ފަލަސްތީނުގެ ހައްގުގައި ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވާ ގައުމުތަކަށް އެމެރިކާއިން ބިރުދައްކަނީ

ވޮޝިންޓަން (12 ޖޫން 2025): ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފު ވުމާއި ފަލަސްތީނުގެ މައްސަލައަށް ދެދައުލަތުގެ ހައްލު ހޯދުމާބެހޭގޮތުން އަންނަ ހަފުތާގައި ނިޔުޔޯކްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ ބައްދަލުވުމުގައި ބައިވެރިވާ ގައުމުތަކަށް ބިރުދައްކައި އެބައްދަލުވުމުގައި ބައިވެރިވާ ގައުމުތަކަކީ އެމެރިކާގެ މަސްލަހަތާ ދެކޮޅަށް މަސައްކަތް ކުރާ ގައުމުތަކުގެ ގޮތުގައި ބަލަންޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ. މި ބައްދަލުވުމުގައި ބައިވެރިވާ ގައުމުތަކަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ފޮނުވި ލިޔުމެއްގައި ވަނީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާބެހޭ ބައްދަލުވުމަށް ހާޒިރުވުމަކީ އެމެރިކާ ރުހޭ ކަމެއް ނޫންކަމުގައެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތުރާފުވުމަކީ މުޅި މެދުއިރުމަތި ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލުމުގައި ބައިވެރިވުމުގެ އަމަލެއްގެ ގޮތުގައި އެމެރިކާ ދެކޭނެ ކަމުގައެވެ. ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ކުރާ ކޮންމެ މަސައްކަތަކާ އެމެރިކާ ދެކޮޅު ހަދާނެ ކަމަށްވެސް އެމެރިކާގެ ޚާރިޖިއްޔާއިން ފޮނުވި މިލިޔުން ބުނެއެވެ. މީގެއިތުރުން ފަލަސްތީނުގެ މިނިވަން ދައުލަތަށް ހިއްވަރުދޭ ކޮންމެ ގައުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކުގެ މަސްލަހަތާ ދެކޮޅަށް އަމަލު ކުރާ ގައުމެއްގެ ގޮތުގައި ބަލާނެ ކަމަށާއި އެފަދަ ގައުމުތަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އެޅުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް ބުނެ އެލިޔުމުގައި ވަނީ ނުސީދާ ގޮތެއްގައި އިންޒާރު ދީފައެވެ. އެމެރިކާއަކީ ކުރިން ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ބޭރުފުށުން ތާއީދުކޮށް ވާހަކަ ދެއްކި ގައުމެކެވެ. ނަމަވެސް އެތެރެފުށުން އެމެރިކާ ގެންދިޔައީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ވުޖޫދު ވުމުގެ ހުރިހާ އަސާސްތަކެއް ފުޑާލުމަށް އިސްރާއީލަށް ހިއްވަރު ދެމުންނެވެ. މީގެތޭރޭގައި ފަލަސްތީނުގެ ދައުލަތް އުފައްދަން އޮތް ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލު ހިންގާ ޣައިރު ގާނޫނީ އަމަލުތަކަށް އަޅައިނުލުމާއި އެކަމަށް ނުސީދާ ގޮތެއްގައި ހިއްވަރު ދިނުން ހިމެނެއެވެ. ފަލަސްތީނުގެ މައްސަލާގައި ދެދައުލަތުގެ ހައްލު ހޯދުމަށް އެމެރިކާގެ ކުރީގެ ދެ ރައީސުންކަމަށްވާ ބިލް ކްލިންޓަންއާއި ބަރަކް އޮބާމާ ގެ ވެރިކަމުގައި އެމެރިކާ އިސްވެ އޮވެގެން އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ މެދުވެރިއެއްގެ ބައި އަދާކޮށްފައިވެއެވެ. ނަމަވެސް މިފަހަކަށް އައިސް އެމެރިކާ ވަނީ ދެދައުލަތުގެ ހައްލުގެ ވާހަކަ ދެއްކުން ހުއްޓާލުމަށްފަހު ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމަށް ފާޅުގައި ގޮވައިލާފައެވެ. އަދި ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލާ ގުދުސް އަކީވެސް އިސްރާއީލުގެ ވެރިރަށްކަމަށް އެމެރިކާ ވަނީ އިއުތިރާފު ވެފައެވެ. ގުދުސަކީ އިސްރާއީލު ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރަށެކެވެ. އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސަފީރުވަނީ ފަލަސްތީނުގެ ދައުލަތް އުފައްދަން ޖެހޭނީ ފަލަސްތީނުގައި ނޫންކަމަށާ އަރަބި އެހެން ކޮންމެވެސް ގައުމެއްގައި ކަމަށް ވިދާޅުވެ ވަރަށް ހަރުކަށި އަދި އދ. ގެ ގަރާރުތަކަށް ގޮންޖައްސަވައި ބަޔާނެއް ދެއްވާފައެވެ. މިއީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ފަލަސްތީނުގައި އުފެއްދުމަށް އެމެރިކާ މިހާރު ތާއީދު ނުކުރާކަން ހާމަވެގެންދާ ކަންކަމުގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ. ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް އިއުތިރާފު ވުމާއި ފަލަސްތީނުގެ މައްސަލައަށް ދެދައުލަތުގެ ހައްލު ހޯދުމާބެހޭގޮތުން އަންނަ ހަފުތާގައި ނިޔުޔޯކްގައި ބައިނަލްއަގްވާމީ ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރަމުން ގެންދަނީ ސައޫދީ އަރަބިއާއާއި ފަރަންސޭސިވިލާތް އިސްކޮށް ތިބެގެންނެވެ. މި ބައްދަލުވުމުގައި ފަރަންސޭސިވިލާތުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފުވާނެކަން ރައީސް އެންމަނުއެލް މެކްރޯންވަނީ މާކުރިން ހާމަކުރައްވާފައެވެ. އަދި އެނޫން ޔޫރަޕްގެ ދެގައުމަކުން ވެސް މިބައްދަލުވުމުގައި ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފުވާނެކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާ ވަނީ މިމައްސަލާގައި ވެސް ފަލަސްތީނަށް އިއުތުރާފު ނުވުމަށް ފަރަންސޭސިވިލާތަށް ގޮވާލައި ނުސީދާކޮށް އެގައުމަށް ބިރުދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ