ގާސިމް މިހުރީ ކޮންފަޅިއެއްގައި ؟

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ގާސިމްގެ ތާއީދާއި އެކު ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވޯޓާއި ހަމައިން ސަރުކާރާއި ގާސިމް އާއި ދެމެދު ކުނިޖެހި އެންމެ ފަހުން މިވަނީ ވަރިވެފައެވެ. މިހާރު ފެންމަތިވެގެން މިއުޅޭ މައްސަލައަކީ ގާސިމްގެ ވިލާ ކުންފުނިން ސަރުކާރަށް ދައްކަން ޖެހޭކަމަށް މީރާ އިން ބުނާ 100 މިލިއަން ޑޮލަރެއް ދައްކަވަން ނުޖެހޭނެ ކަމަށް ގާސިމް ވިދާޅުވި ވާހަކަފުޅެއްގެ މައްސަލައެވެ.
ފައިސާ ދައްކަން ޖެހޭނެ ކަމަށް މީރާ އިން ބުނުމުން ގާސިމް ވިދާޅުވީ ދައުލަތައް ދައްކަވަން ޖެހޭ ފައިސާ އެއް ނޯންނާނެ ކަމަށެވެ. އެންމެފަހުން މައްސަލަ ކޯޓަށް ގޮސްފައި ވާއިރު ވިލާ ކުންފުނިން މިވަނީ ފައިސާ ދެއްކުމަށް މީރާ އިން އެންގި ސިޓީ އަށް އަމަލުކުރުން ފަސް ކުރުމުގެ އަމުރަކަށް އެދިވަޑައިގެންފައެވެ.
މިހާރު މިދައްކަވަނީ ފައިސާ ދައްކަވަން ނުޖެހޭ ވާހަކައެއް ނޫނެވެ. މިހާރު މިދައްކަވަނީ ދައްކަވަން ނުޖެހޭ ކަމަށް ވިދާޅުވި ފައިސާ ދައްކަވަން ޖެހޭ މުއްދަތު ލަސްކުރުމުގެ ވާހަކައެވެ. އެހެންކަމުން މިއީ ފައިސާ ދައްކަވަން ޖެހޭ ކަމަށް ނުސީދާ ކޮށް ނަމަވެސް އެއްބަސް ވެވުނީ ނޫން ހެއްޔެވެ؟
ވިލާ އިން ސަރުކާރަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް ބުނެ އެތައް މިލިއަން ޑޮލަރެއް ހޯދަން އުޅެނީ ގާސިމްގެ ވިޔަފާރި ބަނގުރޫޓް ކޮށްލުމަށް ކަމަށް ގާސިމްގެ ބަތާއި ރިހަ ކައިގެން ގާސިމްގެ އަރިހުގައި އުޅުއްވާ ބޭފުޅުން ވިދާޅުވެއެވެ.
ގާސިމް ސަރުކާރަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ކަމަށް މީރާ އިން ބުނީ ގާސިމް ސަރުކާރާއި ދެކޮޅަށް ވަރަށް ވަރުގަދައަށް ނިކުންނެވި ދަނޑިވަޅެއްގައެވެ. މީރާ އިން އެންގި އެންގުމާއި ދެކޮޅަށް ގާސިމް ފުރަތަމަ އަޑުއުފުއްލެވި ނަމަވެސް އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުން ގާސިމް ވަނީ ގެއްލިފައެވެ. އިދިކޮޅު ފަރާތްތަކުގެ މުޒާހަރާއަށް ގާސިމް ވަޑައިނުގަންނަވާއިރު ސަރުކާރާއި ދެކޮޅަށް އެއްވެސް އެއްޗެކޭ ވެސް ވިދާޅެއް ނުވެއެވެ.
ގާސިމް އަކީ އަބަދުވެސް ދެކޮޅުން ކޭންބައްލަވާ ބޭފުޅެކެވެ. މިކަން ޔަޤީން ކުރުމަށް ތާރީޙްގެ ސަފްޙާތައް އުއްކަވާށެވެ. 2004 ވަނަ އަހަރު އޮގަސްޓް 12، 13 ގެ ހާދިސާ އަކީ ގާސިމް އިސްވެ ހުންނަވައިގެން ގާސިމް ޚަރަދު ކުރައްވައިގެން ރޭއްވެވި އަދި ކުރިއަށް ގެންދެވި ކަމެއް ކަމަށް ވެއެވެ. އެމައްސަލައިގައި ގާސިމް ހައްޔަރު ކުރިއެވެ. ފަހުން ދޫކޮށްލާ ރައީސް މައުމޫންގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ދެއްވެވި އެވެ. އެމްއެމްއޭގެ ގަވަރުނަރުކަން ދެއްވެވިއެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން ވެސް ގާސިމް އަށް ލިބިވަޑައިގެންނެވި އެވެ.
ނަމަވެސް ގާސިމް އާއި އޭރުގެ އިދިކޮޅު ފަރާތްތަކާއި އެކު އޮތް ގުޅުން ކުޑައެއް ނުވެއެވެ. އޭރުގެ ސަރުކާރާއި އިދިކޮޅު މެންބަރުން ހާއްސަ މަޖިލީހުގައި ޖެއްސެވި ކޮންމެ ބެރަކަށް ގާސިމް ނެއްޓުވެވި އެވެ. އިދިކޮޅު މެންބަރުންކީ ކޮންމެ ރިހަޔަކަށް ގާސިމް ބަތް އެޅުއްވެވި އެވެ. ހާއްސަ މަޖިލިސް ކުރިއަށް ގެންދެވީ އިދިކޮޅު މެންބަރުން ގަޔާވާނެ ގޮތައް އެމެންބަރުން ބޭނުންވި ގޮތަށެވެ.
އެންމެ ފަހުން ރައީސް މައުމޫނަށް ދޯކާ ދެއްވުމަށް ފަހު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބަށް ވެސް ނިކުމެ ވަޑައިގެންނެވި އެވެ. ދެން ކުރިމަތިވި ކަންތައްތަކަށް ފަހު ގާސިމްގެ މަދަދާއި އެހީތެރިކަމާއި އެކު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވި އެވެ. 21 ދުވަސްތެރޭ ނަޝީދުގެ ކެބިނެޓުން އިސްތިއުފާ ދެއްވާ އޭރުގެ އިދިކޮޅު ފަރާތްތަކާއި ގާސިމް ގުޅިވަޑައިގެންނެވި ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުގެ އެތެރެއިން ގާސިމް ކުރައްވަން ބޭނުން ކަމެއް ކުރެއްވެވި އެވެ. އޭގެ މިސާލަކަށް ހޮރައިޒަން ފިޝަރީޒް އަށް ލ.މާންދޫ ދޫކޮށްފައިވާ މުއްދަތު 25 އަހަރުން 35 އަހަރަށް އިތުރުކުރި ކުރުން ފުދެއެވެ.
ދެން އައީ ރައީސް ވަޙީދުގެ ވެރިކަމެވެ. ވަރަށް ސިއްރު ސިއްރުން މާމިގިލީ އެއާޕޯޓްގެ މުއްދަތު ވެސް 99 އަހަރަށް އިތުރުކޮށް ގާސިމް ބޭނުންވި ކަންތައް އަޑިއަޑިން ނިންމާލިއިރު ބޭރުފުށުން ފެންނަމުން ދިޔައީ ރައީސް ވަޙީދަށް ވުރެ ވެރިކަމަށް ރަނގަޅީ ގާސިމް ކަމަށް ބުނެ ރައީސް ވަޙީދަށް ފާޑުކިޔަމުން ދިޔަ މަންޒަރެވެ.
އަނެއްކާވެސް ރިޔާސީ އިންތިޙާބެއް އައިސް ގާސިމްގެ ތާއީދާއި އެކު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ އެވެ. ބައެއް މަސްދަރުތައް ބުނާ ގޮތުން ގާސިމް އާއި ސަރުކާރު ނުވަަތަ މީރާ އާއި އެކު މިހާރު އުފެދިގެން އުޅޭ ނުތަނަވަސް ކަމުގެ އަސްލަކީ ވެސް ސަރުކާރާއި އެކު ގާސިމް ހެއްދެވި ވިޔަފާރީގެ އެއްބަސްވުމެއް އުވާލުމުގެ ސަބަބުން އުފެދިގެން އުޅޭ މައްސަލައެކެވެ.
ރާއްޖޭގައި ހުރި އެންމެ ބޮޑު މަހުޖަނަކީ ގާސިމް އިބްރާހިމް އެވެ. ގާސިމްގެ ރިސޯޓްތަކާއި ގާސިމް އާއި ގާސިމްގެ ދަރިންގެ ހިއްސާ އޮތް ރިސޯޓްތަކުގެ އަދަދެއް ވެސް ނޭންގެއެވެ. ގާސިމްގެ ހިއްސާ ނެތް ވިޔަފާރިއެއް ރާއްޖޭގައި ނެތެވެ. މާރުކޭޓް ގޮޅީގެ ވިޔަފާރި އާއި ސަބްމެރިންގެ ވިޔަފާރި އާއި ކޭބަލް ޓީވީގެ ވިޔަފާރީގައި ވެސް ގާސިމްގެ ހިއްސާ އެވެ.
ނަމަވެސް ގާސިމްގެ ހިއްސާ އޮތް ކުންފުނިތަކަށް ދޫކޮށްފައި އޮތް ކިތައް ރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ރިސޯޓް ނެހެދި އެބަހުރިތޯ އެވެ؟ މަސް ފެކްޓްރީ ހަދަން ނެންގެވި ރަށްތަކުގައި މަސްފެކްޓްރީ ނުހެދި ނަމަވެސް ނަމުގައި އެރަށްރަށަށް އެތެރެ ކުރާ މުދަލުން ލިބޭ ޑިއުޓީ އިނާޔާތް ބޭނުން ކޮށްގެން ކިތައް ރިސޯޓްގެ އާބާތުރަ ފިލުވައިފިން ހެއްޔެވެ؟ ގާސިމް ބަނގުރޫޓް ކޮށްލަން ސަރުކާރުން އުޅޭ ކަމަށް ގާސިމްގެ އަތްދަށުގައި ތިއްބެވި ބޭފުޅުން ވިދާޅުވާއިރު އެބޭފުޅުން މިސުވާލުތަކަށް ޖަވާބު ދެއްވަބައްލަވާށެވެ.
ގާސިމްގެ ވިޔަފާރިތަކުގެ ރަނގަޅު އޮޑިޓެއް ކޮށް ހިސާބު ޖަހައިފިނަމަ ޖޫރިމަނާގެ ގޮތުގައި ގާސިމް ދައްކަވަންޖެހޭ ފައިސާގެ އަދަދަ 100 މިލިއަން ޑޮލަރު ފަހަނައަޅައި ދާނެ ކަން ކިތަންމެހާ ވެސް ސާފެވެ.
ގާސިމް މިއަދު ހަނު އެހުންނަވަނީކީ ރައީސް ޔާމީންގެ ބިރުފުޅަކުން ނޫނެވެ. ގާސިމް މިއަދު ހަނުއެހުންނަވަނީ ރައީސް މައުމޫންގެ ވެރިކަމުގައި އަދި ރައީސް ނަޝީދުގެ ވެރިކަމުގައި އަދި ރައީސް ވަޙީދުގެ ވެރިކަމުގައި ވެސް ގާސިމް ސަރުކާރުގެ އެތެރެއިން ހެދިފަދަ އަމިއްލަ މަންފާ ބޮޑު ޑީލްތަކެއް ހެދުމުގެ މަޤުޞަދުގައެވެ.
ގާސިމްގެ އަނެއް ސިފަފުޅަކީ އަވާމެންދުރަކީ ޙަޤީޤަތް ކަަމަށް ގާސިމް ގަބޫލުރައްވާ ގަބޫލުކުރެއްވުމެވެ. ގާސިމް އަށް ރައީސް ނަޝީދު އާއި އެމްޑީޕީ އިން ވަނީ ވަރުގަދަ އަވާމެންދުރެއް ދައްކަވާފައެވެ. އެވާމެންދުރު ޙަޤީޤަތް ކަމަށް ގަބޫލު ކުރައްވައިގެން ގާސިމް ހީކުރައްވަނީ ވެރިކަން މިއޮތީ ގާސިމްގެ އަތްފޯރާ ފަށުގައި ކަމަށެވެ. ނަމަވެސް އަވާމެންދުރުގެ ބާރު ކެނޑިފައި މިވަގުތަށް މިއޮތީ ރައީސް ނަޝީދު ޖަލުގައި ހުންނަވަން ޖެހުމުންނެވެ.
މިވަގުތުގެ ފައިދާ ގާސިމް އެބަ ނަންގައެވެ. އެހެންކަމުން ގާސިމް ވިދާޅުވީމަ ބުނިގޮތެއް ހައްދަވާ ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް އާއި ޑރ.ހުސެއިން ރަޝީދު ހަސަން އެމްޑީޕީ އަށް ފޮނުއްވައިގެން ގާސިމް އެކުޅުއްވާ ގޭމަކީ އެމްޑީޕީގެ ކޮންޓޯލް ހޯދުމެވެ. އެމްޑީޕީގެ އާންމު މެންބަރުންގެ ތާއިދު ގާސިމް އަށް އަނބުރާ ލެއްވުމެވެ. އަދި އެމްޑީޕީގެ އިސްސަފުގައި ތިއްބެވި ރީލޯޑް ކުރައްވަން ޖެހޭ ބޭފުޅުންނަށް ރީލޯޑް ކުރައްވައިގެން އެބޭފުޅުންގެ ކޮންޓްރޯލް ވެސް ގާސިމް ހޯއްދަވާނެ އެވެ.
މިއަދު ވެސް އަދި އިއްޔެ ވެސް ގާސިމް އަށް ރައްޔިތުންނަށް ވުރެ މުހިންމުވީ ވިޔަފާރި އާއި މުދަލެވެެ. ގާސިމް އަށް މާދަމާ ވެސް މުހިންމު ވާނީ ވިޔަފާރި އާއި މުދަލެވެ. އެވިދާޅުވާ ވަރަށް ރައްޔިތުންދެކެ ލޯބިވާނަމަ އަދި އެވިދާޅުވާ ވަރުގެ އަނިޔާއެއް ރައްޔިތުންނަށް ވަމުންދާކަމަށް އަމިއްލަ ނަފްސް ގަބޫލުރައްވާނަމަ ރައްޔިތުންނަށްޓަކައި ގާސިމްގެ މުދާ ޤުރުބާން ކުރައްވަން ކެރި ވަޑައިނުގަންނަވަނީ ކީއްވެތޯ އެވެ. ހަނގުރާމައިގެ މައިދާނަށް ނިކުމެ ގާސިމްގެ ބަހުން ޙައްޤުގެ މަގަށް ވަކާލާތު ނުކުރައްވަނީ ކީއްވެ ހެއްޔެވެ؟
ޖަވާބު ވަރަށް ސާފެވެ. ޖަވާބަކީ ރައްޔިތުންނަށް ސަރުކާރުން އަނިޔާވެރިވާކަމަށް ހުދު ގާސިމް އަށް ވެސް ގަބޫލު ނުކުރެއްވެނީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ