މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުންކޮށްފައިވާތީ އެޗްއާރުސީއެމުން މައްސަލަ ބަލަން ފަށައިފި

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ރޭ ބޭއްވި މުޒާހަރާއެއް ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް އެންޓި ޓޯޗާ ގާނޫނުގެ ދަށުން ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
"ރައިޒް އަޕް އެމްވީ" މޫވްމަންޓުން އިސްވެ، ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ވެސް ފުލުހުން، މުޒާހަރާގެ ބައިވެރިންގެ މޫނަށް ގަދަބާރުން ޕެޕާ ސްޕްރޭ ޖަހަން އުޅޭ ގޮތް ފެނެ އެވެ. އެކަމާ ގުޅިގެން އެތައް ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު އެޗްއާރުސީއެމުން ވަނީ އެ އެއްވުން ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ކުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެޗްއާރުސީއެމުން ބުނީ، އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއްކަމުން، ކޮންމެ ރައްޔިތަކަށް ވެސް އެ ހައްގު ލިބެން ޖެހޭ ކަމަށެވެ.
"ރޭގެ މި ހާދިސާއާ ގުޅިގެން އެންޓި-ޓޯޗާ ގާނޫނުގެ ދަށުން މި މައްސަލަ ކޮމިޝަނުން ބަލަމުންދާނެ ވާހަކަ ދަންނަވަމެވެ،" އެޗްއާރުސީއެމުން ބުންޏެވެ.
ރޭގެ މުޒާހަރާގައި ފުލުހުންް، ނޫސްވެރިންނަށް އަނިޔާކޮށްފައިވާ ކަމަށް ރިޕޯޓްތައް ލިބިފައިވާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ އެކަން ބެލުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލައިފަ އެވެ. އެ ޖަމިއްޔާ އިން ވަނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ފުލުހުން ތަކުރާރުކުރަމުންދާތީ ކަންބޮޑުވެފަ އެވެ.
އެތައް ބައެއްގެ ނުރުހުން އަމާޒުވެފައިވަނިކޮށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ތަހުގީގުކުރަން އަމުރުކުރައްވައިފައިވާ ކަމަށެވެ.
ރޭގެ މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ. އަދި އެކަކަށް އަނިޔާވެގެން އައިޖީއެމްއެޗުން ފަރުވާ ވެސް ދޭން ޖެހުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ