ޑަބްލިއުއެޗްއޯގެ ހާއްސަ އެވޯޑް ރައީސް މުއިއްޒަށް އަރުވައިފި

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅުވައިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް ހާއްސަ އެވޯޑް މިރޭ އެމަނިކުފާނަށް އަރުވައިފި އެވެ.
މި އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެމަނިކުފާނަށް އަރުވާފައި ވަނީ، ދިވެހި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކޮށް، ދުންފަތާއި ދުރު މުޖުތަމައެއް ބިނާކުރުމަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
އެ ޖަމިއްޔާގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް މި އެވޯޑް ރައީސަށް އަރުވަން ނިންމާ އެކަން އިއުލާން ކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ، ދިވެހި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ދައްކަވަމުންގެންދަވާ ނަމޫނާ ލީޑާޝިޕާއި ދުރުވިސްނުންފުޅަށް ތާރީފު ކުރައްވައި ފޮނުއްވި ރަސްމީ މެސެޖެއްގަ އެވެ.
ޑަބްލިއުއެޗްއޯގެ ހާއްސަ އެވޯޑް ރައީސް މުއިއްޒަށް އެރުވުން -- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒުގެ ގެންދަވަނީ ދުންފަތުން ދިވެހި މުޖްތަމައު ސަލާމަތް ކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. މީގެ ކުރީން އެއްވެސް ސަރުކާރަކުން އެ މަަސައްކަތް ނުކުރާ މިންވަރަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
އެގޮތުން ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް އާންމުވި ވޭޕް ރާއްޖޭގައި ވަނީ މަނާކޮށްފަ އެވެ. އަދި ވޭޕު ކުރުމަަށް ބޭނުން ކުރާ ސާމާނު ރާއްޖެ އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ. ވޭޕު ހުއްޓުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ވެސް އެޅި އެވެ. ތަންފީޒީ އިދާރާތަކަށް ބާރުތަކެއް ވެސް ދީފައިވެ އެވެ.
މީގެ އިތުރުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރަން ވަނީ ފާސްކޮށްފަ އެވެ. އެ ޤާނޫނު މި ހަފްތާގެ ތެރޭގައި ތަސްދީގު ކުރައްވާނެ އެވެ. މިއީ ޖީލެއް ދުންފަތުން ސަލާމަތް ކުރުމަށް އެޅި ފިޔަވަޅެކެވެ.
މި ގާނޫނުގެ ދަށުން 21 އަހަރު ނުފުރޭ މީހުނަށް ވެސް ދުންފަތް ވިއްކުން ވެސް މަނާވާނެ އެވެ. އުމުރުން 21 އަހަރު ވެފައިނުވާ މީހަކަށް ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް ވިއްކާ ފިހާރައެއްގެ ސޭޓަކަށް އިނުން ނުވަތަ ވިޔަފާރީގެ އެހެން މުއާމަލާތެއް ކުރުމުގައި ބައިވެރިވުން ވެސް މަނާ ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ