ނަޝީދުގެ މައްޗަށް ކުރާ ދައުވާ އަނބުރާ ގެނައުމަށް ގާސިމް ގޮވާލައްވައިފި

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އަނބުރާ ގެންދެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
~
ޖުމްހޫރީ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ގާސިމް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުވާ އުފަންޖެހޭ ގާނޫނީ ހަސިއްޔަތެއް ނެތް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި "އޭނާގެ ގޮތުގައި އޭނާ ހިފެހެއްޓުމަށްފަހު" އިސްތިއުފާ ދެއްވުމުން އަބްދުﷲ ގާޒީ ވެސް މިނިވަން ވެގެން ދިޔުމުން ކަމަށެވެ.
"ގާނޫނު އަސާސީގައި އެބަބުނޭ އެއް ކަމަކަށް ދެ އަދަބެއް ނުދެވޭނޭ، އަޅުގަނޑު ޑިމާޑުކުރެއްވި ގޮތަށް އޭނަ އެކަންތައް ކުރެއްވި. ކޮން ގޮތަކަށް؟ އަޅުގަނޑު ޑިމާންޑު ކުރީ އިސްތިފާ ދިނުމަށްފަހު ދާށޭ ނޫނިއްޔާ ގާނޫނު އަސާސީއަށް ރުޖޫއަވާށޭ. އޭނަ [ރައީސް ނަޝީދު] އިސްތިއުފާ ދީފަ ދިޔައީ ދެއްތޯ. ދެން އަނެއްކާ މިއަދު ކީއްކުރަންތޯ ރައީސް ނަޝިދުގެ މައްޗަށް ޝަރީއަތް ކުރުމުގެ ގާނޫނީ ހައިސިޔަތެއް ނެތެއް ނޫންތޯ. އޭނަ އިސްތިއުފާދީފަ އޭނަ ވެރިކަމުން ފައިބައިގެން ދިޔައީ ނޫންތޯ. އަބްދުﷲ ގާޒީ ސަލާމަތުން އޭނަގެ ގޮނޑީގައެއް ނޫންތޯ އެއިންނެވީ،" ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީއާއެކު މާދަމާ ރޭ ސޮއިކުރާ އެއްބަސްވުން ޖުމްހޫރީ ޕާޓީގެ ކައުންސިލުން ފާސްކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މި ވާހަކަތަކަކީ ގާސިމަށް ވެރިކަން ދޭން ނަޝީދު ބުނެފައި ވާތީ ދައްކަމުންދާ ވާހަކަތަކެއް ނޫން ކަމަށެވެ.
"މިއީ އަޅުގަނޑު ގަބޫލުކުރާ ހަގީގަތް. ކޮބައިތޯ އިންސާފު. އިންސާފު ލިބުނީއެއް ނޫންތޯ. މިއަށްވުރެއް ބޮޑު އިންސާފެއް ވަކި އެބައޮތްތޯ. ވަރަށް ސާބިތުކަމާއި އެކު މި ދަންނަވަނީ. އެހެންވީމަ އަޅުގަނޑު ޕްރޮސިކިއުޓާ ޖެނެރަލަށް ގޮވާލަން އެ މައްސަލަ އަވަހަށް އަނބުރާ ގެންނެވުމަށް. ތިއީ ހަމަ ޒާތީ މައްސަލައެއް،" ގާސިމް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ދަތިކުރުމުގެ ފިޔަވަޅުތަކެއް "ތިމަންމަނިކުފާނަށް" އެޅުއްވި ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ބައެއް މީހުން އެބަ ދައްކާ އަޅުގަނޑު މުހައްމަދު ނަޝީދު ފަހަތުން މި އުޅެނީ އޭނަ އަޅުގަނޑަށް ވެރިކަން ހޯދައިދޭތީއޭ. އަޅުގަނޑެއް ނޫން މީހަކަށް ވެރިކަން ހޯދައިދެނީއެއް އަދި އެހެން މީހެއް ވެސް ނޫން އަޅުގަނޑަށް ވެރިކަން ހޯދައިދެނީއެއް. ހުރިހާއެއްޗެއް ވެސް އިންސާނުންނަށް ދެއްވަނީ ﷲ އެހެންނޫންތޯ..،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ 65 އަހަރުން މަތީ އުމުރުގެ ބޭފުޅުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތް ހެއްދެވުމަކުން ބިރު ނުގަންނަ ކަމަށެވެ. އަދި އޭނާއަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތްވި ކަމުގައި ވިއަސް "އެއްވެސް މައްސަލައެއް ނެތް ކަމަށް" ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ މައްސަލައަކީ އަޅުގަނޑަށް ކުރިމަތިލެވޭ ގޮތް ވުން ނުވަތަ ނުވުމެއް ވެސް ނޫން. އެކަމަކު ޒާތީކޮށް މީހަކާ ދިމާކުރާ ގޮތަށް އައިމަކާއެއް ރަނގަޅެއް ނުވާނެ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ