ފަލަސްޠީންގެ މައްސަލައަށް އަވަސް ހައްލެއް ގެނެވޭނީ މުސްލިމުން އެކަތިގަނޑަކަށް ވެގެން: ޝަހީދު ޒަކީ
ފަލަސްޠީންގެ މައްސަލައަށް އަވަސް ހައްލެއް ގެނެވޭނީ މުސްލިމުން އެކަތިގަނޑަކަށް ވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރ.އަތޮޅު މެމްބަރު އަދި ދިވެހި ދައުލަތުގެ ސަފީރުކަން ކުރައްވާފައިވާ އިބްރާހިމް ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.މޯލްޑިވްސް ޕެލަސްޓައިން ބްރަދަހޫޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ ފުރަތަމަ އަހަރީ ޢައްމު ޖަލްސާގައި އެޖަމިއްޔާގެ ސެކްރަޓަރީ ޖެނަރަލްގެ މަޤާމަށް ހޮވިވަޑައިގަތުމަށް ފަހު ދިއިސްލާމް އަށް ދެއްވި އިންޓަރވިއު އެއްގައި ޝަހީދު ޒަކީ ވިދާޅުވީ އަޅުގަނޑުމެންގެ މަޤްޞަދަކަށް ވާންވީ ފަލަސްޠީންގެ ރައްޔިތުންނަށް ދިމާވާ ނިކަމެތިކަމުން އަޅުގަނޑުމެންނަށްވެސް މިކަމުގެ އަސަރު ކުރުވާތީ ދިވެހިންގެ ލޭ އެމީހުންނާއެކީ ހުރިކަން ސާބިތުކޮށްދިނުން ކަމަށެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދިނުމަށާއި ބައިނަލް އަޤްވާމީ ގޮތުން އެކި ފަރާތްތަކަށް އަޅުގަނޑުމެން ދިވެހިންގެ ޝުޢޫރުތައް ހާމަކޮށްދިނުމަކީ އަޅުގަނޑުމެންގެ އެއްމެ ބޮޑު މަޤްޞަދު ކަމުގައި ވާންޖެހޭ ކަމަށެވެ.“އަޅުގަނޑުމެންނަށް އަވަސް ހައްލެއް ގެނެވޭނީ އަޅުގަނޑުމެން އެންމެން އެއްބައިވެ އެކަތިގަނޑަކަށް ވެ މަސައްކަތްކޮށްގެން، އެއީ ވަކި ދިވެހި ރައްޔިތުން އެކަންޏެއް ނޫން، މުޅި ދުނިޔޭގެ މުސްލިމު ރައްޔިތުން އެއްބައިވެ އެކަތިގަނޑަކަށްވެ މަސައްކަތް ކޮށްގެން” ޝަހީދު ޒަކީ ވިދާޅުވިއެވެ.ޝަހީދު ޒަކީ ވިދާޅުވީ އަޅުގަނޑުމެން މަސައްކަތް ކުރަންވީ އެކަކު އަނެކަކާ އަތްގުޅާލައިގެން ކަމަށާއި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އެކަލާނގެ ވާފަށުގައި ހިފައިގެން އުޅެންވީ ކަމަށެވެ. އަދި އެގޮތުގައި އުޅޭކަމުގައި ވާނަމަ ނުވަތަ މުޅިދުނިޔޭގެ މުސްލިމުން އެކަތިގަނޑަކަށް ވެއްޖެނަމަ ފަލަސްޠީންގެ މައްސަލަ ހައްލުވެގެން ދާނެކަމަށެވެ.މިފަދަ މަޤާމެއް ލިބުމުން ވަރަށް އުފާ ކުރައްވާ ކަމަށާއި އަދި މިއީ މިފަދަ ޖަމިއްޔާއެއްގައި ބައިވެރިވާ ފުރަތަމަ ފަހަރުކަން ހާމަކުރައްވަމުން ޝަހީދު ޒަކީ ވިދާޅުވީ މިފަދަ އެސޯސިއޭޝަނަކުން ކުރެވޭނެ ކިތަންމެ ކަންތައްތަކެއް ހުންނާނެ ކަމަށާއި ﷲ އިރާދަ ފުޅާއެކު އަޅުގަނޑުމެންގެ މި ޖަމިއްޔާއާއި ދިވެހިންގެ ތެރެއިން އެކަންތައްތައް ފެނިގެން ދާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ