އަޖައިބު ވާވަރުގެ ކަމެކެވެ. ކުރީ ސަރުކާރުން ވަގަށް ގޯތީގެ ލިޔުންދީގެން މި އުޅޭނީ މުއިއްޒު ސަރުކާރުގެ މަތިފަޑީގައި ތިބި ބަސްވިކޭ މީސްމީހުންގެ މީހުންނަށެވެ. ކިހާވަރުގަދަ އިއްތިފާގެއް ހެއްޔެވެ. މާތްކަލާކޯއެވެ. އެއްޔަކީ އެހެނެއް ވެގެން އުޅޭކަމެއް ނޫނެވެ. މުއިއްޒު ސަރުކާރުގެ ވެރިން ބިންވެރިޔާ ސްކީމުން ގޯތިން ވައްކަން ކޮށްފައި އެކަންވެސް އެކަނޑަނީ ކުރީ ސަރުކާރު ބޮލަށެވެ. ގޯއްޗަކަށް ޝަރުތު ހަމަނުވަނީސް ފަޒުލްގެ ބޭބެ ފަޒީލުމެން ކަހަލަ މީހުނަށް ރައީސް ސޯލިހުގެ ވެރިކަމުގައި އުސޫލުން ބޭރުން ގޯއްޗެއް ދޭންޖެހޭ ސަބަބެއް ނެތެވެ. އުސޫލުން ބޭރުން ފަޒީލުމެނަށް ގޯއްޗެއް ދިނުމަކީ އަމިއްލަ ފައިގާ ފުރޯޖެހުން ފަދަ ކަމެއްކަން ކުރީ ސަރުކާރުގެ ވެރިންނަށް އެނގޭނެއެވެ.
މުއިއްޒު ސަރުކާރުން ކޮށްގެން މިއުޅޭ ބިމުގެ ވައްކަން ހަލާލުކޮށްދިނުމުގެ ވިސްނުމުގައި ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަންޏާ މި ސަރުކާރުގެ ކުށެއް ނުފެންނާނެއެވެ. އޮތަސް އެ ފޮރުވާނެއެވެ. މުއިއްޒުގެ ރޭވުމަށް ފަޒުލް ބޮޑުވައްކަމެއް ބިމުންކޮށްފާ އެކަން ބޮލުންނައްޓަން ކުރީ ސަރުކާރޭ ކިޔައިގެން ކަމުން ރެކެން ފުލުހުންނާއި އޭސީސީ ފުރުސަތު ދިނަސް މާލޭ ރައްޔިތުން އެފުރުސަތެއް ނުދޭނެއެވެ.
ބުނަން ހެއްޔެވެ. ކުރީސަރުކާރުން ވަކިބަޔަކަށް ގޯތިދޭން ބޭނުމިއްޔާ އުސޫލާ ހަމައިގެ ތެރެއިން އެމީހުނަށް އެކަން ކުރެވެން އޮތެވެ. ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ދިނީ ޕާޓީއެއް ކުލައެއް ނަސަބެއް ބަލައިގެނެއް ނޫނެވެ. އެންމެ ބޮޑަށް ބޭނުންޖެހިފާވާ މީހުނަށް އިސްކަން ދީގެންނެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި އެކަން ކުރީ ވަރަށްވެސް ހާމަކަން ބޮޑުކޮށެވެ. ވަކިމީހަކަށް ނުބަލާ އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މާލޭގެ 19ހާހެއްހާ އާއިލާއަށް 9004 ގޯތި ލިބޭނެކަން ކުރީ ސަރުކާރުން ކަނޑައެޅީ ސިއްރަކުން ނޫނެވެ.
ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ލިބޭ މީހުންނާއި ނުލިބޭ މީހުންގެ ލިސްޓް އިއުލާނުކުރިއެވެ. ކޮންމެ މީހެއްގެވެސް ނަމާއި އައިޑީ ނަންބަރާއި އެޑްރެސް ސާފުކޮށް އެނގެން އިއުލާނު ކުރި ލިސްޓްގައި އޮތެވެ. އެ ލިސްޓާ މެދު ޝަކުވާއެއް އޮތްނަމަ ހުށަހެޅުމަށް އާއްމުކޮށް ހުޅުވާލިއެވެ. އެވަރުންވެސް ނިމުނީކީ ނޫނެވެ. ހުށަހެޅި ޝަކްވާތަކަށް ބަލާ ރަނގަޅަށް ދިރާސާ ކުރުމަށްފަހު ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އިއުލާނުކުރިއެވެ. ދިވެހި ސަރުކާރުގެ ގެޒެޓުން މިއަދުވެސް އެއޮތީ އެ ލިސްޓްތައް ފެންނާށެވެ.
ގޯތި ލިބޭ މީހުން ކަށަވަރު ކުރުމަށް ފަހު އެމީސް މީހުނަށް ގޯތި ލިބޭތަންތަން ކަނޑައެޅުމަށްޓަކާ ލެވުނީވެސް ހާމަކަން ބޮޑު ގުރުއަތެކެވެ. ގުރުއަތު ނެގީ ސީދާ ގޯތި ލިބޭ މީހާއެވެ. ނުވަތަ އެމީހާ ޕަވަރ އޮފް އެޓާރނީ ދީފާ ފޮނުވި މީހެކެވެ. ގުރުއަތު ނެގުމުން ކާކަށް ލިބުނީ ކޮން ތަނެއްގައިއޮތް ކޮން ސްލޮޓެއްކަން ސާފުކޮށް އެމީހަކަށާއި އާއްމުކޮށް އެނގެން އޮތެވެ.
ހުޅުމާލޭން ގޯތި ލިބުނީ ކާކަށް ކޮންތާކުންކަން އެގެން އޮތެވެ. ގުޅީފަޅުންނާއި ގިރާވަރުފަޅުން ގޯތި ލިބުނު މީހުނަށް ލިބުނު ގޯތި އޮތީ ކޮންތާކުކަން އެނގެން އޮތެވެ. ނުހިކި އޮތްތަނުން ލިބުނު 600 ގޯތި ލިބުނު މީހުނަށް އެކަންވެސް އެގުނެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުނަށް ގޯތިގެ ރަޖިސްޓްރީ ހަދާދީ ނުހިކި އޮތްތަނުން ގޯތި ލިބުނު މީހުނަށް ގޯތި ލިބޭނެކަމުގެ ރަސްމީ ލިޔުން ދޫކުރީވެސް ސިއްރަކުން ނޫނެވެ. އަންގާ އިއުލާނުކޮށް ގާނޫނީ ހަމަތަކުގެ މަތީން ލޯފާމެއްގެ ސީދާ ބެލުމުގެ ދަށުންނެވެ. އެހެންކަމުން މާފަހުން އެހެން ބަޔަކު ވެރިކަމަށް އައިސް އަހަރުވީފަހުން ފޭކްލިޔުން ހަދައިގެން ޖަރީމާ ހިންގާ ކުރީސަރުކާރޭ ބުންޏަކަސް މީހަކު ގަބޫލެއް ނުކުރާނެއެވެ.
ކުރީސަރުކާރުން ވަގަށް ގޯތީގެލިޔުން ދީގެންއުޅެނީ މި ސަރުކާރުގެ މަތިފަޑީ މީހުންނަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ