"ހަވީރު"ގެ މައްސަލަ އަނެއްކާވެސް ހައިކޯޓަށް ވައްދައިފި

ހަވީރު ނޫހުގައި ކުރިން މަސައްކަތްކުރި މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުންކުރި އަމުރާ ހިތްހަމަނުޖެހި ހަވީރުގައި މަސައްކަތްކުރި ބައެއް މުވައްޒަފުން ހައިކޯޓަށް ވެއްދި މައްސަލަ އެ ކޯޓުން ބާތިލު ކޮށްފައި ވަނިކޮށް، އެ މައްސަލަ އަނެއްކާވެސް އެ ކޯޓަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހައިކޯޓުން ބާތިލުކޮށްފައިވަނީ، އެ މައްސަލާގެ އަޑު އެހުމަށް ދައުވާކުރި މުވައްޒަފުންގެ ވަކީލް ހުސްނުއް ސުއޫދު ހާޒިރުވެފައި ނުވާތީ އެވެ.
ހައިކޯޓަށް އަލުން މި މައްސަލަ ކުރިން ވެސް މައްސަލަ ހުށަހެޅި މުވައްޒަފުން ވައްދާފައިވާއިރު، އެ މައްސަލަ މިހާރު ވަނީ ކޯޓުން ބަލައިގެންފަ އެވެ. މައްސަލަ ހައިކޯޓުގައި ރަޖިސްޓާކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.
މައްސަލަ ކޯޓަށް ވައްދާފައިވަނީ، ހަވީރު ހުއްޓާލުމާ ގުޅިގެން އުފެއްދި މިހާރު ނޫހުގެ އެޑިޓާ އިސްމާއިލް ނަސީރާއި ހަވީރު ނޫހުގެ އެޑިޓާ މޫސާ ލަތީފާއި ހަވީރު ނޫހުގައި ކުރިން މަސައްކަތްކުރި ރިފްއަތު މުހައްމަދާއި އަހުމަދު އަބްދުﷲ ސައީދާއި އަހުމަދު ހަމްދޫނާއި އަބްދުލް ރަޝީދު ހުސައިނާއި ނިއުމަތުﷲ އިދުރީސް އެވެ.
މި މައްސަލާގައި ހަވީރުގެ ކުރީގެ މުވައްޒަފުން ދައުވާކޮށްފައިވަނީ ހަވީރުގެ ތިން ހިއްސާދާރުން ކަމަށްވާ، އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމްއާ ދެކޮޅަށެވެ.
ހަވީރުގެ މިލްކިއްޔާތާ ގުޅޭ ގޮތުން ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމްގައި ވަނީ ހަވީރުގައި މަސައްކަތްކުރި މުވައްޒަފަކު އެހެން ނޫހެއްގައި ނުވަތަ މީޑިއާއެއްގައި މަސައްކަތްކުރާކަން ފާހަގަވެގެން ހަވީރު ނިއުސް އެޖެންސީގެ މެޖޯރިޓީ ހިއްސާދާރުން ހޯމް މިނިސްޓްރީ ނުވަތަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ނުވަތަ އެހެން ވެސް ދައުލަތުގެ މުވައްސަސާއަކަށް ހުށަހަޅައިފިނަމަ އެ ހުށަހެޅުމަށް ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ