ރިޒޯޓުތަކަށް ލުއި ދިނީ ވަކި ބަޔަކަށް މަންފާއެއް ހޯދައިދޭކަށް ނޫން: ސަރުކާރު

ދެ ހާސް ނަވާރަ ވަނަ އަހަރު ބައެއް ރިޒޯޓުތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުން ފަސްކޮށްދީ، އެ ރިޒޯޓުތައް ހިންގުމަށް އަލުން ހުއްދަ ދިނުމަކީ، ރައީސް އޮފީީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ މަސްލަހަތު އޮންނަ ރިޒޯޓުތަކަށް ހާއްސަކަމެއް ދީގެން ކުރި ކަމެއް ނޫން ކަމަށާއި، އެއީ މީގެ ކުރިންވެސް ސަރުކާރުތަކުން ކޮށްދޭ ކަމެއް ކަމަށް ސަރުކާރުން ބުނެފި އެވެ. ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން 2019 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ރިޒޯޓު ހިންގުމުގެ ހުއްދަ ބާތިލުކޮށްފައިވާ ހަ ރިޒޯޓަކަށް ފައިސާ ދެއްކުން ފަސް ކޮށްދީ، ރިޒޯޓު ހިންގުމުގެ ހުއްދަ އަލުން ދިނެވެ. އޭގެ ތެރޭގައި އަލީ ޝިޔާމްގެ މަސްލަހަތު އޮންނަ ތިން ރިޒޯޓެއް ހިމެނެ އެވެ. އޭރު އެ ތިން ރިޒޯޓުން ދައުލަަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 198.5 މިލިއަން ރުފިޔާއަށް އަރަ އެވެ. އެ ތިން ރިޒޯޓަށް ހިންގުމުގެ ހުއްދަ އަލުން ދިނީ، ނުފޫޒު ފޯރުވައިގެން ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުން އަމާޒުވި އެވެ. އަދި އެ ފައިސާ ދައްކަން އޮތް މުއްދަތުގައި ފައިސާ ދައްކާފައި ނުވާ ނަމަވެސް، ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެވެސް ފާޑުކިޔަ އެވެ. އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް "ސަން"އަށް ވިދާޅުވީ، މީގެ ކުރިންވެސް އެކި ސަރުކާރުތަކުން އެގޮތަށް ރިޒޯޓުތަކަށް ފައިސާ ދެއްކުމުގައި ލުއި ދީފައިވާ ކަމަށެވެ. އެއީ ހަމައެކަނި މި ސަރުކާރުން ކުރި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. "މިއީ މީގެ ކުރިން ސަރުކާރުތަކުގައިވެސް ކޮށްދީފައި ހުރި ކަމެއް،" މަބްރޫކު ވިދާޅުވި އެވެ. ފައިސާ ދެއްކުމުގައި ރިޒޯޓުތަކަށް ލުއި ދެނީ މާލީ ހާލަތު ދަށްވާ ދަނޑިވަޅުގައި ރިޒޯޓުތައް ހުއްޓުނަނުދީ ފެންމަތީގައި ބަހައްޓަން ސަރުކާރުން އެހީވުމުގެ ގޮތުން ކަމަށް މަބްރޫކު ވިދާޅުވި އެވެ. އެ ރިޒޯޓުތައް ހިންގާ ނަމަ ސަރުކާރަށް މުސްތަގުބަލުގައިވެސް އެ ރިޒޯޓުތަކުން އާންމުދަނީ ލިބޭނެކަން އޭނާ ފާހަގަކުރެއްވި އެވެ. ޓެކްސް ދެއްކޭނެ ގޮތެއް ނުވުމުން މީރާއިންވެސް ބަހާލައިގެން ފައިސާ ދައްކަން ލުއި ގޮތްތަކެއް ވިޔަރާރިތަކަށް ހަމަޖައްސައިދޭކަން އޭނާ ފާހަގަކުރެއްވި އެވެ. މްބްރޫކު އިތުރަށް ފާހަގަ ކުރެއްވީ، 2019 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީއިން ފައިސާ ދެއްކުން ފަސްކޮށްދިނީ ހަމައެކަނި އަލީ ޝިޔާމްގެ ރިޒޯޓުތަކަށް ނޫން ކަމެވެ. އަލީ ޝިޔާމްގެ މަސްލަހަތު ހިމެނޭ ތިން ރިޒޯޓު ހިމެނޭހެން ޖުމްލަ ހަ ރިޒޯޓަކަށް ލުއި ދިންކަން އޭނާ ފާހަގަކުރެއްވި އެވެ. "އެއީ އެ މީހުންނަށް ދިން ސްޕެޝަލް ޓްރީޓްމެންޓެއް ނޫން. އިތުރު މީހުންނަށްވެސް ކޮށްދީފައި އޮތް ކަމެއް،" މަބްރޫކު ވިދާޅުވި އެވެ. ކޮވިޑްއާ ހެދި ފައިސާ ދައްކަން އޮތް މުއްދަތުގައި އެ ފައިސާ ދައްކަން އެ ރިޒޯޓުތަކަށް ދަތިވީ ކަމަށް މަބްރޫކު ވިދާޅުވި އެވެ. އެގޮތުން ކޮވިޑްއާ ހެދި މާލީ ހާލަތު ދަށްވެ، ބިމު ކުލި ދައުލަތަށް ނުދައްކާ އޮޕަރޭޓު ކުރަމުންދާ ރިޒޯޓުތަކުގެ އަދަދު 50އަށް ވުރެ ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެހާ ގިނަ ރިޒޯޓުތަކަށް ފައިސާ ނުދެއްކިގެން އުޅޭއިރު، އެ ރިޒޯޓުތަކަށް ފަސޭހަކޮށްދޭން ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިދޭން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ދެވަނަ ފަހަރަށް އަލީ ޝިޔާމްގެ ރިޒޯޓުތަކަށް ހާއްސަކޮށް ލުޔެއް ދިނުން ނޫން ކަމަށް އޭނަ ވިދާޅުވި އެވެ. 2019 ވަނަ އަހަރު ސަރުކާރުން ލުއި ތިން ހަ ރިޒޯޓު: ފިލިތެޔޮ އައިލެންޑް ރިސޯޓު (ތްރީއޭ އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް): 8.12 މިލިއަން ޑޮލަރު ނުދައްކައި ހުރި މެދުފުށި އައިލެންޑް ރިސޯޓު (މެދުފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް): 4.29 މިލިއަން ޑޮލަރު ނުދައްކައި ހުރި ހޮނޑާފުށި އައިލެންޑް ރިސޯޓު (އަބްދުﷲ އަލީ): 409،575 ޑޮލަރު ނުދައްކައި ހުރި ޑްރިފްޓް ތެލު ވެލިގާ ރިޓްރީޓް (ތެލުވެރިލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑް): 316،165.66 ޑޮލަރު ނުދައްކައި ހުރި ކިހާ މޯލްޑިވްސް (އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް): 3.09 މިލިއަން ޑޮލަރު ނުދައްކައި ހުރި ޕާމް ބީޗް އައިލެންޑް ރިސޯޓް އެންޑް ސްޕާ (އިބްރާހިމް އަލީ މަނިކު): 3.89 މިލިއަން ޑޮލަރު ނުދައްކައި ހުރި އޭރު އެ ހަ ރިޒޯޓުން ދައުލަތަށް ނުދައްކާ ހުރި ފައިސާގެ އަަދަދު 20.05 މިލިއަން ޑޮލަރު (309.15 މިލިއަން ރުފިޔާ)އަށް އަރަ އެވެ. އެ ހަ ރިޒޯޓުގެ ތެރެއިން އަލީ ޝިޔާމްގެ މަސްލަހަތު އޮންނަނީ ފިލިތެޔޮ ރިޒޯޓާއި، މެދުފުށި ރިޒޯޓާއި، ހޮނޑާފުށި ރިޒޯޓުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ