ވަކި މީހަކު ވެރިކަމަށް ގެންނަން ގައުމަކުން އެބަ މަސައްކަތްކުރޭ: ގާސިމް

ވަކި މީހަކު ވެރިކަމަށް ގެންނަން އަވަށްޓެރި ގައުމަކުން މަސައްކަތްކުރާކަމަށް ގައުމީ ކެންޑިޑޭޓް އޮންރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، ށ. ފުނަދޫ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ގާސިމް ވަނީ އިންތިހާބުގައި ވޯޓުލާއިރު ދިވެހިން އެތައްކަމަކަށް ވިސްނަންޖެހޭކަމަށް ވިދާޅުވެފައެވެ. އެގޮތުން އެންމެ އިސްކަމެއްދޭންޖެހޭނީ އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތުން ގައުމުގެ ސިޔާދަތާއި މިނިވަންކަން ރައްކާތެެރިކުރުމުގެ އެއްވެސް މިންވަރެއް އަތުގައި އޮތްތޯ ގާސިމްވަނީ ސުވާލު އުފައްދަވާފައެވެ. ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ބޭރު ގައުމެއްގެ ސިފައިން ތިބިކަން އެއީ އޮޅިފައި އޮތްކަމެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި މިކަމުގެ ތެދުކަން ހާމަކޮށްދެއްވުމަށް އެމަނިކުފާނުވަނީ ހަނިމާދޫ ދަތުރުގެ ވާހަކަ ހިއްސާކުރައްވާފައެވެ.
ގާސިމްވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯދަ ލޯ އޮފް ދަ ސީޒް (އިޓްލޮސް)އިން ނިންމި ނިންމުމާއެކު ގައުމުގެ ބައެއް ގެއްލިގެން ދިއުމުން ކަންބޮޑުވުން ފާޅުކުރައްވައި ރާއްޖެ އިގްތިސާދީ ގޮތުންވެސް އަނދަވަޅަކަށް ވެއްޓިފައިވާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ބޮޑެތި އަދަދުތަކުން ސަރުކާރުން ލޯނު ނަގާފައިވާއިރު ގައުމުގެ މިނިވަންކަން ބޭރުގައުމުތަކުގެ އަތްމައްޗަށް ފުރުޅާލުމަށް އެމީހުން ބޭނުންކުރާނީ ގައުމު ދަރުވާލުންކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ގައުމު ދަރުވައިގެން މިނިވަންކަން ގެއްލުވާލައިގެން ސަރުކާރަށް ދެވަނަ ދައުރެއް ދޭން ރައްޔިތުން ބޭނުންވާނެތޯ އައްސަވައި ހެޔޮވިސްނޭ މީހަކު އަޅުވެތިވާން ބޭނުން ނުވާނެކަން ފާހަގަކުރައްވާފައެވެ.
ގާސިމްގެ މެނިފެސްޓޯގައި ރާއްޖޭގެ ސަރަހައްދާއި މިނިވަންކަން ހިމާޔަތްކުރުމުގެ ވައުދުގެ ތެރެއިން ބޭރުގެ އެއްވެސް ފަރާތެއްގެ އަސްކަރީ ބޭހެއް ގާއިމްކުރުމުގެ ފުރުސަތު ނުދިނުމާއި އިޓްލޮސް އިން ނިންމި ނިންމުމާއެކު ގައުމުން ގެއްލުނު ބައި އަނބުރާ ހޯދުމާއި ރާއްޖޭގެ ސަރަހައްދު ވައިގެމަގުން ބެލެހެއްޓުމަށް އެއާފޯސްއެއް އަދި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ނޭވީއެއް އުފެއްދެވުމާއި، ރާއްޖޭގެ މިނިވަންކަން ރައްކާތެރިކުރުމަށް ޖާސޫސީ އިދާރާއެއް ގާއިމްކުރުމާއި ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ބޯޑަރު ސަރަހައްދު ބެލެހެއްޓުމާއި ރާއްޖޭގެ އެތެެރެއާއި ބޭރުން ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅާނެ ނިޒާމެއް ގާއިމްކުރުމާއި ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި އިންޓެލިޖެންސް ގާނޫނެއް ވުޖޫދުކުރުމުގެ އިތުރުން ސަލާމަތީ ބާރުތަކުގެ މުސާރަ ބޮޑުކުރުމާއި ބެހޭ ވައުދުތައް ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ