ޅ. އަތޮޅުގެ މެޖޯރިޓީ ޕީޕީއެމަށް ހޯދައިދޭނަން: އަހުމަދު މުހައްމަދު
މިމަހު 28ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޅ. ނައިފަރުން ތިންބައިކުޅަ ދެބައި އަދި އެހެން ރަށްރަށުން ވެސް ބޮޑު މެޖޯރިޓީއެއް ޕީޕީއެމަށް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވަން ނިންމެވުމަށް ފަހު ނަސަންދުރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ހަވީރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި އަހުމަދު ވިދާޅުވީ ޔާމީނަށް ވޯޓް ހޯއްދަވައިދެއްވުމަށް ވަރަށް ހަރަކާތްތެރިކަމާ އެކު މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅު އެމްޑީޕީ އަނބުރާ ވެރިކަމަށް ނުގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. "ރާއްޖެތެރޭގެ ވަރަށް ގިނަ ރަށްރަށާ ވެސް އަޅުގަނޑާ ގުޅުން އޮންނާނެ. އެ ރަށްރަށާ ގުޅައިގެން ވެސް އަޅުގަނޑު ބަލާނަން ވީހާ ވެސް ގިނަ އަދަދަކަށް ޕީޕީއެމްގެ ކެންޑިޑޭޓަށް ރަނގަޅު ވޯޓްކޮޅެއް ހޯދައިދެވޭތޯ،" ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި އަދިވެސް ހުންނެވި އަހުމަދު ވިދާޅުވި އެވެ. ސެޕްޓެމްބަރު ހަތެއްގައި ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި ނައިފަރުން އެންމެ ގިނަ ވޯޓް ހޯދީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދެވެ. އެމްޑީޕީއަށާއި ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަހުމަދު ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ ގައުމަށް އެހާ ރަނގަޅު ފިކުރެއް ނޫން ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ދެ ކަމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "ބިރަކާ ނުލާ މަޖާކުރުން" ސިޔާސަތާއި އެ ޕާޓީގެ އިސްވެރިން އިސްލާމް ދީނާ ބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކެވެ. އަހުމަދު ވިދާޅުވީ "ބިރަކާ ނުލާ މަޖާކުރުން" ސިޔާސަތު ޕްރޮމޯޓް ކުރުމަށް އެމްޑީޕީން ބޭނުންކުރަނީ އަހުލާގީ ގޮތުން ދަށުދަރަޖައިގެ އަމަލުތަކެއް ދަށްކުވައިދޭ ކަންތައްތަކެއް ކަމަށާއި އެކަންތައްތަކުގެ ސަބަބުން ޒުވާން ޖީލަށް ކުރާނެ އަސަރުތައް ވިސްނަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އިސްލާމް ދީން ނޫން އެހެން ދީނެއް ރާއްޖޭގައި އޮންނަން ފުރުސަތު ދީގެން ނުވާނެ ކަމަށާއި ޔާމީނަށް ވޯޓް ދޭން ޖެހެނީ ގައުމާއި ދީން ސަލާމަތްކުރުމަށް ކަމަށެވެ. "ކުރީގައި މުހައްމަދު ނަޝީދަށް ވޯޓް ދެއްވި ހުރިހާ ބޭފުޅުން ވެސް މިކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ. ބަހާ ލާރި ކޮޅަކަށް ގައުމު ވިއްކާލާކަށް ނުވާނެ. ތިމާމެންގެ ދަރިން ހިތައް އެރި ގޮތަކަށް ދޫކޮށްލައިގެނެއް ނުވާނެ. ފައްސަތޭކަ ރުފިޔާ ނުވަތަ 1000 ރުފިޔާ ނުވަތަ ގޭގެ ފުރާޅުގައި ޖަހާ ޓިނު ކޮޅަކަށް ގައުމު ވިއްކާލެވެނީ. އެއީ ކަނޑައެޅިގެން ހަރާމް ރިޝްވަތުގެ އަމަލު،" އޭނާ ވިދާޅުވި އެވެ. އެމްޑީޕީގެ ތެރޭގައި ވަރަށް ރަނގަޅު ވިސްނުމުގެ މީހުން ތިބި ކަމަށާއި ނަމަވެސް އެ މީހުންނަށް ޕާޓީގެ އިސް ސަފުން ޖާގައެއް ނެތް ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ. ނަމަވެސް، އޭނާ ވިދާޅުވީ އެމްޑީޕީގެ "މުސްތަގުބަލް ވެސް ރަނގަޅު ވުމަށް އަޅުގަނޑު އެދެން" ކަމަށެވެ. އަހުމަދު ވިދާޅުވި ގޮތުގައި އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ނަޝީދަށް ތާއީދުކުރުމަށް ޑީއާރުޕީން ނިންމި ނިންމުމަކީ ގައުމު މިހާރު އޮތް ހާލަތަށް ބަލާއިރު ރަނގަޅު ނިންމުމެއް ނޫނެވެ. ޕީޕީއެމްގެ ކެމްޕެއިނާ ގުޅިވަޑައިގަތީ އެސަބަބަށްޓަކައި ކަމަށާއި ނަމަވެސް ޑީއާރުޕީން ވަކިވުމާ މެދު ގޮތެއް ނިންމާނީ ރިޔާސީ އިންތިހާބަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ