އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނައިބް ރައީސް މަގާމުން ވަކިކޮށް ކޮމިޝަންގެ ރައީސް ހަމަހަށް ޖަލަށް ލުމަށް ސްޕްރީމް ކޯޓުން އިއްވި ހުކުމާދޭތެރޭ ކަންބޮޑުވާ ކަމަށް އޮސްޓްރޭލިއާ ހައިކޮމިޝަނުން ބުނެފި އެވެ.
ކަންބޮޑުވުން ފާޅުކޮށް އޮސްޓްރޭލިއާ ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ގާނޫނީ ގޮތުން އުފެދިފަ ހުރި މުއައްސަސާތައް އިލެކްޝަންސް ކޮމިޝަން ހިމެނޭ ގޮތަށް އެއްވެސް ބައެއްގެ ނުފޫޒެއް ނެތި މަސައްކަތް ކުރެވޭނެ ގޮތެއް އޮތުމަކީ ޑިމޮކްރަސީއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މިމަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު މިނިވަންކަމާއި ހަމަހަމަކަމާއި ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ހުރިހާ މުއައްސަސާ ތަކަށާއި ސިޔާސީ ލީޑަރުންނަށާއި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާން ނިންމާލަމުން ބުނެފައި ވަނީ ކޮމަންވެލްތުގެ ގައުމުތަކުންނާއި އޮސްޓްރޭލިއާއިން ރާއްޖެގެ ކަންތައްތައް ގާތުން ބަލަމުންދާ ކަމަށެވެ.
ސްޕްރީމް ކޯޓުގެ ހުކުމާއި ދެކޮޅު ހަދާ ކަމަށާއި އެ ކޯޓުންކޮށްފައިވާ ހުކުމަކީ ދުވަހަކުވެސް ގަދަ ނުކުރާވަރަށް ޝަރުއީ ދާއިރާގެ ބާރުގަދަކުރުމަށް ކޮށްފައިވާ ހުކުމެއް ކަމަށް އެމެރިކާ އިން ވެސް ވަނީ ބުނެފައިވެ އެވެ. އަދި އެ އަމަލަކީ ޖުޑީޝަރީގެ އުނދަގުލާއެކު އިންސާފްވެރި އިންތިހާބެއް ބޭއްވުމަށް މަސައްކަތް ކުރަމުންދިޔަ މުއައްސަސާއެއްގެ ބާރުތަކަށް އަރައިގަތުމަށް ކޮށްފައިވާ ހުކުމެއް ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޖެން ސެކީ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު ފެށެން ދެ ހަފްތާއަށްވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް އިއްވި ހުކުމުގެ ސަބަބުން އިންތިހާބުގެ ތައްޔާރީތަކަށް ގޮންޖެހުންތަކެއް ކުރިމަތި ވެދާނެ ކަމަށް އިޔޫގެ އޮބްޒާވަރުންގެ ވަފުދުން ވެސް ވަނީ ބުނެފަ އެވެ.
ސްޕްރީމް ކޯޓުން އިއްވި ހުކުމާދޭތެރޭ ކަންބޮޑުވަން: އޮސްޓްރޭލިއާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ