އުސްފަސްގަނޑާ ގުޅޭގޮތުން އެމްޑީޕީއިން ހުށައެޅި މައްސަލަޔާ ގުޅޭ ގޮތުން ކޯޓުން ވަކިގޮތެއް ނިންމަންދެން އުސްފަސްގަނޑު ރޫޅާ ނުލުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ސިވިލްކޯޓުގެ ގާޒީ ހާތިފް ހިލްމީ ސޮއިކުރައްވާ މިރޭ ނެރުއްވި ވަގުތީ އަމުރުގައި ބުނަނީ އުސްފަސްގަނޑު މައްސަލައިގައި އެމްޑީޕީން އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމުމުގެ ކުރިން އުސްފަސްގަނޑު ރޫޅާލައިފި ނަމަ އެމްޑީޕީގެ ހައްގަށް އުނިކަމެއް ލިބި އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް އެޕާޓީއަށް ލިބިދާނެކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭކަމަށެވެ.
އެހެންކަމުން އެ މައްސަލައިގައި ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އުސްފަސްގަނޑު ރޫޅާލުމުގެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންނަށާއި އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުގެ މައްޗަށް އަންގާ އަމުރުކުރާކަމަށް ވެސް އެ އަމުރުގައި ވެއެވެ. އަދި މީގެ އިތުރުން އެމްޑީޕީން ކޮށްފައިވާ ދައުވާގެ މަގުސަދު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ސިވިލް ކޯޓުން އަމުރު ނެރެފައި މިވަނީ މިރޭ 10 ޖެހުމުގެ ކުރިން އުސްފަސްގަނޑުގައި ވާ އެމްޑީޕީގެ ތަކެތި ގެންދިޔުމަށާއި އެތަކެތި އެގަޑިއަށް ނުގެންގޮސްފިނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އުސްފަސްގަނޑު އޭގެ ބަލަދުވެރި ފަރާތާ ހަވާލުކުރާނެކަމަށް ބުނެ މިއަދު ހަވީރު 4 ޖަހާކަންހާއިރު އެމްޑީޕީއަށް ސިޓީ އަކުން ފުލުހުން އެންގުމާ ގުޅުގެން އެގޮތަށް ނޭންގޭނެ ކަމަށް ބުނެއެވެ.
ސިވިލް ކޯޓުން މިރޭ ދިހަގަޑި ސާޅީސްހާއިރު ވަގުތީ އަމުރު ނެރުނުއިރު ސިފައިން ގެންދިޔައީ އެސަރަހައްދު ރޫޅާލުމުގެ މަސައްކަތް ކުރަމުންނެވެ. ކޯޓު އަމުރު ލިބުނުއިރު އެސަރަހައްދުގައި ޖަހާފައި ހުރި ގޮޑި ބަރިތައް ނަގާ ރާނާފައި ހުރި ސްޓޭޖް ތަޅާ ދެންވެސް އެސަރަހައްދުގައި ހުރި ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށްވަނީ ނަގާފައެވެ. އަދި ގިނަ ތަކެތި ވަނީ އެމްއެންޑީއެފް ލޮރީ ތަކުގައި އެސަރަހައްދުން ވަނީ ގެންގޮސްފައެވެ.
ސިފައިން ކޯޓް އަމުރާއެއްގޮތަށް މަސައްކަތް ހުއްޓާލާ އެ ސަރަހައްދުން ދިޔައިރު ސަލާމަތުން ހުރީ ކާޅުކޮށްޓާ ސިފައިން ހުސްކޮށްފައިވާ ދެ ކޮންޓެއިނަރެވެ. ނަމަވެސް ރޫޅާލާފައިވާ ބައެއް އެއްޗިސް އަމުރާއެކު ސިފައިން ވަނީ އުސްފަސްގަނޑަށް އަރުވާފައެވެ.
ފުލުހުން އުސްފަސްގަނޑަށް އަރައި އެތަނުން ބައެއް ތަކެތި ގެންދިޔައީ ކްރިމިނަލް ކޯޓުން ނެރެފައިވާ ތަންތަނާ ތަކެތި ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުންނެވެ. އެ އަމުރަކީ ފުލުހުން ފާސްކުރާ ފަށާ ވަގުތުން ފެށިގެން 48 ގަޑިއިރަށް ދޫކޮށްފައިވާ އަމުރެކެވެ.
އުސްފަސްގަނޑު ރޫޅާނުލުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ