ރ. ފުއްގިރި މައްސަލާގެ އިސްތިއުނާފް ކުރީގެ ރައީސް އަބްދުالله ޔާމީނަށް ސުޕްރީމް ކޯޓުން ނާކާމިޔާބުވި ވާހަކަ މީޑިއާތަކުން ގެނައުމުން ޔާމީންގެ ވަކީލުންގެ ރުޅިގަނޑު ނޫސްވެރިންނަށް ބާލައިފި އެވެ.
ފުއްގިރި މައްސަލާގައި ކްރިމިނަލް ކޯޓުގައި ޔާމީންގެ މައްޗަށް މިހާރު ހިންގަމުންދާ ޝަރީއަތުގެ ތެރެއިން އެ ކޯޓުން ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތުން އިސްތިއުނާފްކުރި މައްސަލާގައި ސުޕްރީމް ކޯޓުން އިއްޔެ ނިންމީ ދަށު ކޯޓުގެ ނިންމުން ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އެ ހުކުމް ރާއްޖޭގެ ގިނަ މީޑިއާތަކުން އެގޮތަށް ރިޕޯޓްކުރުމުން ޔާމީންގެ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީންގެ ވަކީލް އާދަމް ޝަމީމް ވިދާޅުވީ ސުޕްރީމް ކޯޓުން ރޭގެ ހުކުމުގައި ޔާމީނަށް ކާމިޔާބުނުވި ކަމަށް ބުނެ ރިޕޯޓްކުރީ ސަރުކާރުން ފައިސާ ބަހާ ނޫސްތަކުން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމަކީ ހަގީގަތުގައި ލިބުނު ކާމިޔާބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ޔާމީން ވަކީލް އަދި ކުރީގެ ނައިބު ރައީސް ޖަމީލް ވިދާޅުވީ ނޫސްތަކުން ބޭނުންވާ ކޮންމެ އެއްޗެއް ލިޔަންވީ ކަމަށާއި ވަކީލުން ބޭނުންވާ ގޮތަކަށް ކޮންމެ ހަބަރެއް ގެންނަން ނުޖެހޭނެ ކަމަށެވެ.
ޔާމީންގެ ވަކީލުން އެގޮތަށް ވިދާޅުވިޔަސް, ސުޕްރީމް ކޯޓުގެ ހުކުމުގެ ގާތްގަނޑަކަށް ހުރިހާ ނުކުތާއެއް ނިންމީ ދަށު ކޯޓުގެ ނިންމުން ބާތިލް ނުކުރުމަށެވެ.
ނަމަވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުالله ޒިޔަތު ހެކިންގެ ގޮތުގައި ބަލައިގަތުމާ މެދު ބަހުސް ކުރުމުގެ ފުރުސަތު ދަށު ކޯޓުގައި އަލުން ލިބޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. އެއީ ކްރިމިނަލް ކޯޓުން ވެސް ނިންމާފައިވާ ގޮތެވެ.
ޔާމީން މިހާރު ޖަލުގައި ހުންނެވީ ވ. އާރަށް މައްސަލާގަ އެވެ. އެ މައްސަލަ އޮތީ ހައި ކޯޓުގަ އެވެ.
ޔާމީނަށް ސުޕްރީމް ކޯޓުން ކާމިޔާބު ނުވުމުން ވަކީލުންގެ ރުޅި ނޫސްވެރިންނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ