ގާސިމް ހުންނެވީ ހެޔޮހާލުގައި: ގާނޫނީ ޓީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހުންނެވީ ހެޔޮހާލުކޮޅުގައި ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފި އެވެ.
ގާސިމް އިބްރާހީމްގެ ގާނޫނީ ޓީމުން މިހެން ބުނެފައި މިވަނީ ގާސިމް މިރޭ ކުއްލި ގޮތަކަށް ހައްޔަރުކޮށް ދޫނިދޫގައި ބަންދުކުރުމުން ދޫނިދޫގައި އެމަނިކުފާނާ ބައްދަލުކުރުމަށްފަހު އެެވެ.
މިބައްދަލުވުމަށްފަހު މިރޭ ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ގާސިމްގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވީ ގާސިމް ހައްޔަރުކުރި ވަގުތު އެމަނިކުފާނާ ބައްދަލުކުރަން ގާނޫނީ ޓީމަށް ފުރުސަތު ލިބިފައި ނުވި ނަމަވެސް ފަހުން އެފުރުސަތު ފުލުހުން ފަހިކޮށްދީފައިވާ ކަމަށެވެ.
ހިސާން ވިދާޅުވީ މިރޭ ގާސިމް އިބްރާހީމާ ބައްދަލުކުރެވުނު ނަމަވެސް އެއީ ރަސްމީ ބައްދަލުވުމެއް ނޫން ކަމަށާއި އެމަނިކުފާނާ އެކު ގާނޫނީ ޓީމުން މާދަމާ ރަސްމީ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ގާސިމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު މިރޭވެސް ގާސިމަށް ފުލުހުން ސާފުކޮށްދީފައިވާ ކަމަށެވެ.
ހިސާން މީގެ ކުރިން ވެސް ވިދާޅުވި ފަދައިން މިރޭވެސް ތަކުރާރުކޮށް ވިދާޅުވީ ގާސިމް ހައްޔަރުކޮށްފައިވަނީ އަސާސެއް ނެތް ތުހުމަތެއްގައި ކަމަށެވެ.
ގާސިމް މިރޭ ހައްޔަރުކުރީ އިޝާ ނަމާދުގެ ވަގުތާ ދިމާކޮށް އެމަނިކުފާނުގެ އަމިއްލަ ގެކޮޅު މާފަންނުވިލާގައި ހުންނަވަނިކޮށެވެ.
ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވީ ގާސިމް މިރޭ ހައްޔަރުކޮށްފައިވާތީ އެމަނިކުފާނުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މާދަމާ މެންދުރުފަހު 3:00 ޖަހާއިރު ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށެވެ.
ގާސިމް ހައްޔަރުކުރުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ގެންދަނީ އެކަން ކުށްވެރިކޮށް ގާސިމް ދޫކޮށްލުމަށް ގޮވާލަމުންނެވެ. ގާސިމް ދޫކޮށްލުމަށް ގޮވާލެއްވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމުގައިވާ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ