ބަހާލައިގެން ކަރަންޓު ބިލު ދައްކަން އެދޭ ކަސްޓަމަރުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ކޮވިޑް 19 ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން ކަރަންޓު ބިލު ދެއްކުމަށް ދަތިތަކާ ކުރިމަތި ވެފައިވާ ކަސްޓަމަރުންނަށް ބިލުތައް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ހުޅުވާލައި އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސްޓެލްކޯއިން މިއަދު ކުރި ޓުވީޓެއްގައި ވަނީ https://stelco.com.mv/rpex އިން މި ފޯމު ލިބޭނެ ކަމަށް ބުނެފައެވެ. އަދި ބަހާލައިގެން ދެއްކޭނީ މާޗު، އޭޕްރީލް، މެއި އަދި ޖޫން މަހުގެ ބިލްތައް ކަމަށް ސްޓެލްކޯއިން ބުނެއެވެ. މީގެ އިތުރުން ސްޓެލްކޯގެ ކައުންޓަރުންވެސް މި ފޯމު ލިބޭނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
މިދިޔަ ހަފްތާގައި ސްޓެލްކޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު، ހަސަން މުގުނީ ވިދާޅުވީ ބިލުތައް ބަހާލައިގެން ދައްކަން އެދުމަށް ފޯމު ހުށަހެޅުމަށް ދޭނީ ދެ ހަފްތާގެ މުއްދަތެއް ކަމަށެވެ.
ކޮވިޑް 19 އާއި ގުޅިގެން ސްޓެލްކޯއިން ވަނީ ކޮވިޑް 19 ޑިސްކައުންޓުގެ ގޮތުގައި މާޗް، އޭޕްރީލް އަދި މެއި މަހުގެ ކަރަންޓު ބިލުން 40 އިންސައްތަ ޑިސްކައުންޓް ދީފައެވެ. އަދި މިދިޔަ މަހުގެ ކަރަންޓް ބިލު އާދަޔާ ހިލާފަށް ބޮޑުކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރުމުން ކަރަންޓު ބިލު ބޮޑު ވީ މި ޑިސްކައުންޓު ކަނޑައިލުމުން ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ. ނަމަވެސް ރައްޔިތުންގެ ޝަކުވާތަކާ އެކު ޖޫން މަހުގެ ބިލުން ވެސް 40 އިންސައްތަ ޑިސްކައުންޓު ދިނުމަށް ނިންމައި މިހާރު ވަނީ ބިލުތައް ރަނގަޅު ކުރަން އަނބުރާ ގެންގޮސްފައެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އޭޕްރީލް އަދި މެއި މަހުވެސް ވަނީ ކަރަންޓް ބިލުން 40 ޕަސެންޓްގެ ޑިސްކައުންޓެއް ދީފައެވެ. އެގޮތުން ސްޓެލްކޯ މެދުވެރިކޮށް 92،588 ގޭބީސީއެއްގެ ކަރަންޓް ބިލުން 50 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދިނެވެ. އަދި ފެން ކުންފުނި މެދުވެރިކޮށް 33،198 ގޭބީސީއަކަށް 9.8 މިލިއަން ރުފިޔާގެ ޑިސްކައުންޓާއި ފެނަކަ މެދުވެރިކޮށް 12،661 ގޭބީސީއަކަށް 0.3 މިލިއަން ރުފިޔާގެ ޑިސްކައުންޓްވެސް ސަރުކާރުން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ