ސުޕްރީމް ކޯޓުގެ ނިންމުން ތަންފީޒު ނުވާން ވީ ހާލަތެއް ނޯންނާނެ: އުއްތަމަ ފަނޑިޔާރު

ސުޕްރީމް ކޯޓުގެ ނިންމުންތައް ތަންފީޒު ނުވާން ވީ ހާލަތެއް، އަދި އެ ނިންމުންތައް ތަންފީޒު ނުކުރަންވީ ދުވަހެއް ރާއްޖޭގައި އޮވެގެން ނުވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ. ފަނޑިޔާރު ކަމަށް އަލަށް އައްޔަންކުރެއްވި ބޭފުޅުން ހުވާކުރުމަށް މިއަދު ހަވީރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުން ތަންފީޒުވާނެ ކަމަށާއި އެކަމާ ދޭތެރޭ އިތުރު ސުވާލެއް ނެތް ކަމަށެވެ. "...ސުޕްރީމް ކޯޓުގެ ނިންމުން ސައްހަތޯ ނޫންތޯ ކަނޑައަޅާނީ ކޮން ފަރާތަކުންތޯ؟ ސުޕްރީމް ކޯޓުގެ ނިންމުން އެއީ ޕްރޮސީޖާއާ އެއްގޮތަށް ދިޔަ ކަމެއްތޯ ނޫންތޯ ކަނޑައަޅާނީ ކޮންފަރާތަކުންތޯ؟ ދެން ވެސް ކަނޑައަޅާނީ ސުޕްރީމް ކޯޓުން. އެހެންވީމާ ސުޕްރީމް ކޯޓުގެ ނިންމުން ތަންފީޒު ނުވާން ވީ ހާލަތެއް، ނުކުރަންވީ ދުވަހެއް މި ގައުމުގައި އޮވެގެން ނުވާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރަައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއާ ވަރަށް ފަހުން ވާހަކަ ދެއްކެވި ކަމަށާއި ސުޕްރީމް ކޯޓުގެ ނިންމުން ތަންފީޒުކުރަން ޖެހިވަޑައިގަންވާނެ ކަމަށް ޝާހިދަށް ދެންނެވި ކަމަށެވެ. ސުޕްރީމް ކޯޓުގެ ނިންމުން ތަންފީޒު ކުރުމަށް ބާރު އަޅުއްވައި އުއްތަމަ ފަނޑިޔާރު ވާހަކަފުޅު ދެއްކެވިއިރު ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މުހަންމަދު ނާޝިޒުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން އެ ނިންމުން ސައްހަ ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އަދި އެ ދެބޭފުޅުންގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމަށް މަޖިލީހުގެ އިދާރާ އިން ވެސް ގަބޫލެއް ނުކުރެ އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓުގެ ނިންމުންތައް ހުރިހާ ފަރާތްތަކަކުން ވެސް ތަންފީޒުކުރަންޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުގެއާ ބެހޭ ގޮތުން ނުވަތަ ފަނޑިޔާރެއްގެ މައްޗަށް އޮތް ޝަކުވާ އުފުލުމަކީ ފަނޑިޔާރުގޭގެ ނިންމުންތައް ތަންފީޒު ނުކުރެވެންވީ ސަބަބެއް ނޫން ކަމަށެވެ. "ފަނޑިޔާރުގޭގެ ނިންމުންތައް ތަންފީޒު ނުކުރެވޭ ކަމަށް ވަންޏާ މި ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓިގެން ނުދާނެ. ފަނޑިޔާރުގެއާ މަތިކޮށްފައި އޮތީ ރޫލް އޮފް ލޯ ނެގެހެއްޓުން. އެހެންވީމާ ފަނޑިޔާރު ގޭގެ ނިންމުންތައް މި ރާއްޖޭގައި ތަންފީޒު ކުރެވެން ޖެހޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ޝަރުއީ ކޯޓުތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ފަނޑިޔާރުންނާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ވެސް އިންޒާރު ދެއްވައިފަ އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. މީޑިއާ އަށް އިޝާރާތް ކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނީ ސައްހަ މައުލޫމާތު ކަމަށެވެ. އަދި އޮޅުވާލުމެއްގެ ތެރެއިން، ކޯޓުގެ ހުރުމަތް ކެނޑުމަށް ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ވަކިވަކި ފަރުދުން ނުވަތަ ދައުލަތުގެ މުއައްސަސާތަކާއި ގުޅުން ހުރި މައުލޫމާތު ކަމަށް ވީ ނަމަވެސް ފޯރުކޮށްދެންޖެހޭނީ ސައްހަ މައުލޫމާތެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވެސް ސައްހަ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވާނަން ހުރިހާ ބޭފުޅުންނަށް ވެސް އެ މައުލޫމާތަކީ [ސައްހަ ނޫން މައުލޫމާތު] ކޯޓުތަކާ ގުޅުން ހުރި މައުލޫމާތު ކަމަށް ވަންޏާ، އެ މައުލޫމާތަކީ ފަނޑިޔާރުންނާ ގުޅުން ހުރި މައުލޫމާތު ކަމަށް ވަންޏާ ފިޔަވަޅު އަޅާނަމޭ. ކޯޓުގެ ހުރުމަތް ގެއްލޭ ކަމަށް ވަންޏާ ފިޔަވަޅު އަޅާނަމޭ. އޮޅުވާލުމެއްގެ ތެރެއިން ކޯޓު ކޮންޓެމްޓް ކުރާކަށެއް އަޅުގަނޑު ޖާގައެއް ނުދޭނަމޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު މީޑިއާ އަށް މިގޮތަށް އިންޒާރު ދެއްވާފައި މި ވަނީ ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުކިޔައި ރާއްޖެ ޓީވީ ގެނެސްދިން ރިޕޯޓެއްގެ މައްސަލަ ތަހުގީކުރުމަށް ފުލުހުންނަށް އެ ކޯޓުން އަމުރުކުރުމާ ގުޅިގެން އެ މައްސަލަ ފުލުހުން ބަލަމުންދާ ދަނޑިވަޅެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ