އަންނަ މަހު 5 ގައި ބާއްވާ ކައުންސިލް އިންތިހާބަށް ޑީއާރުޕީން ކުރިމަތިލީ ކެންޑިޑޭޓުންނަށް ކެމްޕޭންކޮށްދެއްވުމަށް ޑީއާރުޕީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް އަތޮޅުތަކަށް މިއަދު ދަތުރުފުޅު ފައްޓަވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރު އިލްހާމް އަހުމަދު މިއަދު ވިދާޅުވީ އަތޮޅަކަށް ޒައީމް ކުރައްވާ ދަތުރުފުޅުތަކުގައި އެންމެ ފުރަތަމަ ވަޑައިގަންނަވަނީ ކ. ގުރައިދު އަށް ކަމަށެވެ. މިއަދު ހަވީރު އެ ރަށަށް ވަޑައިގެން ޖަލްސާ ބޭއްވުމަށް ފަހު، މިރޭ އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖަލްސާ ބާއްވައި މިރޭ އެނބުރި މާލެ ވަޑައިގަތުމަށް ފަހު ޕްލޭންގައި ދެން އޮތީ ހދ. ކުޅުދުއްފުށި. ޒައީމްގެ މި ދަތުރުފުޅުތަކުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ޖަލްސާތައް ވެސް ބާއްވާނެ. މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުން،" ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވި އެވެ.
އިންތިހާބުގައި އެންމެ ރަނގަޅު ނަތީޖާ ނެރެވޭ ސަރަހައްދުތަކަށް ބައްލަވައިގެން ކުރައްވާ ދަތުރުފުޅުތަކުގައި، މި މަހުގެ 14 ވަނަ ދުވަހު ކުޅުދުއްފުށްޓަށް، 15 ގައި ހއ. ވަށަފަރަށް، 17 ގައި މ. މުލަކާއި ދިއްގަރަށް 18 ގައި ފ. ނިލަންދު އަށް 21 ގައި އައްޑު އަތޮޅާއި ފުވައްމުލަކަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މި މަހު 28 ގައި ލ. ފޮނަދު އަށް 29 ގައި ގއ. ވިލިނގިއްޔަށް ޒައީމް މައުމޫނުގެ ކެމްޕޭން ޓީމު ދަތުރުކުރާނެ އެވެ. މި ދަތުރުފުޅުގައި ކައިރި ރަށްރަށަށް ވެސް މައުމޫން ޒިޔާރަތް ކުރެއްވުން އެކަށީގެންވާ ކަމަށް އިލްހާމް ވިދާޅުވި އެވެ.
"ކެމްޕޭނުގެ އިތުރުން މެމްބަރުންނާ ބައްދަލުކުރައްވައި [ޕާޓީ އަށް] މެމްބަރުން އިތުރު ކުރުމަކީ ވެސް ދަތުރުގެ މަގްސަދެއް. ދަތުރުފުޅަށް ފަހު މާލެ ވަޑައިގެން އަންނަ މަހު 3 ގައި މާލޭގައި ބޮޑު ރެލީއެއް ވެސް ބާއްވަވާނެ،" އިލްހާމް ވިދާޅުވި އެވެ.
ކެމްޕޭން ދަތުރުފުޅުގައި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ ބައިވެރިވެ ވަޑައިގަންނަވާނެތޯ ދެންނެވުމުން އިލްހާމް ވިދާޅުވީ "ޕާޓީގެ ހުރިހާ ގުނަންތަކުގެ މެމްބަރުންނަށް ވެސް ދައުވަތު އަރުވާފައިވާ ކަމަށާއި ބައެއް ދަތުރުފުޅުގައި ތަސްމީނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ" ކަމަށެވެ. ކެމްޕޭން ދަތުރުގައި ޑީއާރުޕީން ވަކިކުރެއްވި އުމަރު ނަސީރާއި ޑީއާރުޕީގެ ކައުންސިލް އަދި މަޖިލީހުގެ ބައެއް މެމްބަރުންނާއި ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީގެ އިތުރުން ޕީއޭގެ މެމްބަރުން ވެސް ބައިވެރިވަޑައިގަންނަވާނެ ކަމަށް އިލްހާމް ވިދާޅުވި އެވެ. ޕާޓީން ވަކިކުރެއްވުމުން ޕާޓީގެ ނަމުގައި ކަންކަން ކުރައްވަނީ ޕާޓީ ބައިބައިކުރުމަށް ކަމަށް ޑީއާރުޕީން ބުނެފައި އޮތަސް، މައުމޫންގެ ކެމްޕޭން ޓީމުން ބުނާ ގޮތުގައި ޖަލްސާތަކުގައި އުމަރު ވާހަކަދައްކަވާނެ އެވެ.
އިލްހާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ޑީއާރުޕީ އަށް ކާމިޔާބުވީ ޒައީމް މައުމޫން ކެމްޕޭނަށް ނުކުންނެވުމުގެ ސަބަބުން ކަމަށާއި މި އިންތިހާބު ވެސް ޕާޓީ އަށް ކާމިޔާބު ކުރެވޭނީ ޒައީމް ކެމްޕޭނަށް ނިކުންނަވައިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ޒައީމް މައުމޫނު ގިނަ ބަޔަކު ގަބޫލުކުރައްވާ. ރައީސް މައުމޫން ވަޑައިގެން ނޫނިއްޔާ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިފަހަރުގެ އިންތިހާބުގައި ޑީއާރުޕީ އަށް ގޮނޑިތަކެއް މަދުވާނެ،" އިލްހާމް އަހުމަދު ވިދާޅުވި އެވެ.
ކެމްޕޭން ދަތުރުތަކުގެ ހަރަދާ ބެހޭގޮތުން ސުވާލު ދެންނެވުމުން ވިދާޅުވީ ދަތުރުތަކަށް ހަރަދުކުރާ ފަރާތްތަކުގެ ތެރޭގައި ޕާޓީ އަށް ހެޔޮއެދިވަޑައިގަންނަވާ ޑީއާރުޕީގެ ކައުންސިލް އަދި މަޖިލީސް މެމްބަރުންގެ އިތުރުން ވެސް އެހެން ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
"މި ދަތުރުތަކަށް ޑީއާރުޕީން ބައި ރުފިޔާއެއް ވެސް ނުލިބޭ. އަތޮޅުގައި ތިއްބެވި ބޭފުޅުންނާ އެކު ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުން ހަރަދުކުރައްވަނީ. ބައެއް ބޭފުޅުން ،10،000 އެހެން ބޭފުޅުން 15،000ރ. ހަރަދުކުރައްވާފައިވޭ،" އިލްހާމް ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބު ޑީއާރުޕީ އަށް ކާމިޔާބު ކުރުމަށާއި ޕާޓީގެ އެއްބައިވަންތަކަމަށާއި ކުރިއެރުމަށް މަސައްކަތް ކުރައްވުމަށް އިސްކަމެއް ދެއްވާނެ ކަމަށް ޒައީމް މައުމޫން ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.
ޑީއާރުޕީގެ ކެމްޕޭނަށް ޒައީމް މައުމޫނު މިއަދު ރަށްރަށަށް ދަތުރުފުޅު ފައްޓަވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ