އެސްޓީއޯއިން ތެލުގެ އައު ޝިޕްމަންޓެއް ރާއްޖެ ގެނެސްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ރާއްޖެއަށް ތެލުގެ އައު ޝިޕްމަންޓެއް ގެނެސްފިއެވެ.
މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުވަނީ އުފުލިފައެވެ. ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުފުލިގެން ގޮސްފައިވާއިރު، ރާއްޖެއަށް އެތެރެކުރާ ޕެޓްރޯލް އަދި ޑިސަލް އަކީ އެންމެ މަތީ މިންގަނޑަށް ސާފުކޮށްފައި ހުންނަ ތެލެވެ. އެހެން މި ބާވަތްތަކުގެ އަގުވެސް ވަނީ ބޮޑުތަނުން އުފުލިފައެވެ. އެހެން ކަމުން ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިތަކެއް ހުރެދާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.
ރާއްޖެއަށް ތެޔޮ އެތެރެކުރާ އެސްޓީއޯއީން ވިދާޅުވީ، މިވަގުތަށް ރާއްޖެއަށް އެތެރެކުރާ ތެޔޮ ލިބުމުގެ ދަތިކަމެއް ނެތް ކަމަށެވެ. ބާޒާރުގައި ތެލުގެ އަގު އުފުލުނު ކަމުގައިވިއަސް ތެލުގެ އައު ޝިޕްމަންޓެއް މިހާރު ރާއްޖެ އައިސްފައިވާކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އަދި އިތުރު ޝިޕްމަންޓެއް ރާއްޖެއަށް އައުމުގެ މަގުމަތީގައިވާކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
ތެލުގެ އިތުރުން ގޭހުގެ އިތުރު ޝިޕްމެންޓެއްވެސް ގެނައުމުގެ މަސައްކަތް އެސްޓީއޯއިން ދަނީ ކުރަމުންނެވެ. މިވަގުތު ގޭހުގެ ޑިމާންޑް އިތުރުވުމާއި ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ މޯލްޑިވް ގޭހުން ގޭސް ވިއްކަމުން ދަނީ ލިމިޓްކޮށްގެން ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގެ ތެލާއި ގޭހުގެ އަގު އުފުލުމާއެކު އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ވަނީ ބަދަލު އައިސްފައެވެ. އާންމު އުސޫލެއްގެ ދަށުން ތެލުގެ އަގު ކަނޑައަޅަނީ، ރާއްޖެއަށް އެތެރެކުރާ ތެޔޮ ޝިޕްމެންޓްތަކުގެ ވެއިޓެޑް އެވަރޭޖްއަށް ބެލުމުގެ ދަށުން ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. މިއާއެކު ބާޒާރުގައި ތެލުގެ އަގަށް ބަދަލު އައުމާއެކު އެކަމުގެ އަސަރު ރާއްޖެއިން ވިއްކާ ތެލުންވެސް ފެނިގެންދާކަން ސަރުކާރުން ފާހަގަކުރެއެވެ.
ސަރުކާރުން ވަނީ ތެލުގެ އަގު އުފުލުނު ކަމުގައިވިއަސް، އެސްޓީއޯގެ ފައިދާއިން ބައެއް ސަބްސިޑައިޒްކޮށް އަގަށް އަންނަ ބަދަލު އެބްޒޯބް ކުރެވޭނެ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ދުނިޔޭގެ ބާޒާރުގެ ތެޔޮ ވިއްކާ އަގާއި އަޅާ ބަލާއިރު ރާއްޖެއިން މިހާރު ތެޔޮ ވިއްކަނީ ހެޔޮ އަގެއްގައިކަން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ