ރައީސް ކަމަށް ކުރިމަތިލެއްވުމާ މެދު މައުމޫން ވަކި އެއްޗެއް ވިދާޅެއް ނުވޭ: އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެއްވުމާ މެދު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިހާތަނަށް ވަކި ގޮތަކަށް ނިންމަވާފައި ނެތް ކަމަށް ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ކަމަށް ކުރިމަތި ނުލައްވާނެ ކަމުގެ ޔަގީންކަން ޕީޕީއެމްގެ ލީޑަޝިޕްގެ އެންމެ އިސް ތިން ބޭފުޅުންނަށް މައުމޫން ދެއްވާފައިވާ ކަމަށް ވާހަކަ ދެކެވޭތީ އަބްދުއްރަހީމް ވިދާޅުވީ ވެރިކަމަށް ކުރިމަތިލެއްވުމާ މެދު "އަދި ގޮތެއް ނުނިންމަވާ ކަމަށް" މައުމޫން އަބަދުވެސް ވިދާޅުވާ ކަމަށެވެ.
"ތި ކަމަށް ގޮތެއް ނިންމަވާނީ ވަގުތު ޖެހުނީމައޭ ރައީސް އަބަދުވެސް ވިދާޅުވޭ،" ފޮނަދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް ޕީޕީއެމްގެ އެތެރޭގައި ކަންކަން ހިނގާ ގޮތް އެނގިވަޑައިގަންނަވާ ބޭފުޅަކު "ހަވީރަ" ށް ވިދާޅުވެފައި ވަނީ އަބްދުއްރަހީމްގެ ހާޒިރުގައި އަބްދުﷲ ޔާމީން އާއި އުމަރު ނަސީރާ މައުމޫން ބައްދަލުކުރައްވައި، ވެރިކަމަށް ކުރިމަތި ނުލައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ ލީޑަޝިޕްގެ އެހެން ބޭފުޅަކު ވެސް، ނަން ހާމަނުކުރަން އެދިވަޑައިގެން، ވިދާޅުވީ އެ ޔަގީންކަން މައުމޫން ދެއްވާފައިވާ ކަމަށެވެ.
އެކަމަކު އަބްދުއްރަހީމް އެކަން ދޮގުކުރައްވަ އެވެ.
"އެއީ ކަނޑައެޅިގެން ދޮގެއް. އަޅުގަނޑުމެން ތިން މީހުން ގެންގޮސްފައި ރައީސް ވިދާޅެއް ނުވޭ ތިމަންނަ ]ރައީސް ކަމަށް[ ކުރިމަތި ނުލައްވާނަމެކޭ. އެކަމަކު އަޅުގަނޑުމެން ތިން މީހުންނާ އެކި ފަހަރު މަތިން ރައީސް ބައްދަލުކުރައްވާފައި ހުންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މައުމޫން އަލުން ވެރިކަމަށް ކުރިމަތިލެއްވުމާއި ނުލެއްވުމުގެ ބަހުސް ސިޔާސީ ދާއިރާގައި ގަދަވެފައިވާއިރު އެމަނިކުފާނު މީޑިއާގައި ވިދާޅުވެފައި ވަނީ ކަންތައްތައް ބަދަލުވަމުން އަންނަ ގޮތަކުން ރައީސް ކަމަށް ކުރިމަތިލައްވަފާނެ ކަމަށެވެ. އަދި އެކަން ކަނޑައެޅުމުގެ ވަގުތު އަދި ނުޖެހޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އެހެން ނަމަވެސް އުމަރު ވިދާޅުވެފައި ވަނީ ފެބްރުއަރީ މަހު ބާއްވާ ރިޔާސީ ޕްރައިމަރީގައި އަދި ކެމްޕޭން ކުރައްވަމުން ގެންދަވަނީ އޭނާ އާއި ޔާމީން ކަމަށެވެ. އަދި އޭނާ އާއި ޔާމީން ފިޔަވައި އެހެން ބޭފުޅަކު ޕްރައިމަރީ އަށް ނުކުމެވަޑައިގެންފާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
މައުމޫނަށް އިޝާރާތް ކުރައްވައި އުމަރު ވިދާޅުވެފައި ވަނީ "އެއީ އަހަރެމެންގެ ކާލާ މަންނަ" ކަމަށެވެ.
"ކާލާ މަންނަ އަބަދުވެސް އަހަރެމެންގެ އަތުގައި އޮންނާނެ. އެންމެ ފަހު އަތްބައިގައި ވައްޓާލާނަން. އެންމެންނަށް އެނގޭނެ އެ ގަނޑު އިންނާނީ އަހަރެމެން އަތުގައިކަން،" އުމަރު ވިދާޅުވެފައިވެ އެވެ.
މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެފައި ވަނީ އެމަނިކުފާނު ރައީސް ކަމަށް ކުރިމަތިލައްވަފާނެ ކަމަށް "ވަރަށް ހީނުވާ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ