ހުރިހާ ކަމެއް ކޯޓުން ނިންމާ ހިސާބުން ހިޔާލު ތަފާތުވެއްޖެ

ރައީސް މުހަންމަދު ވަހީދު އެކުލައްވާލައްވާފައިވާ މަގު ޗާޓު ކުރިއަށް ގެންދިއުމާ ގުޅޭ މަޝްވަރާތަކުގެ ނުރަސްމީ ސެޝަން ނުވަތަ ރިޓްރީޓުގެ މިރޭގެ ބައްދަލުވުމުގައި، އެޖެންޑާގައި ހިމެނޭ ކަންތައްތައް ޝަރުއީ ކޯޓުން ނިންމުމާ މެދު މަޝްވަރާކުރުމަށް ފަހު ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވެ ވަރަށް ބޮޑަށް ހޫނުވެއްޖެ އެވެ.
ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ ރިޓްރީޓްގެ މިރޭގެ ބައްދަލުވުމުގައި ވެސް މަޝްވަރާ ކުރީ އެޖެންޑާގެ ފުރަތަމަ އައިޓަމް، މިހާރު ހިނގަމުންދާ ހަމަނުޖެހުން ހުއްޓުވުމާ ބެހޭ ގޮތުންނެވެ. އެ ގޮތުން ހުރިހާ ޕާޓީތަކުން އެއްބަސްވާ 30 ޕޮއިންޓެއް އެކުލަވާލައި އޭގައި ހިމެނޭ ކަންކަން ޝަރުއީ މަރުހަލާގެ ތެރެއިން ނިންމުމަށް އެއްބަސްވި އެވެ. އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީ ވެސް ހިމެނެ އެވެ. އެއާއެކު ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުން ހުށަހެޅި ހުށަހެޅުމަކީ އެޖެންޑާގެ ބާކީ ކަންތައްތަކާ މެދު ވެސް ޝަރުއީ މަރުހަލާ އިން ގޮތެއް ނިންމުމަށެވެ. އަދި އެ ގޮތަށް އެއްބަސްވެ ޕާޓީތަކުގެ މަޝްވަރާ އެ ހިސާބުން ނިންމާލުމަށް ވެސް ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުން ހުށަހެޅި ކަމަށް އެނގިފައިވެ އެވެ.
"އެގޮތަށް އެމްޑީޕީން ވެސް ފުރަތަމަ އެއްބަސްވި. އެކަމަކު ވަކި ހިސާބަކުން އެމްޑީޕީން ބުނީ ތިމަންނަމެން ބޭނުމެއް ނޫނޭ އެޖެންޑާގެ އެހެން އައިޓަމްތަކުގައި ބުނާ ކަންކަމާ މެދު ގޮތެއް ނިންމަން ކޯޓަށް ދާކަށް. ކޯޓު ސިސްޓަމް ތެރެއިން ތިމަންނަމެން ބޭނުމެއް ނޫނޭ. މަޝްވަރާކޮށްގެންނޭ ހައްލު ކުރަންވާނީ. އެ ހިސާބުން އެމްޑީޕީއާ އެހެން ޕާޓީތަކާ މެދު ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ ހޫނުވީ. އަޅުގަނޑުމެންގެ ވާހަކަ އަކީ ހަމަނުޖެހުން ހުއްޓުވުމުގެ ކަންތައްތައް ހައްލުކުރަން ކޯޓު ސިސްޓަމް އެމްޑީޕީން އިހުތިޔާރު ކުރަންޏާ އެޖެންޑާގެ އެހެން ކަންތައް ވެސް ދާން ޖެހޭނީ އެ މަގުންނޭ،" ސަރުކާރަށް ތާއިދުކުރާ ޕާޓީގެ މެމްބަރަކު ބުންޏެވެ.
ނަމަވެސް އެމްޑީޕީގެ މަންދޫބު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު އެ ވާހަކަތާ އެއްބަސްވެ ވަޑައެއް ނުގަންނަވަ އެވެ. ހާމިދު ވިދާޅުވީ އެޖެންޑާގެ އެހެން އައިޓަމްތަކުގައި ބުނާ ކަންކަން ކޯޓު މަރުހަލާގެ ތެރެއިން ނިންމުމަށް އެއްވެސް އިރަކު އޭނާ އެއްބަސްވެ ވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ހަމަނުޖެހުން ހުއްޓުވުމަށްޓަކައި ކުރާ ކަންކަން ކޯޓު މަރުހަލާ އަށް ގޮސް ނިންމުމަށް އެއްބަސްވެ ވަޑައިގެންނެވި ހާމިދު ވިދާޅުވި އެވެ.
"ހަމަނުޖެހުން ހުއްޓުވުމަށް ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ހުރީ ވަރަށް ހެއްވާ ކަންތައްތަކެއް. ކާޅު ގެންގުޅުން މަނާކުރުން ކަހަލަ ކަންތައްތަކެއް. ދެން އަޅުގަނޑުމެން ބުނީ ތި ހުންނަނީ ކޯޓު ސިސްޓަމްގެ ތެރެއިން ނިންމަންޖެހޭ ކަންތައްތަކޭ. ޕްރޮސިކިއުޓުކޮށްގެން ކުރިއަށް ގެންދާށޭ. އެކަމަކު އެޖެންޑާގެ އެހެން ކަންތައްތައް ޝަރުއީ މަރުހަލާ އަށް ނުގޮސް ވެސް ނިންމިދާނެ އޭ،" ހާމިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެހެން ޕާޓީތަކުން މަސައްކަތް ކުރަނީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެމްޑީޕީ އަށް ހަނިކުރަން ކަމަށެވެ. ހާއްސަކޮށް އުސްފަސްގަނޑުގައި އެމްޑީޕީން ހިންގާ ހަރަކާތްތަކުގެ ހުދޫދު ވަރަށް ބޮޑަށް ހަނިކުރަން ޕާޓީތަކުން މަސައްކަތްކުރާ ކަމަށް ހާމިދު ތުހުމަތުކުރެއްވި އެވެ.
އެކަމަކު ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުން ބުނަނީ އުސްފަސްގަނޑުގައި ބޮޑެތި ހަމަނުޖެހުންތަކެއް އެމްޑީޕީން ހިންގާ ކަމަށާއި މައްސަލަ ހައްލުކުރެވޭނީ އެކަންކަން ހުއްޓުވޭނެ ގޮތެއް ހޯދައިގެން ކަމަށެވެ. އެހެންވެ ހުރިހާ ޕާޓީތަކަށް އެއްބަސްވާ 30 ނުކުތާއެއް އެކުލަވާލި އެވެ.
އޭގެ ތެރޭގައި ހިމެނެނީ އާންމުންގެ މުދަލަށް ހަމަލާ ނުދިނުމާއި ސިޔާސީ ފަރާތްތަކަށް ގޯނާ ނުކުރުމާއި މީޑިއާ އަށް ހަމަލަ ނުދިނުމާއި އާންމު ޕާކްތަކުގައި ޕާޓީގެ ދިދަ ނަގައިގެން ބަދު އަޚުލާގީ އަމަލު ނުހިންގުމާއި އާންމު ތަންތަނުގައި ކާޅު ނުގެންގުޅުމާއި ޖަނަވާރު ނުގެންގުޅުމާއި "ޝަހުވަތްތެރިކަމުގެ ސާމާނު" ނުގެންގުޅުމެވެ. މީގެ އިތުރުން ޕޭވްމަންޓު ބަންދުވާ ގޮތަށް އުނދޯލި ނޭލުވުމާއި "ރަށްރަށަށް ނޭރޭ ގޮތަށް ހޯއްގޮވާ މީހުން ހިސާރު ނުކުރުމާއި" މަގުމަތީގަ އާއި ދުވާރުތައް މަތީގައި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ނުހިންގުމާއި މަސްތުވެ ތިބެގެން މުޒާހަރާގައި ބައިވެރި ނުވުމެވެ. އަދި މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް ނޭޅުމާއި އެއްވެސް ޕާޓީއެއްގެ މުޒާހަރާތަކުގައި ކުޑަކުދިން ނުވަތަ ބޭރުގެ ޖަމާއަތެއްގެ ނިޝާން ބޭނުން ނުކުރުމަކީ ވެސް ހަމަނުޖެހުން ހުއްޓުވުމުގެ ޝަރުތުތަކެވެ.
މިރޭގެ ބައްދަލުވުމުގައި އެމްޑީޕީ އާއި ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވެ އެންމެ ފަހުން ވިލަރެސްވެރިޔާ އަހުމަދު މުޖުތަބާ އަށް ވެސް އަމާޒުކޮށް ސަރުކާރު ހިންގާ ޕާޓީތަކުން ބަހުގެ ހަމަލަތައް ދިން ކަމަށްވެ އެވެ. އެހެންވެ އެކަމާ ހިތްހަމަޖެހިވަޑައިނުގެން ވަކި ހިސާބަކުން މަޝްވަރާތަކުން ދުރަށް ވަޑައިގަތުމަށް ވެސް މުޖުތަބާ ނިންމެވި ކަމަށް އެނގިފައިވެ އެވެ. މުޖުތަބާ އަށް އަމާޒުކޮށް ސަރުކާރު ހިންގާ ޕާޓީތަކުގެ ބައެއް މަންދޫބުން ބަހުގެ ހަމަލަތައް ދެއްވީ އެމްޑީޕީ ބޭނުންވާ ގޮތަށް ކަންތައް ކުރިއަށް ގެންދިއުމަށް އޭނާ މަސައްކަތްކުރައްވާ ކަމަށް ތުހުމަތުކުރައްވަ އެވެ.
"ބައެއް ބޭފުޅުން ވަރަށް ވާހަކަ ދައްކައިގެން ކޮންވީނާ ]މުޖުތަބާ[ ހަމަޔަކަށް އެޅުނީ ވެސް،" މަންދޫބަކު ވިދާޅުވި އެވެ.
ބަނޑޮހުގައި ހަފުތާ ބަންދާ ދިމާކޮށް ރޭ ފެށި ޕާޓީތަކުގެ މަޝްވަރާގެ ނުރަސްމީ ވާހަކަތައް މިރޭ ވެސް ކޮޅެއްގައި ނުޖެހި ނިމިފައިވާއިރު މާދަމާ މެންދުރު 12 ޖަހާއިރު ރިޓްރީޓް ނިމޭނެ އެވެ. މާދަމާ ހެނދުނު ބާއްވާ މަޝްވަރާގައި އެމްޑީޕީގެ ފަރާތުން ކުރީގެ ރައީސް މުހަންމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވަން ކުރިން އޮތް ނަމަވެސް މިހާރު ވަނީ ކެންސަލް ކުރައްވައިފަ އެވެ.
އެމްޑީޕީން ހާމިދު ވިދާޅުވީ ނަޝީދު މާދަމާގެ ބައްދަލުވުމަށް ވަޑައިނުގަންނަވަނީ މިހާތަނަށް ކުރި މަޝްވަރާތަކުގައި އާރުލާ ހިސާބަކަށް ކަންތައް ނުދާތީ ކަމަށެވެ.
"ކުރިން ވެސް އޮންނާނީ މަޝްވަރާތަކުގެ އާރުލާ ހިސާބަށް ކަންތައް ދިއުމުން ރައީސް ނަޝީދު ވަޑައިގަންނަވާ ގޮތަށް އެޕޮއިންޓްމަންޓް ހަމަޖައްސަވާފައި. އެކަމަކު އެކަން ކުރެއްވޭނީ ކޮންވީނާ އަށް އެ ޔަގީންކަން ލިބުނީމަ. އެހެން ނަމަވެސް އާރުލާ ހިސާބަށް މަޝްވަރާ ދިޔަ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް،" ހާމިދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ