"ޕަރީ"ގެ ވީއެފްއެކްސް އާއި ސައުންޑްގެ މަސައްކަތް އިންޑިއާގައި ނިންމައިފި "ޕަރީ"ގެ ވީއެފްއެކްސް އާއި ސައުންޑްގެ މަސައްކަތް އިންޑިއާގައި ނިންމައިފި

އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމު "ޕަރީ: ޗެޕްޓަރ 1" ގެ ވީއެފްއެކްސް އާއި ސައުންޑް މިކްސިންގްގެ މަސައްކަތް އިންޑިއާގެ މަޝްހޫރު ސްޓޫޑިއޯއަކުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ ދިވެހި ފިލްމީ ތާރީހުގައިވެސް، ދިވެހި ފިލްމެއްގައި ވީއެފްއެކްސް އާއި ސައުންޑް މިހާ ފުރިހަމައަށް، އިންޑިއާގެ ޕްރޮފެޝަނަލް ސްޓޫޑިއޯއެއްގައި ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. މި ފިލްމު އުފެއްދުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭ ފެންވަރަކަށް ގެނެސްދިނުމަށެވެ.
ވީއެފްއެކްސް ނުވަތަ 'ވިޝުއަލް އިފެކްޓްސް' އަކީ ފިލްމު އުފެއްދުމުގެ ދުނިޔޭގައި ބޭނުންކުރާ އެންމެ ޒަމާނީ އެއް އުކުޅެވެ. މިއީ ކެމެރާއިން ނަގާ ހަގީގީ މަންޒަރުތަކުގެ ތެރެއަށް، ކޮމްޕިއުޓަރ ގްރެފިކްސް ބޭނުންކޮށްގެން އިތުރު މަންޒަރުތައް ވެއްދުމެވެ.
ނަގަން އުނދަގޫ ނުވަތަ ނުނެގޭނެ ފަދަ ނާމާން، ބިރުވެރި އަދި ހިޔާލީ މަންޒަރުތައް ސްކްރީނުން ހަގީގަތެއް ފަދައިން ދައްކުުވައިދިނުމަށް ބޭނުންކުރާ ޓެކްނޮލޮޖީއަކީ މިއީ އެވެ.
"ޕަރީ" ފަދަ ބިރުވެރި ފިލްމެއްގައި ޖިންނި ޝައިތާނުން ސިފަވާ ގޮތާއި، ގުދުރަތީ ގޮތުން ނުވާނެ ފަދަ ބިރުވެރި ހަރަކާތްތައް ގެނެސްދިނުމުގައި ވީއެފްއެކްސްގެ ދައުރު ވަރަށް ބޮޑެވެ.
އާންމުކޮށް ދިވެހި ފިލްމުތަކުން ފެންނަ ގްރެފިކްސްތަކާ ހިލާފަށް، އިންޑިއާގެ ޕްރޮފެޝަނަލް ސްޓޫޑިއޯއަކުން "ޕަރީ" ގެ ވީއެފްއެކްސް ހެދުމުގެ ސަބަބުން، ފިލްމުގެ މަންޒަރުތައް ފެންނާނީ އަސްލާ އެއްގޮތަށެވެ. ބެލުންތެރިޔާއަށް އެއީ ހަދާފައިވާ އެއްޗެއްކަން އިހުސާސް ނުވާނެހާ ފުރިހަމައަށް، ފިލްމުގެ ވާހަކައާ ގުޅޭ ގޮތަށް މަންޒަރުތައް ވަނީ ފަރުމާކޮށްފައެވެ.
ހަމައެއާއެކު، 7.1 ސަރައުންޑް ސައުންޑްގެ އެހީގައި ފިލްމުގެ އަޑުތައް ޑިޒައިންކޮށްފައި ވަނީ ސިނަމާގައި ތިބޭއިރު، އެ ބިރުވެރި ހާދިސާތައް ހިނގަނީ ބެލުންތެރިޔާގެ ވަށައިގެން ކަހަލަ އިހުސާސެއް ކުރުވާނެ ފެންވަރަށެވެ.
ސްރީލަންކާގެ ހިތްގައިމު އަދި ނާމާން މާހައުލުތަކުގައި ޝޫޓްކޮށްފައިވާ މި ފިލްމު ސިނަމާއަށް އަންނާނީ އަންނަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ. މިއީ ދިވެހި ސިނަމާގެ ތަޖުރިބާ މުޅިން އެހެން ހަރުފަތަކަށް ގެންދާނެ ފިލްމަކަށް ވާނެކަމާމެދު ޝައްކެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ