ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ޕީޕީއެމުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ޓިކެޓްގައި ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ކުރިއަށް އޮތް ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޕާޓީ އޮފީހަށް އެކަން އަންގައިދިނުމަށް އެދޭ ކަމަށެވެ.
ޕީޕީއެމްގެ ޓިކެޓް ދިނުމުގައި ބަލާނީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ދެމިހުރި މުއްދަތާއި، ޕާޓީ އަށް އެމީހަކު ހިދުމަތް ކޮށްދީފައިވާ މިންވަރާއި، ޕާޓީގެ ފިކުރު ހިފެހެއްޓި މިންވަރާއި ރިޔާސީ އިންތިހާބުގައި ޕާޓީގެ ކެންޑިޑޭޓަށް ކާމިޔާބު ހޯދައިދިނުމަށް ކެމްޕެއިން ކޮށްދީފައިވާ މިންވަަރަށް ކަމަށެވެ.
ޓިކެޓަށް ކުރިމަތިލާ ފަރާތްތަކަށް މާކްސް ދޭއިރު މަދުވެގެން 75 އިންސައްތަ މާކްސް ލިބިގެން ނޫނީ ޓިކެޓަށް ކޮލިފައި ނުވާނެ ކަަމަށް އިއުލާންގައިވެ އެވެ. އެ މިންވަރަށް މާކްސް ލިބުނީ އެންމެ މީހަކަށް ނަމަ އެ މީހަކަށް ޓިކެޓް ދޭނެ ކަމަށާއި އެކަކަށް ވުރެ ގިނަ މީހުންނަށް އެ މިންވަރަށް މާކްސް ލިބިއްޖެ ނަމަ ޓިކެޓް ދޭނެ މީހަކު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށްވެސް ޕީޕީއެމުން ބުނެ އެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ އޭނާ އުމުރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހު ހުކުމް ކުރުމާއި ގުޅިގެންނެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ. އަދި ކުރިމަތިލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ދީފައިވަނީ މިމަހުގެ 28 ވަަނަ ދުވަހުގެ ނިޔަލަށެވެ.
ދިއްގަރު ދާއިރާގެ ގޮނޑިއަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރެއްވީ ޕީޕީއެމަށް ނިސްބަތްވާ މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރާއި އަދާލަތު ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ޒާހިރެވެ.
އެމްޑީޕީއާ އަދާލަތުން ބުނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަމުންދާ ކަަމަށެވެ.
ދިއްގަރު ދާއިރާގެ ގޮނޑި އަށް ކުރިމަތިލާން ޕީޕީއެމުން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ