އޭސީތަކުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: އައިޖީއެމްއެޗް

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގެ އެއާ ކޮންޑިޝަންތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަަށާއި ނަމަވެސް އެމައްސަލަ ހައްލުކުރަން އަދި ދެހަފްތާވަރު ނަގާނެ ކަމަށް އެހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ ސެންޓްރަލް އެއާކޮންޑިޝަނިން ސިސްޓަމަށް ކުރިމަތިވި މައްސަލައަކާ ގުޅިގެން ހޮސްޕިޓަލްގެ އެމަޖެންސީ ރޫމުގެ އޭސީތައް މަސައްކަތް ނުކުރާތީ އެތަނުގެ ތެރޭގައި އާދަޔާ ޚިލާފަށް ހޫނު އިހްސާސް ކުރަންޖެހޭ ކަަމަށް ބުނެ އެތައް ބަޔަކު ގެންދަނީ ސޯޝަލް މީޑިއާގައި މިކަމުގެ ޝަކުވާކުރަމުންނެވެ.
މިމައްސަލާގައި އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މައްސަލަ ހައްލުކުރުމުގެ ގޮތުން އޭސީ ހެދުމަށް ބޭނުންވާ ކޫލިން ޓަވަރު މިހާރު ލިބިފައިވާ ކަމަށެވެ. އެހެންކަމުން މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަަމަށް ބެލެވެނީ މެއި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކަމަށްވެސް ބުނެފައިވެ އެވެ.
އައިޖީއެމްއެޗްގެ ޖެނެރަލް ވޯޑުތަކުގައި އެއާކޮންޑިޝަން ހަރުކުރުމުގެ މަސައްކަތުގެ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓް މިހާރު ނިމިފައިވާ ކަމަށްވެސް ހޮސްޕިޓަލުން ބުނެ އެވެ. އަދި ކުރިއަށް އޮތް ހަފަތާ ތެރޭގައި ހުރިހާ ޖެނެރަލް ވޯޑްތަކެއްގައި އެއާ ކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަަމަށްވެސް ހޮސްޕިޓަލުން ބުނެ އެވެ.
އައިޖީއެމްއެޗް މަރާމާތުކުރުމުގެ މަސައްކަތް 2017 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުގެ އެހީގައި އެގައުމުން ހަމަޖައްސާފައިވާ ބައެކެވެ.
އައިޖީއެމްއެޗުން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކާ އަލަށް ހެދި ދަރުމަވަންތަ ހޮސްޕިޓަލަށް އައިޖީއެމްއެޗްގެ ބައެއް ޑިޕާޓްމަންޓްތައް ބަދަލުކޮށް އެތަނުގައި ބައެއް ޚިދުމަތްތައް ދޭން ވަނީ ފަށާފަ އެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް އެންމެ ފުރަތަމަ ބަދަލުކުރީ އައިޖީއެމްއެޗުގެ ފިޒިއޮތެރަޕީ ޑިޕާޓްމަންޓެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ފިޒިއޮތެރަޕީގެ ޚިދުމަތް ދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ހަތަރުވަނަ ފަންގިފިލާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ