ބޭނުންވަނީ ވާހަކައެއް ނޫން، ކުރާ ތޯހިރު އަމަލު: ގާސިމް

ގައުމުގެ ހާލަތު ބަދަލުކުރުމަށް ބޭނުންވަނީ ހަމައެނި ވާހަކަތަކެއް ދެއްކުމެއް ނޫން ކަމަށާއި ކުރާ ތޯހިރު އަމަލު ކަމަށް ޖުމްހޫރީ ކޯލިޝަންގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ. އދ. ދަނގެތީގައި ބޭއްވި ކެމްޕޭން ޖަލްސާގައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ "އަޅުގަނޑުމެން މިތިބީ އެކަން ރައްޔިތުންނަށް ކޮށްދިނުމަށް ނުކުމެ"ކަމަށެވެ. ނަމަވެސް މިހާރު ގައުމުގެ ހާލަތު، ހާއްސަކޮށް އިގްތިސާދު އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށާއި ދައުލަތުގެ ހުރިހާ ދާއިރާއަކުން ގޮވަމުންދަނީ ބަޖެޓް ނެތިގެން ކަންކަން ނުކުރެވި ހުރި ވާހަކަ ކަމަށް ރާއްޖޭގައި ހުންނެވި އެންމެ ބޮޑު އެއް މަހުޖަނު ގާސިމް ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން މުވައްޒަފުންނާއި ރައްޔިތުން މާޔޫސްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަންކަން ހައްލުކުރާނެ ގޮތްތައް އޭނާގެ މެނިފެސްޓޯގައި ހިމެނޭ ކަމަށް ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑު އިރާދަކުރެއްވިޔާ 20 ބިލިއަން ރުފިޔާއާ ހަމައަށް ބަޖެޓް ޖައްސާނަމޭ ބުނުމުން އެކަން ބޮޑުވެގެން އެ ފައިސާ ހޯދާނީ ކިހިނެއްތޯ ސުވާލު އުފެދޭ ބައެއް ބޭޭފުޅުން އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ލައްވާފައި އެބަ ތިއްބެވި. އަޅުގަނޑަަށް ޔަގީން އެކަން އެހެން ވެދާނެކަން،" މަލާމާތުގެ ރާގެއްގައި ގާސިމް ވިދާޅުވި އެވެ. ޖުމްހޫރީ ގުޅުމުގެ ވެރިކަމެއް އަތުވެއްޖެ ނަަމަ ފައިސާ ހޯދޭކަން ދައްކާނެ ކަމަށާއި އެކަން ކުރާނީ "ގައުމުން އެންމެ އަކަ އިންޗިއެއް ވެސް ވިއްކާނުލައި" ކަމަށް ގާސިމް ވިދާޅުވި އެވެ. ދައުލަތުގެ ހަރުމުދާ ވިއްކާ ނުލައި، އެއިން ލިބޭ އާމްދަނީ ގުނަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ