ޝެފީލްޑް ބަލިކޮށް އާސެނަލް ސެމީ އަށް ދަތުރު ކޮށްފި

ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް އާސެނަލްއިން އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި އިއްޔެ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗް އާސެނަލް ކާމިޔާބުކުރީ 2-1 އިންނެވެ.
މެޗްގެ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މެޗްގެ ފުރަތަމަ ގޯލް ގޯލްގެ ތިރީ ކަނަށް ފޮނުވާލައިގެން އާސެނަލް އަށް ޖަހައިދިނީ އައިވޮރީ ކޮސްޓްގެ ފޯވަޑް ނިކޮލަސް ޕެޕޭ އެވެ. މި ޕެނަލްޓީއަކީ ޝެފީލްޑްގެ އޭރިއާ ތެރެއިން ފޯވަޑް އަލެކްސަންޑާ ލަކަޒަޓް އަށް ޝެފީލްޑް ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ. ފުރަތަމަ ހާފް ނިމުނީ 1-0 ގެ ނަތީޖާ އަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
ޝެފީލްޑުން ނަތީޖާ އެއްވަރު ކުރީ 87 ވަނަ މިނެޓުގައި ޑޭވިޑް މެކްގޮލްޑްރިކް ޖެހި ގޯލުންނެވެ. އެ ނަތީޖާގައި އޮވެ މެޗް އެއްވަރު ވާން ދަނިކޮށް އާސެނަލް މޮޅުކޮށްދިން ގޯލް މެޗްގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގަ ކާމިޔާބުކުރީ ސެބާޔޮސް އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތު ތަކެއް ދެޓީމަށް ވެސް ލިބުނެވެ.
ސެމީއަށް ދިޔަ ޓީމްތައް ކަށަވަރު ވުމުން ސެމީގެ ގުރުއަތުލުން ރޭ ވަނީ ބާއްވައިފައެވެ. މި މޮޅާ އެކު އާސެނަލް ސެމީ ފައިނަލްގައި ނިކުންނާނީ ސީޓީ އާ ދެކޮޅަށެވެ. ސެމީގެ ދެމެޗް ކުޅޭނީ ޖުލައިގައި 18 އަދި 19 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ މެންޗެސްޓަ ޔުނައިޑެޓް އާއި ޗެލްސީ އެވެ.
ކޮވިޑް 19 އާ ގުޅިގެން މިއަހަރު އެފްއޭކަޕްގެ ކުއާޓާ ފައިނަލްގެ ހަތަރު މެޗުވެސް ކުޅެފައިވަނީ ސަޕޯޓަރުން ނުވައްދައެވެ. އެފްއޭ ކަޕްގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބު ކުރީ އަވޭ ޓީމުންނެވެ. މިއީ 1987 ގެ ފަހުން އަވޭ ޓީމުން ކުއާޓާ ފައިނަލްގެ ހުރިހާ މެޗެއް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ