މެމްބަރ އަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރ ޢަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެ ވަޑައިގެންފިއެވެ.
މީގެ އިރުކޮޅެއް ކުރިން މެމްބަރ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމެވީ، ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ ޕާޓީއެއް އުފައްދައިގެން ގައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ބޭނުންފުޅުވާތީ ކަމަށެވެ.
މި ޓްވީޓާއިއެކު، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްއަށް އެޑްރެސް ކުރައްވައި ފޮނުއްވާފައިވާ ސިޓީވެސް މެމްބަރ ރިޔާޒް ވަނީ ހިމަނުއްވާފައެވެ.
ޖުމުހޫރީ ޕާޓީގެ މެމްބަރުކަމުން ވަކިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވުމަށްފަހު، ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި، ޖުމްހޫރީ ޕާޓީގެ އެންމެހާ މެމްބަރުންގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރި ކަމަށާއި، އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން އިޚްލާސެތެރި ކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ.
މެމްބަރ އަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހަންމަދު ނާޒިމް އާއި ދެބޭފުޅުން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފި ކަމަށް ބުނެ ބައެއް މީޑިއާތަކުން މިހަފްތާ ތެރޭގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ.
މި ދެ ބޭފުޅުން ސިޔާސީ ޕާޓީ އުފެއްދެވުމަށް ފައްޓަވާފައިވާ މަސައްކަތްޕުޅުގައި އެ ބޭފުޅުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށާއި، މަޖިލީހުގައި ތިއްބެވި ގިނަ މިނިވަން މެންބަރުން މި ބޭފުޅުން އުފައްދަވާ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ވާހަކަތައް ދެކެވިފައިވެއެވެ.
މެމްބަރު އަބްދުﷲ ރިޔާޒާއި، މެމްބަރު މުހަންމަދު ނާޒިމް ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވާ ކަމަށް ބުނެ، މިދިޔަ އަހަރުގެ ޖެނުއަރީމަހުވެސް އަޑުތައް ފެތުރިގެންދިޔައެވެ.
ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރެއްވި ކަމާއި، ނަމަވެސް އެކަމަށް ތާއީދުނުލިބިގެން އެކަން ފެއިލްވީ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރިއެވެ. ރިޔާޒްއާއި ނާޒިމްވެސް އޭރުވަނީ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ