އާ ހާބަރުން ބިން ވިއްކުމުގެ މުއާމަލާތް ނުކުރުމަށް ކޯޓުން ވަގުތީ އަމުރެއް ނެރެފި

ޝަރީއަތުން ވަކި ގޮތަކަށް އަންގަންދެން، މާލޭ އާ ހާބަރު ސަރަހައްދުން ބިން ވިއްކުމުގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް މަދަނީ ކޯޓުން ދައުލަތަށް މިއަދު އަމުރުކޮށްފި އެވެ.
މަދަނީ ކޯޓުން ވަގުތީ އަމުރު ނެރުނީ އާ ހާބަރު ސަރަހައްދުން ބިން ވިއްކުން ހުއްޓުވުމަށް ގައުމީ ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި ޑީއާރުޕީ އާއި ޕީޕަލްސް އެލަޔަންސް އިން ދައުވާކުރާ މައްސަލައިގެ ޝަރީއަތުގަ އެވެ.
އެ އަމުރުގައި ބުނެފައި ވަނީ އިދިކޮޅު އިއްތިހާދުގެ ދައުވާ އަކީ މާލޭ ހުޅަނގު ހާބަރު ސަރަހައްދުން ބިން ވިއްކުމަށް ނިންމާފައިވާ ނިންމުމާއި އެ ނިންމުމުގެ މައްޗަށް ކުރާ ކަންކަމުގެ ސައްހަކަމާ މެދު ގޮތެއް ކަނޑައެޅުމަށް ކުރާ ދައުވާއެއް ކަމަށެވެ. އަދި އެ މައްސަލައިގައި ޝަރީއަތް ކުރިއަށް ދަނިކޮށް އަދި މުއާމަލާތްތަކާ ގުޅޭ ގޮތުން ޝަރީއަތުން ގޮތެއް ކަނޑައަޅާފައި ނުވަނީސް މުއާމަލާތްތައް އެގޮތުގައި ހިންގުމަށް ފުރުސަތު އޮތުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
އެހެންކަމުން "އެކަމުގެ އެންމެ އަދުލުވެރި ގޮތް ކަމުގައި ނުވާތީ އާއި އެ ފުރުސަތު ދެވިއްޖެ ނަމަ އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ވެދާނެ ކަމަށް ޝަރީއަތަށް ފެންނާތީވެ މި މައްސަލައިގައި ހުކުމް ކުރަންދެން ނުވަތަ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން" މާލޭ ހުޅަނގު ސަރަހައްދުން ބިން ވިއްކުމުގެ މުއާމަލާތެއް ނުކުރުމަށް ދައުލަތަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މާލޭ އާ ހާބަރު ސަރަހައްދުން ބިން ވިއްކަން ސަރުކާރުން ކަނޑައެޅި ސިޔާސަތުގެ ދަށުން މިހާތަނަށް ހަތަރު ބިމެއް ވިކި 100 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފަ އެވެ. އަދި ދެ ވަނަ ބުރުގައި ވިއްކާ ބިންތަކުގެ ނީލަން ވެސް މިހާރު ދަނީ ކުރިއަށެވެ.
ސަރުކާރުން ބުނާ ގޮތުގައި އާ ހާބަރުން ބިން ވިއްކައިގެން ލިބޭ ފައިސާ އިން އެ ސަރަހައްދު ތަރައްގީކުރަން ހޭދަކުރާނެ އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ މާލޭގެ އެންމެ މުހިންމު ހިސާބުން އެގޮތަށް ބިން ވިއްކުމަކީ ރަނގަޅު އުސޫލެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ