އަދީބުގެ މައްޗަށް ދައުވާކުރާނީ ޓެރަރިޒަމް މަނާ ކުރުމުގެ އާ ގާނޫނުގެ ދަށުން: އުމަރު

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާކުރާނީ ޓެރަރިޒަމް މަނާ ކުރުމުގެ އާ ގާނޫނުގެ ދަށުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. އަދީބުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، ރައްޔިތުންގެ މަޖިލީހުން އޭނާ މިއަދު މަގާމުން ދުރުކުރުމާ ގުޅިގެން އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ގައި އުމަރު ވިދާޅުވެފައިވަނީ އަދީބުގެ ސަބަބުން ސަރުކާރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި އޭނާގެ މައްޗަށް ދައުވާކުރާނީ ބޮޑެތި އަދަބުތަކަކާ އެކު އަމަލުކުރަން ފަށާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ އާ ގާނޫނުގެ ދަށުން ކަމަށެވެ. "އަދީބު މިހާރު ވަނީ ނައިބު ރައީސްގެ މަގާމުން ވަކިކޮށްފައި. އޭނާގެ މައްޗަށް އަޅުގަނޑުމެން ދައުވާކުރާނީ ފަހުން އަމަލުކުރަން ފެށި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން،" އޭޕީގައި އުމަރު ވިދާޅުވެފައިވެ އެވެ. އަދީބުގެ މައްޗަށް ދައުވާކުރާނީ ޓެރަރިޒަމް މަނާ ކުރުމުގެ އާ ގާނޫނުގެ ދަށުން ކަމަށް އުމަރު ވިދާޅުވިޔަސް ގާނޫނު އަސާސީ ބުނާގޮތުން ކުރިން ކޮށްފައިވާ އޮންނަ ކުށަކަށް ފަހުން ހެދޭ ގާނޫނުގައި ބުނާ އުސޫލުތަކެއް ނުހިނގާނެ އެވެ. ރިޔާސީ ލޯންޗްގައި އެއްޗެއް ގޮއްވާލައި، ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކަމަށްވާއިރު ޓެރަރިޒަމް މަނާ ކުރުމުގެ އާ ގާނޫނަށް އަމަލުކުރަން ފެށީ އޭގެ އެއް މަސް ފަހުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެހެންވެ ބޮޑެތި އަދަބުތަކެއް ހިމަނާފައިވާ ޓެރަރިޒަމްގެ އާ ގާނޫނުގެ ދަށުން އަދީބަށް ދައުވާ ކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ. އަދީބް: ޓެރަރިޒަމް އާ ގާނޫނު ވުޖޫދަށް އައީ ރައީސަށް އަމާޒުކުރި ހަމަލާއަށް ވުރެ ފަހުން. --ހަވީރު ފައިލް ފޮޓޯ ގާނޫނު އައުމުގެ ކުރިން ކުރި ކުށަކަށް އެ ގާނޫނެއްގެ އުސޫލު ހިނގާނީ ފަހުން އަންނަ ގާނޫނުގައި އޮތީ ކުރީގެ ގާނޫނަށް ވުރެ ލުއި އަދަބުތަކެއް ނުވަތަ ލުއި އުސޫލުތަކެއް ކަމަށް ވެއްޖެ ނަމަ އެކަންޏެވެ. އެކަމަކު ޓެރަރިޒަމްގެ އާ ގާނޫނުގައި މުޅިން ވެސް ހުރީ ކުރީގެ ގާނޫނަށް ވުރެ ހަރުކަށި އުސޫލުތަކަކާއި ބޮޑެތި އަދަބުތަކެވެ. ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން އަދީބު ހައްޔަރުކޮށްފައިވާއިރު އޭނާއާ ގުޅުންހުރި ބައެއް މީހުން ހައްޔަރުކޮށް، ބައެއް ތަންތަން ވެސް ދަނީ ފާސްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ