ރިޔާސީ އިންތިހާބު ނަޝީދަށް ކާމިޔާބުވީ އަޅުގަނޑު އެބޭފުޅާގެ ރަނިންގމޭޓަކަށްވީތީ – ރައީސް

2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކާމިޔާބުވީ އެމަނިކުފާނު ނަޝީދުގެ ރަނިންގމޭޓަކަށްވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ.ވަހީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރިޔާސީ އިންތިހާބު ނަޝީދަށް ކާމިޔާބުކުރެއްވުނީ އެމަނިކުފާނު ރަނިންގމޭޓަކަށްވީމަކަން ނަޝީދުގެ ފަހަތުން މަގުމައްޗަށް ނުކުމެ އުޅޭ މީހުންނަށް ނޭނގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ރައީސް ޑރ.ވަހީދު ވިދާޅުވީ އެމް.ޑީ.ޕީ. އުފެއްދި މީހުންނަށް ނަޝީދު ޖެއްސެވި ޙާލުގެ ސަބަބުން އެމް.ޑީ.ޕީ އުފެއްދި އެންމެން ނުކުމެގެން މިހާރު ހިގައްޖެ ކަމަށާއި މިހާރު އެމް.ޑީ.ޕީ.ގައި ތިބީ އަލަށް އައިސް ޕާޓީއަށް ވަދެގެން އެމް.ޑީ.ޕީ. ޙިޞާރުކޮށްގެން އުޅޭ ބައެއް ކަމަށެވެ.
އަދި އެމް.ޑީ.ޕީ. އަށް މިއަދު ދިމާވެގެން އުޅޭ ހުރިހާ މައްސަލައަކީ، އެމް.ޑީ.ޕީ، ރައީސް ނަޝީދު ޙިޞާރުކޮށްގެން، އެމް.ޑީ.ޕީ.ގެ ތެރެއިން އެއްވެސް ޒުވާން ބޭފުޅަކަށް، އެ ޕާޓީގެ ޒަޢާމަތަށް އައުމުގެ ފުރްޞަތު ނުދިނުން ކަމަށް ރައީސް ޑރ.ވަހީދު ތުހުމަތުކުރެއްވި އެވެ.
"ފުރަތަމަ އެމް.ޑީ.ޕީ.ގެ ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ކުރިމަތިލިން. އެފަހަރުވެސް އަޅުގަނޑަށް މަކަރު ހެއްދެވީ. އެފަހަރުވެސް މަކަރު ހައްދަވައިގެން، އަޅުގަނޑުގެ އަތުން އެމް.ޑީ.ޕީ.ގެ ރިޔާސަތުކަން ހަމަ އަޅުގަނޑު ދަންނަވާނީ ހަމަ ފޭރިގެންނެވީއޭ. ދެން އެފަހަރު އިންތިޚާބުވި ބޭފުޅާގެ ފަހަތްޕުޅުގައިވެސް އަޅުގަނޑު ހުރީ މަސައްކަތް ކުރަން. އަޅުގަނޑު މަސައްކަތް ކުރަމުން ގެންދިޔައީ ޝެޑޯ ކެބިނެޓްގައި. އެހެން ނަމަވެސް، އެފަހަރުވެސް އިންތިޚާބުވީ ރައީސަކަށް ފުރްޞަތެއް ނުދެއްވި. ފުރްޞަތު ނުދެއްވުމުގެ ސަބަބުން އެބޭފުޅާވެސް ވަކިވެގެންދިޔައީ. ދެން އޭގެފަހުން ވަޑައިގަތީ މުނައްވަރު. މުނައްވަރުވެސް ވަކިވެވަޑައިގެންދިޔައީ. ދެން ވަޑައިގަތީ އިބްރާހީމްދީ. މިހާރު ޑޮކްޓަރ ޑީ.ޑީ. ވެސް ވަކިވެވަޑައިގެން، ވަކިކޮށްލާފައި ފޮނުވާލީ." ރައީސް ޑރ.ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ނަޝީދު އިސްތިއުފާ ދެއްވީ އޭނާއަށް ބޯލަނބާނެ ސިފައިންނާއި ފުލުހުންގެ މީހަކު ވެސްނެތްކަން އެނގި ހަދާނެގޮތެއް ނޭނގިގެންކަމަށާއި ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ހިނގި ޙާދިޘާ ނުހިނގިނަމަ މި ރާއްޖޭގައި ޖުޑީޝަރީއެއް ނޯންނާނެ ކަމަށާއި އެ ހާދިސާ ހިނގި އިރު، އޭރު އޮތީ ޖުޑީޝަރީ ހަލާކުކޮށް ނިންމާފައިކަމަށެވެ.
" ފުލުހުން އެތަނުން ދުރަށްލާފައި، އެދޭތެރެއަށް ސިފައިން ވައްދަން އުޅުނީ. މިދެންނެވިކަހަލަ ކަންތައްތަކެއް މީނަ ކުރަން އުޅުމުގެ ސަބަބުން، މީނަ ރޭވި އެއްޗެއް، މީނަގެ އަތަށްގޮވީ. އެހިސާބުން ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން، ރައްޔިތުން ތިބީ ތިމަންނަ ކައިރީގައި ނޫންކަން އެނގިގެން، ތިމަންނައަކަށް ދެން ބޯލަނބާނެ ސިފައިންގެ މީހަކު، ތިމަންނައަށް ބޯލަނބާނެ ފުލުހަކު، މި ރާއްޖެއަކު ނެތްކަން އެނގިގެން، އެހިސާބުން ހަދާނެގޮތެއް ނޭނގިގެން، އަމިއްލައަށް އިސްތިޢުފާދީފައި ގެޔަށް ދިޔައީ،" ރައީސް ޑރ.ވަހީދު ވިދާޅުވި އެވެ.
ޑރ. ވަހީދު ވިދާޅުވީ ރައީސް ނަޝީދަށް ހެއްދެވުނު އެއްޗެއް ނަޝީދަށް އެނގިވަޑައިގެންނެވީ އިސްތިއުފާ ދެއްވިތާ 24 ގަޑިއިރު ފަހުން ކަމަށާއި އޭރު އޮތީ އަތުގައި އޮތް ހުރިހާ އެއްޗެއް ގެއްލިފައިކަމަށާއި ހިސާބުން އަނެއްކާވެސް ވެރިކަން ހޯއްދަވަން މަސައްކަތްކުރައްވަން ފެއްޓިވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ