ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުއްﷲ ގާޒީ) ހައްޔަރު ކުރުމުގައި ފުލުހުންގެ އެއްވެސް ދައުރެއް ނުވާނެ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަސީހު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ކޯޓުގައި އަބްދުދﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ރައީސް ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ މިއަދު އޮތް ޝަރީއަތުއަގެ މަޖިލީހުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ތޮލްހަތާއި ދެކޮޅަށް ހުށަހަޅާފައިވާ އެކީންގެ ތެރެއިން ކުރީގެ ކޮމިޝަނަރު އަހުމަދު ފަސީހު މިއަދު ކޮޓުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރަން ސިފައިންނަށް ލަފާ ދީ ނުވަތަ އެފަދަ އެއްގުމެއްވެސް އަންގާފައި ނުވާނެ ކަމަށާއި އަދި އަބްދުﷲ ގާޒީ ހައްތަރު ކުރުމުގައި ފުލުހުންގެ އެއްވެސް ދައުރެއް ނުވާނެކަމަށެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފަސީހުގެ އިތުރުން ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް އަތީފުވެސް ވިދާޅުވީ ހަމަ އެގޮތަށެވެ.
ފަސީހު އަދި އަތީފުވެސް މިއަދު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމްއާ ދޭތެރޭ ވަރަށް ބޮޑަށް ކަންބޮޑުވެގެން ފުލުހުންގެ އިސް އޮފިސަރުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންނެވި ކަމަށާއި އަދި ހާއްސަކޮށް ފުލުހުން ކޮންމެ ދުވަހަކުހެން ކްރިމިނަކް ކޯޓަށް ވަޑައިގަންނަވަން ޖެހޭ ކަމަށާއި އެހެންކަމުން ކްރިމިނަލް ކޯޓުގެ ސަބަބުން މައްސަލަތައް ތަހުގީގު ކުރުމަށް ވަރަށް ބޮޑަށް ދަތިތަކެއް ކުރިމަތި ވެފައިވާ ކަމަށެވެ. ހާއްސަކޮށް އަބްދުﷲ ގާޒީގެ އަމަލުތައް ހުންނަގޮތުން އޭރުގެ ފުލުސް އިސް އޮފިސަރުންގެ މެދުގައި ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންނެވިކަމަށެވެ.
ޕީޖީގެ ވަކީލުގެ ސުވާލަކަށް ޖަވާބު ދެއްވަމުން ފަސީހު ވިދާޅުވީ އެދުވަސްވަރު މާލޭގެ ހާލަތު ހުރި ގޮތުން ސަރުކާރުގެ އިސްވެރިންނާއި ފުލުހުންނާއި ސިފައިން ވަރަށް ގިނައިން ބައްދަލުކޮށް މަޝްވަރާ ކުރާކަމަށާއި ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކުރާ ވާހަކައެއް ދެއްކިވި ހަނދާނެއް ނެތްކަމަށާއި އަދި ރައީސް ނަޝީދު އާއި ބައްދަލުވާ ބައެއް ވަގުތުތަކުގައި ފުލުހުންނަށް ދިމާވާ ގޮންޖެހުންތަލުގެ ވާހަކަތައް ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި ރައީސް ނަޝީދުވެސް އަބްދުﷲ ގާޒީ ހައްޔަރުކުރާ ވާހަކަ އެއް ހިއްސާކޮށްފައިނުވާ ކަމަށާއި އެމަނިކުފާނު ފުލުހުންނަށް ސިޓީއަކުން އަބްދުﷲ ގާޒީގެ މައްޗަށް ތުހުމަތު ކުރާ ކްރޮޕްޝަންގެ މައްސަލައެއް ތަހުގީގު ކުރުމަށް ދަންނަވާފައިވާ ކަމަށެވެ.
އެހެންކަމުން އެމައްސަލަ ތަހުގީގު ކުރުމަށް މައުލޫމާތު އޮޅުންފިލުވުމަށްޓަކައި ފުލުހުން އަބްދުﷲ ގާޒީއަށް ފުލުހުންގެ މުއައްސަސާއަށް ހާޒިރު ވުމަށް ޗިޓެއް ފޮނުވި ކަމަށާއި ނަމަވެސް އޭގެ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރުވުމަށް ހައިކޯޓުން ވަކިއެއްޗެއް އަންގަންދެން މަޑުކުރުމަށް ހައިކޯޓުން ފުލުހުންނަށް އަމުރެއް ނެރެފައިވާ ކަމަށެވެ. އެހެންކަމުން އޭގެ ފަހުން އަބްދުﷲ ގާޒީގެ މައްސަލަ ތަހުގީގު ނުކޮށް މަޑުކުރިގޮތަށް މަޑުކޮށްފައި އޮތީކަމަށެވެ. އަދި އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށުގައި ހައްޔަރު ކޮށްފައި ހުއްޓާވެސް އެމައްސަލަ ތަހުގީގު ނުކުރާކަމަށްވެސް ފަސީހު އަދި އަތީފުވެސް ވިދާޅުވިއެވެ.
ފަސީހު ވިދާޅުވީ އަބްދުﷲ ގާޒީއާމެދު ފިޔަވަޅު އަޅައިދެއްވުމަށް އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި އަދި އެސިޓީ ފޮނުވީވެސް ތޮލްހަތު އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. ނަމަވެސް އެސިޓީގައި އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ދަންނަވާފައި ނުވާނެ ކަމަށާއި ދަންނަވާފައިވާނީ އަބްދުﷲ ގާޒީ އާމެދު ފިޔަވަޅު އަޅައިދެއްވުމަށެވެ.
ފަސީހު އާއި އަތީފުގެ ހެކިބަސް ނެގުމަށްފަހު ފަނޑިޔާރު ވިދާޅުވީ ދެން އެމައްސަލާގެ އަޑުއެހުމެއް އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށެވެ. މިއަދުގެ ހެކިބަސް ނަގާފައިވަނީ ވަކިވަކިންނެވެ. އަދި ފަނޑިޔާރުންގެ އެއްވެސް ސުވާލެއް ފަސީހު އާއި އަތީފުއަށް ކުރިމަތިކުރުވާފައި ނުވެއެވެ.
ފަސީހު އާއި އަތީފް އަކީ ސިފައިންނާއި ފުލުހުންގެ މުއައްސަސާގައި ވަރަށް ގިނަ ދުވަހު ހިދްމަތް ކުރައްވާފައިވާ ދެބޭފުޅުންނެވެ. އެގޮތުން ފަސީހު 22 އަހަރު، އަތީފް 21 އަހަރަށް ވުރެ ގިނަ ދުވަހު ހިދްމަތް ކުރައްވާފައިވެއެވެ.
އަބްދުއްﷲ ގާޒީ ހައްޔަރު ކުރުމުގައި ފުލުހުންގެ އެއްވެސް ދައުރެއް ނުވާނެ: ފަސިހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ