އަންނަ މަހު ވެސް ބިލު ބޮޑުވާނެ ކަމަށް ބެލެވޭ: ސްޓެލްކޯ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލަފާކުރެވޭ ގޮތުގައި އަންނަ މަހުގެ ކަރަންޓު ބިލުވެސް ބޮޑުވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ރޭ ވިދާޅުވެއްޖެ އެވެ.ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ފަހުމީ ވިދާޅުވީ ކޮންމެ ހޫނު މޫސުމެއްގައި ވެސް ކަރަންޓު ބިލު ބޮޑުވާ ކަމަށާއި މީގެ ކުރީގެ އަހަރުތަކުގައި ވެސް މިކަން ހަމަ މިގޮތަށް ހިނގާފައި އެބަހުރި ކަމަށެވެ."އަޅުގަނޑުމެންގެ ހިސްޓްރީ ޕެޓާން މިހިރަ ގޮތުން ވެސް، އަދި މި މަހު އެކަންޏެއް ނޫން، މި އަންނަ މަހު ވެސް އަޅުގަނޑުމެންނަށް މި ފޯކާސްޓް ދައްކާ ގޮތުން ކަރަންޓު ބިލު ބޮޑުވާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ،" ފަހުމީ ވިދާޅުވި އެވެ.ފަހުމީ ވިދާޅުވީ މި މަހުގެ ކަރަންޓު ބިލު އެހެން އަހަރުތަކާ ހިލާފަށް ބޮޑުކަން ފާހަގަކުރެވޭ ކަމަށާއި ނަމަވެސް އެ ބިލު ބޮޑުވީ ސްޓެލްކޯ އިން ކަމެއް ކޮށްގެން ނޫން ކަމަށެވެ. ކަރަންޓު ބިލު ބޮޑުވެގެން އުޅެނީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށާއި ރާއްޖޭގެ މިފަހުގެ ތާރީހެއްގައި އެންމެ ހޫނު ގަދަވީ މިދިޔަ މަހާއި މި މަހު ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.ފަހުމީ ވިދާޅުވީ ކަރަންޓު އިގްތިޞާދުކޮށްގެން ނޫނީ ކަރަންޓު ބިލަށް އަރާ ވަރު ކުޑަކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.ރަމަޟާން މަހު ޑޮމެސްޓިކް ކަރަންޓު ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަން ޖެހޭތީ، އެ ކަމަށް ހައްލެއް ހޯދައި ދިނުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ބިލަށް އެހެން މަސް މަހަށްވުރެ އިތުރުވާ އެވްރެޖު އަދަދަށް ޑިސްކައުންޓު ދިނުމަށެވެ.އެހެންވެ ނިމިދިޔަ ރަމަޟާން މަހު ފެނާއި ކަރަންޓުގެ ޚިދުމަތްތަކަށް ބިލް ކުރީ އާދައިގެ މަހެއްގެ އެވަރެޖަށް ބަލައިގެން ކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ މީގެކުރިން ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ