ބްރިޖް އަޅަން ރަސްމީކޮށް ސީސީސީސީ އަށް، ޖޫން 2018 ގައި ބޭނުންކުރަން ފަށާނެ
މާލެ އާއި ހުޅެލެއާ ދެމެދު ބްރިޖް އެޅުމުގެ މަސައްކަތް ރަސްމީކޮށް ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންއާ މިދިޔަ ބުރާސްފަތި ދުވަހު ހަވާލުކޮށްފައިވާ ކަަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ. މުއްތަލިބް "ހަވީރަ"ށް ވިދާޅުވީ ބްރިޖް އަޅަން އެންމެ ގާބިލް ކުންފުނި ހޮވައި، އެ ކުންފުންޏާ މަސައްކަތް ހަވާލުކުރިކަން ޗައިނާ ސަރުކާރުން މިހާރު ވަނީ ދިވެހި ސަރުކާރަށް ރަސްމީކޮށް އަންގާފައި ކަމަށެވެ. ކޮންޓްރެކްޓަރު ރާއްޖެ އައިސް ބްރިޖް މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެސް ލަސްތަކެއް ނުވެ ފަށާނެ ކަަމަށް އޭނާ ވިދާޅުވި އެވެ. "ދެ ސަރުކާރުގެ ދެމެދު އަދި އެގްރީމެންޓްތަކެއްގައި ސޮއިކުރަން އެބަހުރި. އަޅުގަނޑުމެން މިބަލަނީ ޑިސެމްބަރު މެދު ތެރޭގައި ހުރިހާ އެގްރިމެންޓްތަކެއްގައި ސޮއިކުރެވި އަމަލީ މަސައްކަތް ފެށޭނެ ކަމަށް،" މުއްތަލިބް ވިދާޅުވި އެވެ. މުއްތަލިބް: ޝެޑިއުލަށް ވުރެ ކުރިން ބްރިޖް މަސައްކަތް ނިމޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވިދާޅުވި. އޭނާ ވިދާޅުވި ގޮތުގައި ޕްރޮޖެކްޓް ކުރިއަށް ގެންދަން ޗައިނާ ސަރުކާރުގެ އިސް ވަފުދެއް ވެސް ރާއްޖެ އަންނާނެ އެވެ. ކުރިން ވެސް ރާވާފައި އޮތް ގޮތަށް ޝެޑިއުލާ އެއްގޮތަށް ޕްރޮޖެކްޓް ކުރިއަށް ދާނެ ކަަމަށް މުއްތަލިބް ވިދާޅުވި އެވެ. މާލެ-ހުޅުލެ ބްރިޖަކީ ޗެލެންޖިން މަސައްކަތެއް މުއްތަލިބް ވިދާޅުވީ ބްރިޖްގެ ފީސިބިލިޓީ ސްޓަޑީ ދިރާސާކުރީ މުޅި ޗައިނާ އިން ހޮވާލެވުނު އެކްސްޕާޓުންގެ ޓީމަކުން ކަމަށެވެ. އޭގެ ތެރޭގައި ޖިއޯ ޓެކްނިކަލް އާއި ސިވިލް އިންޖިނިއަރުންގެ އިތުރުން އޮފްޝޯ އިންޖިނިއަރުން ހިމެނުނު ކަމަށް ވިދާޅުވި އެވެ. "އެ ރިޕޯޓްގައި ހުރި މައުލޫމާތުތަކަށް ބަލައި އެ ބޭފުޅުން [އެކްސްޕާޓުން] ނިންމެވީ މިއީ ވަރަށް އާދަޔާހިލާފު، މިކަހަލަ މަސައްކަތް ކުރަން ޖެހޭ ވަރަށް ވުރެ ތަފާތު ގޮތަކަށް ކުރަން ޖެހޭ މަސައްކަތެއް ކަމަށް. ކޮންމެ ކޮންމެ ކުންފުންޏަކަށް ކުރެވޭނެ މަސައްކަތެއް ނޫން ކަަމަށް،" މުއްތަލިބް ވިދާޅުވި އެވެ. މާލެ އާއި ހުޅެލެއާ ދެމެދު ބްރިޖް އަޅާ ސަރަހައްދުގައި ދެކޮޅަށް އޮއިދެމޭތީ ބްރިޖް އަޅަން ދަތިތަކެއް ކުރިމަތިވާނެ ކަމަށް އެކްސްޕާޓުން ދެކެ އެވެ. ބްރިޖް އަޅަން ހުރި ގޮންޖެހުންތައް ބަލައި އެކްސްޕާޓުންގެ ލަފައާ އެކު ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް އިން ޝޯޓް ލިސްޓް ކުރީ ތިން ކުންފުންޏެވެ. އެއީ ސީސީސީސީގެ އިތުރުން ޗައިނާ ރެއިލްވޭ މޭޖަ ބްރިޖް އިންޖިނިއަރިން އާއި ޝިއުޒާން ރޯޑް އެންޑް ބްރިޖް ކޮންސްޓްރަކްޝަނެވެ. ތިން ކުންފުނިން ބިޑް ހުށަހެޅިއިރު، ޓެކްނިކަލީ ހުރިހާ ކުންފުންޏެއް ވެސް ބްރިޖް އަޅަން ކޮލިފައިވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ. އެކަމަކު ޗައިނާ ސަރުކާރުން އިސްކަން ދިނީ އެންމެ ރަނގަޅު އަގެއް ހުށަހެޅި ކުންފުންޏަށެވެ. "މިއީ ވަރަށް ޓްރާންސްޕޭރެންޓްކޮށް ކުރިއަށް ދިޔަ ބިޑިން ޕްރޮސެސްއެއް. މިކަމުގައި އެއްވެސް ގޯހެއް ހިނގާފައި އޮންނާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" މުއްތަލިބް ވިދާޅުވި އެވެ. މާލެ ހުޅުލެ ބިޑް ހުޅުވުމުގެ ރަސްމިއްޔާތު: ބްރިޖް އަޅާ ކުންފުނީގެ ޓީމެއް ވަރަށް އަވަހަށް މާލެ އަންނާނެ. --ފޮޓޯ: ހައުސިން މިނިސްޓްރީ ސީސީސީސީގެ އަގަށް ބަލާއިރު ބްރިޖް އެޅޭނެ ކަމަށް ކުރިން ލަފާކުރީ 300 މިލިއަން ޑޮލަރެވެ. އެކަމަކު ބްރިޖް އަޅަން އެ ކުންފުނި ހުށަހެޅި އަގަކީ 200 މިލިއަން ޑޮލަރު ކަމަށް މުއްތަލިބް ވަނީ ވިދާޅުވެފަ އެވެ. މާލެ-ހުޅުލެ ބްރިޖު: ދިގުމިނުގައި 1.39 ކިލޯމީޓަރުދެ ކޮޅުގައި ހަދާ މަގުތަކާ އެކު މުޅި ބްރިޖުގެ ދިގުމިން ގާތްގަނޑަކަށް 2 ކިލޯމީޓަރަށް އަރާފުޅާމިނުގައި 20.3 މީޓަރުހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ 2 ލޭން އޮންނާނެސައިކަލް ދުއްވަން ދެ ލޭން އޮންނާނެބައިސްކަލަށް ހާއްސަ ލޭނެއް ވެސް ހަދާނެހިނގާ މީހުންނަށް ވެސް ހާއްސަ ލޭނެއް ބްރިޖްގެ ކޮންޓްރެކްޓަރުގެ އަގަކީ 200 މިލިއަން ޑޮލަރު މަސައްކަތް ހަވާލުކުރި ސީސީސީސީ އަކީ އެ ކުންފުނީގެ ދަށުން ހިންގާ އެހެން ކުންފުންޏަކަށް ވޯލްޑް ބޭންކުން އައިސްފައިވާ ސަސްޕެންޝަނަކާ ގުޅިގެން، ވޯލްޑް ބޭންކުން ފައިނޭންސް ކުރާ ޕްރޮޖެކްޓްތަކުގައި ޖެނުއަރީ 2017އާ ހަމައަށް ބައިވެރި ނުވެވޭ ކުންފުންޏަކަށް ވިޔަސް އެ ކުންފުނިން ކުރި އެއްވެސް މަސައްކަތަކާ މެދު އެއްވެސް ބަޔަކު ސުވާލު އުފައްދާފައި ނުވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ. ސީސީސީސީ އިން އަޅާފައިވާ ހެންޒޫ ބޭ ބްރިޖް: މިއީ އެ ކުންފުނިން ކޮށްފައިވާ ފާހަގަކޮށްލެވޭ މަސައްކަތެއް. ދުނިޔޭގެ ނިސްބަތުން އެ ކުންފުނިން ފާހަަގަކޮށްލެވޭ ބްރިޖްތަކެއް އަޅާފައިވެ އެވެ. މިސާލެއްގެ ގޮތުން މުއްތަލިބް ފާހަގަކުރެއްވީ ކަނޑު ހުރަސްކޮށް ޗައިނާގައި އަޅާފައިވާ 35 ކިލޯ މީޓަރުގެ ބްރިޖެވެ. އެއީ ގޮންޖެހުން ވަރަށް ބޮޑު މަސައްކަތެއް ކަަމަށް ވިދާޅުވި އެވެ. "އެ ބްރިޖްގެ ފުން މިނަކީ ގާތްގަނޑަކަށް 30 މީޓަރު. އެކަމަކު ކަނޑާއި ކޯރާ ގުޅޭ ސަރަަހައްދު ވީމަ ވެލިގަނޑު ތަފާތު، ޗަކަ ގޮތަށް އިންނަނީ. އެތަނުގައި އެހެރީ 100 މީޓަރު އަޑިއަށް ޕައިލްކޮށްފައި،" މުއްތަލިބް ވިދާޅުވި އެވެ. ޖޫން 2018 ގައި ބްރިޖް ބޭނުންކުރަން ފަށާނެ އިކޮނިމިކް ކައުންސިލްގެ ކުރީގެ ކޯޗެއާ އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ކުރިން ވިދާޅުވަމުން ގެންދެވީ 2017 ގައި ބްރިޖް ހުޅުވޭނެ ކަމަށެވެ. އެކަމަކު އެމަނިކުފާނު އެގޮތަށް ވިދާޅުވީ، ބްރިޖްގެ ކޮންޓްރެކްޓަރާ ނުވަތަ ހައުސިން މިނިސްޓްރީއާ އެކު މަޝްވަރާކޮށްފައި ނޫން ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މުއްތަލިބް ވިދާޅުވީ ބްރިޖް މަސައްކަތް ނިންމަން ސީސީސީސީއާ އެކު އެއްބަސްވީ 30 މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. ޗައިނާ ސަރުކާރުގެ އެހީގައި މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ ފައިނަލް ޑިޒައިން "ޕްރޮޖެކްޓް ނިންމަން ޖެހޭ 2018 ގެ ޖޫން އަށް. އެކަމަކު ޗައިނާގެ ޕްރޮޖެކްޓްތައް އަބަދުވެސް މުއްދަތަށް ވުރެ ދެތިން ހަތަރު މަސް ކުރިން ނިންމާ. އެހެންވީމަ 2018 ގެ ކުރީކޮޅު މި މަސައްކަތް ވެސް ނިމޭނެ ކަމަށް ލަފާކުރެވޭ،" މުއްތަލިބް ވިދާޅުވި އެވެ. އޭނާ ވިދާުޅުވި ގޮތުގައި 2018 ގެ ޖޫންގައި ބްރިޖް ބޭނުންކުރަން ފެށޭނެ ކަމުގެ އުއްމީދު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ