މިދިޔަ އަހަރު އެކަނި 500 އަށް ވުރެ ގިނަ މައްސަލަ ހައި ކޯޓުން ނިންމައިފި

ނިމިގެންދިޔަ 2012 ވަނަ އަހަރުގެ ތެރޭގައި 500 އަށް ވުރެ ގިނަ މައްސަލަ ހައި ކޯޓުން ނިންމާފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.
ހައި ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބު ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޯޓުން ނިންމާފައިވަނީ 560 މައްސަލަ އެވެ. އޭގެ ތެރޭގައި އިސްތިއުނާފްކުރުމަށް އަމިއްލަ ފަރާތްތަކުން އެ ކޯޓަށް ހުށަހެޅި 400 އަށް ވުރެ ގިނަ މައްސަލަ އާއި ދައުލަތުގެ ފަރާތުން ހުށަހެޅި 100 އަށް ވުރެ ގިނަ މައްސަލަ ހިމެނޭ ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ.
މިދިޔަ އަހަރު އެ ކޯޓަށް ހުށަހެޅިފައިވަނީ 371 މައްސަލަ އެވެ. އެއީ 170 އަށް ވުރެ ގިނަ މަދަނީ މައްސަލަ އާއި 137 ޖިނާއީ މައްސަލައިގެ އިތުރުން ވަޒީފާއާ ބެހޭ 35 މައްސަލައަކާއި އާއިލީ މައްސަލަތަކާއި ދުސްތޫރީ މައްސަލަތައް ވެސް ހިމެނޭ ކަމަށް ހައި ކޯޓުން ބުނެ އެވެ.
ހައި ކޯޓުން ބުނީ މިދިޔަ އަހަރަކީ އެ ކޯޓުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ މައްސަލަ ނިންމި އަހަރު ކަމަށެވެ. މިދިޔަ އަހަރު 500 އަށްވުރެ ގިނަ މައްސަލަ އެ ކޯޓުން ނިންމިއިރު 2011 ވަނަ އަހަރު އެ ކޯޓުން ނިންމާފައިވަނީ 328 މައްސަލަ އެވެ. އަދި 2010 ވަނަ އަހަރު އެ ކޯޓުން ނިންމީ 181 މައްސަލަ އެވެ.
ހައި ކޯޓަކީ ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި ދަށު ކޯޓުތަކުން ކުރާ ހުކުމްތަކާއި ނެރޭ އަމުރުތައް އިސްތިއުނާފްކުރެވޭ ކޯޓެވެ. ހައި ކޯޓުގައި ތިއްބަވަނީ އިސް ފަނޑިޔާރާއެކު ޖުމްލަ ނުވަ ފަނޑިޔާރުންނެވެ. އޭގެ ތެރޭގައި އަންހެން ފަނޑިޔާރަކު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ފުރިހަމަވެފައިވަނީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ކުރިން އެ ކޯޓުގެ މަސައްކަތް ކުރައްވަމުން ގެންދެވީ ޖުމްލަ ހަތަރު ފަނޑިޔާރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ