފަދަ އެއްވުންތައް ބާއްވަން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން ގައުމު ހަލަބޮލި ކުރާކަށް. އަޅުގަނޑު ބޭރުގައި ހުރި ނަމަވެސް އަޅުގަނޑުމެންގެ ވިސްނުމާއި ހިޔާލާތު ވަރަށް ރަނގަޅަށް ރައްޔިތުންނަށް އިއްވައި ދިނިން. ދެން އަނެއް އެހާ ގިނަ މީހުން ބައިވެރިވި ހިނގާލުމުގައި ބައިވެރިވި އިރު ހިޔާލުތަފާތު ބޭފުޅުން ވެސް ހުންނާނެ ދެއްތޯ،" ގާސިމް ވިދާޅުވި އެވެ.
ސަރުކާރަށް ކުރެއްވި ޑިމާންޑުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތެއް ކަމަށް ސަރުކާރުން ބުނެފައި ވާތީ އެކަމަށް ރަށްދު ދެއްވައި ގާސިމް ވިދާޅުވީ އެބޭފުޅުން ކުރެއްވި ޑިމާންޑުތަކަކީ މިގައުމަށް ބޭނުންތެރި ޑިމާންޑުތަކެއް ކަމަށެވެ.
ބޭރުގެ ފަރާތްތަކުން ދަތި ކުރުމުގެ ފިޔަވަޅު އަޅާފާނެތީ ކަންބޮޑުވޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ