ކޮންމެ ދިވެއްސަކީ މުސްލިމަކަށް ވާންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ލިޔުނީ އަޅުގަނޑު ކުރި މަސައްކަތުން: ގާސިމް

ކޮންމެ ދިވެއްސަކީ މުސްލިމަކަށް ވާންޖެހޭނެ ކަމަށް މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީގައި ލިޔެވުނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ކުރެއްވި މަސައްކަތުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ކޯލިޝަންގެ ދެ ސިޔާސަތު ކަމަށްވާ "އިސްލާމްދީނާއި ދިވެހިގައުމީއްޔަތު" އަދި "މިނިވަންކަމާއި ހާރިޖީ ސިޔާސަތު" އިފްތިތާހު ކުރުމަށް ރޭ އަރަބިއްޔާ ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެ މާއްދާ ގާނޫނު އަސާސީގައި ލިޔުމަށް މަދު ބަޔަކު ހުރަސް އެޅި ކަމަށާއި އެހެން ނަމަވެސް އޭރު އޮތް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް އަށް ލިބިފައިވާ ބާރުގެ ދަށުން އެކަން ކުރެއްވީ ކަމަށެވެ.
"ކޮންމެ ދިވެއްސަކީ މުސްލިމަކަށް ވާން ޖެހޭނެ ކަމަށް މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސީގައި ލިޔުމަށް އަޅުގަނޑު އިސްލާހު ހުށަހެޅީ؛ އަޅުގަނޑު އެކަން އެ ގޮތަށް ކުރީ އޭރު އަމަލު ކުރަމުން ދިޔަ ނޫ ގާނޫނު އަސީސީގެ ދަށުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް އަށް ލިބިފައިވާ ބާރުގެ ދަށުން. މަދު ބަޔަކު އެކަމަށް ހުރަސް އެޅި ނަމަވެސް އަޅުގަނޑަށް އެކަން ކާމިޔާބުވީ، އެ ދުވަހު އަޅުގަނޑު އަޅުގަނޑުގެ ދީނީ އަދި ގައުމީ ވާޖިބު އަދާކުރީ މާތް ﷲ އާ ވަކީލުކޮށްގެން ހުރެ. މާތްﷲގެ އިރާދަފުޅުން އެކަން އަޅުގަނޑަށް ކާމިޔާބުވި،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގާނޫނު އަސާސީގައި އެގޮތަށް އެ އިބާރާތް ލިޔުމަށް މަސައްކަތް ކުރެއްވީ އެކަމަށް ދިވެހި ރައްޔިތުން އެދޭތީ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް އޮތުމަށް ބޭނުންވި ކަމުގައިވި ނަމަވެސް ރާއްޖޭގެ އާބާދީގެ 99 ޕަސެންޓް މީހުން ބޭނުން ވާނީ އިސްލާމްދީން ކަމަށް ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސްކޫލްތަކުގައި އިސްލާމް އާއި ކީރިތި ގުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައި ދޭގޮތަށް ޖުމްހޫރީ ކޯލިޝަންގެ ސަރުކާރެއްގައި ކަނޑައަޅާނެ ކަމަށް ވަޢުދުވީ ރައްޔިތުންގެ އެކަމަށް ބޭނުންވާތީ ކަމަށެވެ. އަދި ވިދާޅުވީ އެކަން އެގޮތަށް ކުރުމަށް ރާއްޖޭގެ ރައްޔިތުން ބޭނުންވާ އިރު އެކަމަށް "ޗެލެންޖް" ކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ. އަދި ގާސިމްގެ ވެރިކަމެއްގައި ގްރޭޑް އެކަކުން ފެށިގެން 10 އާ ހަމައަށް އެ ދެ މާއްދާ މަޖުބޫރު ދެ މާއްދާ އަކަށް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު ވެރިކަން ކޮށްދެެއްވަން ބޭނުން ވަނީ ރާއްޖޭގެ ރައްޔިތުންނަށް ކަމަށާއި އެކަން ކުރަން ބޭނުންވަނީ ރަސްގެފާނެއްގެ ގޮތުގައި ނޫން ކަމަށާއި އެކަން ކުރަން ބޭނުން ވަނީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ހުރެގެން ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ ރާއްޖޭގައި އަރަބި އިސްލާމީ ތަޢުލީމް ކުރިއެރުވުމަށް ޓަކައި ރާއްޖޭގައި އިސްލާމިކް ޔުނިވަސިޓީއެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނުގެ އަގީދާ ވަރުގަދަ ކުރުމަށްޓަކައި މާލެފިޔަވައި ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް އަރަބި ތަޢުލީމް ކިޔެވޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށެވެ.
ޖުމްހޫރީ ކޯލިޝަންއިން ރޭ އަރަބިއްޔާ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ކުރިއަރުވައި އަދި އެ ދީން ނޫން އެހެން ދީނަކަށް ޖާގަ ނުދީ މަސައްކަތް ކުރުމުގެ ގާބިލުކަން ހަމައެކަނި ލިބިފައި ވަނީ އެ ކޯލިޝަނަށް ކަމަށާއި އަދި އެކަން އެގޮތަށް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އިސްލާމީ ޝަރީޢަތެއް ރާއްޖޭގައި ގާއިމުކޮށް އިސްލާމީ ދައުލަތެއް ރާއްޖޭގައި ހިންގޭނެ ފަދަ ގާބިލުކަން ހުރި މީހުން ވެސް ހަމަ އެކަނި ތިބީ ޖުމްހޫރީ ކޯލިޝަންގައި ކަމަށާއި އަދި އެ ކޯލިޝަނާ ވާދަ ކުރެވޭނެ އެހެން އެއްވެސް ބަޔަކު ނެތް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ