ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މިހާރު ކުރަމުންދާ ވިއްސާރައިގަ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިރޭ 11:00 ން ފެށިގެން ފަތިހު 5:00އާ ހަމައަށެވެ. މި ވަގުތުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ ޢިދާރާއިން ލަފާކުރެއެވެ.
ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީވެ ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއްވިއެވެ. އެގޮތުން، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ބޮޑުވެދާނެ ހާލަތްތަކުގައި ގޭތެރެއަށް ފެން ނުވަންނަގޮތަށް ވެލި ބަސްތާ ޖެހުމާއި ކަރަންޓު ސަމާނާއި ފެނުގެ އަސަރު ކުރުމުން ހަލާކުވެދާނެފަދަ ތަކެތި ރައްކާތެރި ހިސާބުތަކުގައި ބެހެއްޓުމަަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ކުރިއަށް އޮތް 48 ގަޑިއިރު އުތުރާއި މެދުރާއްޖެ ތެރެއަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާއިރު ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި ކުރިއަށް އޮތް ދެތިން ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ކެރީގެ އަސަރުކޮށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލުމާތުދެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ހުޅަނގާއި ހުޅަނގުއުތުރު ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 3 - 6 ފޫޓު ހުންނާނެ ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ