މާލީ ބަޔާން މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ 27 ކެންޑިޑޭޓުން!

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރި ކެންޑިޑޭޓުންގެ މާލީ ބަޔާން މާދަމާގެ ނިޔަލަށް ހުށަހަޅަން ޖެހޭއިރު އެ ބަޔާން މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ 27 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީން) ބުނެފި އެވެ.
އީސީގެ މީޑިއާ އޮފިޝަލް އައިޝަތު ޝިފާނާ މިއަދު ވިދާޅުވީ އިންތިހާބުގައި ވާދަކުރި 302 ކެންޑިޑޭޓުންގެ މާލީ ބަޔާން އީސީއަށް ހުށަހަޅަން ޖެހުނު ނަމަވެސް މިއަދު މެންދުރުގެ ނިޔަލަށް އެ ބަޔާން ހުށަހަޅާފައިވަނީ 27 ކެންޑިޑޭޓުން ކަމަށެވެ. އަދި މިއީ ވަރަށް ފިނި ތަރުހީބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގަައި ބުނެފައިވާ ގޮތުން ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ މާލީ ކަންކަމާ ބެހޭ ގޮތުން ރިޕޯޓެއް ތައްޔާރުކޮށް އެ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ.
ޝިފާނާ ވިދާޅުވީ މާލީ ބަޔާން ހުށަހެޅުމަކީ ގާނޫނުގެ ދަށުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ނަމަވެސް، އެކަން ނުކުރާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅެއް ކަނޑަނާޅާ ކަމަށެވެ. އެކަމަކު ކުރީ އިންތިހާބުތަކުގައި ވެސް މާލީ ބަޔާން ހުށަނާޅާ ފަރާތްތަކުގެ މައްސަލަ އީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ