އޯލެވެލް ނިންމުމަށް ފަހު އިރޫ (ހުސެން އިރުފާދު)، 17، ރަށުގައި މަޑުކޮށްގެން ހުރީ ނަތީޖާ ނުލިބޭތީ އެވެ. ކިޔެވުމުގައި އަހަރުތަކެއް ހޭދަކުރުމަށް ފަހު ކުޑަދުވަސްކޮޅަކު ޗުއްޓީ ހޭދަކޮށް، މަޖާކޮށްލުމަށް މި ދުވަސްކޮޅު އޭނާ ތަފާތު މަސައްކަތްތައް ދަނީ ކުރަމުންނެވެ. ބުރާސްފަތި ދުވަހު ހަވީރު ދެ ޅިޔަނުންނާ އެކީ ކުޑަ ބޮއްކުރައެއްގައި ފަލި ޖަހާފައި ވިއްސަކަށް މިނިޓްގެ ދަތުރަކަށް ފަހު ހއ. ދިއްދޫ ހުޅަނގު ފަރާތު އުރަފަށް ކައިރި އަށް އޭނާ މަހަށް ނުކުތީ ވެސް އެ ގޮތުގެ މަތިންނެވެ. ދިރިއުޅުމުގައި ބިރުވެރި، ހިތާމަވެރި ހާދިސާއެއް ހިނގާފާނެ ކަމަށް ކުޑަކޮށް ވެސް ހިތަކު ނެތެވެ. ނަމަވެސް އެ ދުވަސް ވެގެން ދިޔައީ އޭނާގެ ހަޔާތުގައި މިހާތަނަށް ކުރިމަތިވި އެންމެ ނާމާން އެއް ދުވަހެވެ.
އިރޫ އާއި އޭނާގެ ތިމާގެ މީހަކާ ކައިވެނިކޮށްގެން އުޅޭ ލަންކާ މީހެއްގެ އިތުރުން އެހެން ދައްތައެއްގެ ފިރިމީހާ، އަހުމަދު މުޖުތަބާ ބުރާސްފަތި ދުވަހު މަހަށް ދިޔަ ކުޑަ ބޮއްކުރާ ބަންޑުން ޖަހާލި އެވެ. އަހުމަދާއި ބޮއްކުރާ އަދިވެސް ވަނީ ނުފެނި އެވެ.
"އަސްލު ނަގިލި ތާށިވެގެން ފޭބީ ދެ މީހުން. ފޭބީ މަށާ ގެއްލުނު މީހާއާ. އިމްރާން ]ލަންކާ މީހާ[ އިންނާނީ އަލިކޮށްގެން ބައްތިން. އޭރު ވެސް އޮތީ ދިޔަ އަރާފައި. އެއީ އިޝާނަމާދު ބަންގިގޮވިތާ ކައިރީ ހަމަ. ދެން ނަގިލި ނުނެގުން. އޭނާ ]އަހުމަދު[ އޭރު ބުނި ބޭރު މީހާ ކައިރީ ދިޔަ ނުހިއްކާށޭ. ނަގިލި ނުނެގިގެން މަ އަރާފަ ދިޔަ ހިއްކަން އުޅެނިކޮށް އޭނާ އެރިތަނާ އެއްކޮށް ދިޔަގަނޑު އަރައިގެން ދިޔައީ އަޑިއަށް،" އެރޭގެ ބިރުވެރި ހާދިސާ އިރޫ ކިޔައިދިނެވެ.
އޭނާ ބުނީ 15 ވަރަކަށް ފޫޓުގެ ބޮއްކުރާ އަޑިއަށް ދިއުމާ އެކު ބޭރު މީހާ އާއި އޭނާ ބޮއްކުރާއާ އޮޔާ ދުރަށް ގެންދިޔަ ކަމަށާއި އަހުމަދު އޮތީ ދެފެންދޭތެރޭގައި ބަންޑުން އޮތް ބޮއްކުރާގައި ހިފަހައްޓައިގެން ކަމަށެވެ.
"އަހަރެމެން ފަތާފަތާ ބޮއްކުރައަކަށް ނުދެވުން. އޭނާ ]އަހުމަދު[ ގޮވަނީ ބޮއްކުރާއަށް އަންނާށޭ. އެންމެ ފަހުން ދަމުންދަމުން ބޮއްކުރާ ވެސް ގެއްލުނީ. އޭނާ ކައިރީ ބޮއްކުރާ ދޫކޮށްލާފައި އަންނާށޭ ބުނީމާ ވެސް ނައީ،" އިރޫ ބުންޏެވެ.
އޭނާ ބުނީ ބޭރުމީހާއާ އެކު ރަށަށް އާދެވުނީ ގާތްގަނޑަކަށް ދޮޅުގަޑިއެއްހާ އިރު ފެތިފަހުން ކަމަށާއި ރަށަށް އައިއިރު ލަސްވެގެން ގޭ މީހުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މަސް ބާނަން ތިބި ތަނަށް އެނބުރި ފުލުހުންނާ އެކު ދިޔަ އިރު އަހުމަދާއި ބޮއްކުރާގެ ހިލަމެއް ވެސް ނެތް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މޮހާލާފައި އޮތް ނަގިއްޔާއި މާސްކް ހޮޅި އާއި މަސްކަނޑަށް ގެންގުޅުނު ވަޅި އެ ސަރަހައްދުން ފަހުން ވަނީ ފެނިފަ އެވެ.
"އޭނާ ]ލަންކާ މީހާ[ ވެސް އޮތީ ބިރުން. މަ ދެން އޭނާ ވަރުބަލި ފިލުވަންދެން ހިފަހައްޓާ އެ ގޮތަށް ގެނައީ. ދެ މީހުން އެއްކޮށް މަޑުމަޑުން ފަތަމުން އައީ. އޭނާ ]އަހުމަދު[ގެ އަޑެއް ވެސް ފަހުން ނީވޭ. ނުފެންނާނެއެއްނު އެހާ އަނދިރިވީމާ،" އިރޫ ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މުޖުތަބާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑު މަގުން ކުރަމުން އަންނަ ކަމަށެވެ. އަދި ނޮދަން އޭރިއާ ކޯސްޓު ގާޑު ސްކޮޑަރަންއާ ގުޅިގެން އަލިދޫ ރިސޯޓް ޑައިވަރުން ވެސް އޭނާ ހޯދުމުގެ މަސައްކަތްކޮށްފައި ވެ އެވެ.
އަހުމަދު ހޯދަން މަސައްކަތްކުރި ރަށު މީހުން ބުނީ އެ މީހުންނަށް ހޯދޭނެ ހުރިހާ ސަރަހައްދެއް މިހާރު ހޯދިއްޖެ ކަމަށާއި ރަށު މީހުންނަށް މިހާރު ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށެވެ.
"ބޮއްކުރާ ދޫކޮށް ރަށަށް އަންނަން އަހުމަދު ބޭނުމެއް ނުވި"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ