”އަދަދު“ ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް ތައްޔާރުކުރި ”އައިޝާ“ ޑޮކިއުމަންޓަރީގެ މައްސަލާގައި ދައުލަތުން އުފުލާފައިވާ ޤަޛްފު ކުރުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން، އެ ޑޮކިއުމަންޓަރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކޯޓުން އަމުރު ކޮށްފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި ދައުވާ ކޯޓަށް ހުށަހަޅާފައިވަނީ 10 މޭ 2026 ގައެވެ. މި ދައުވާ އުފުލާފައިވަނީ 28 މާރިޗު 2026 ގައި ”އައިޝާ“ ނަމުގައި އާންމުކުރި ޑޮކިއުމަންޓަރީއެއްގައި، ރައީސް މުއިއްޒުގެ އަބުރަށް ހުތުރުވާފަދަ ތުހުމަތުތަކެއް ކޮށްފައިވާތީ، ޤާނޫނުލްއުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުންނެވެ.
”އައިޝާ“ ޑޮކިއުމެންޓަރީގެ މައްސަލާގައި ދައުލަތުން ޤަޛްފުކުރުމުގެ ދައުވާ އުފުލާފައިވަނީ ”އަދަދު“ އޮންލައިންގެ އެޑިޓަރުން ކަމަށްވާ ޙުސައިން ފިޔާޟް މޫސާ އާއި ޙަސަން މުޙައްމަދުގެ މައްޗަށެވެ.
ދައުލަތުން އުފުލާފައިވާ މި މައްސަލައާ ގުޅިގެން ކްރިމިން ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވާ ގޮތުގައި މި މައްސަލައާ ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުމާއި އޭގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ދެއްކުމަކީ މަނާކަމެކެވެ. އަދި މައްސަލައިގެ އެއްވެސް ޙަސްމަކާ ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް މި ޑޮކިއުމަންޓަރީއާ ގުޅުވައިގެން ދެއްކުމަކީ ވެސް މަނާކަމެއް ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މި އަމުރު ނެރުމުގައި ކޯޓުން ރިއާޔަތްކޮށްފައިވަނީ، އިސްލާމީ ޝަރީއަތުގައި ޤަޛްފުގެ ކުށަކީ އިންސާނާގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމަށްޓަކައި ހަރުކަށިކޮށް ނަހީކުރައްވާފައިވާ ކަމަކަށް ވާތީއެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 33 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދޭ އަބުރު ރައްކާތެރިކުރުމުގެ ހައްގަށާއި، 51 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ކުށެއް ސާބިތުނުވާހާ ހިނދަކު އެމީހަކީ ކުށްވެރިއެއް ނޫންކަމަށް ބެލުމުގެ ހައްގަށް އުނިކަން އަތުވެދާނެތީއެވެ.
ޕީޖީ އޮފީހުން މިފަދަ އަމުރަކަށް އެދި ހުށަހެޅި ސިޓީގައި، މީގެ ކުރިން ސުޕްރީމް ކޯޓުން މިފަދަ މައްސަލަތަކުގައި ނެރެފައިވާ އަމުރުތަކަށް ރިއާޔަތްކޮށްފައިވެއެވެ. ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ޖިނާއީ މައްސަލަތަކުގެ އަޑުއެހުންތަކަކީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުންތަކެއް ނަމަވެސް، މުޖުތަމައުގެ އަހްލާގީ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ ދަށުން ޝަރީއަތް ސިއްރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.
ކޯޓުގެ މި އަމުރާ ހިލާފުވާ ކޮންމެ ފަރާތަކާމެދު ކޯޓުގެ ހުރުމަތް ކެނޑުމުގެ ފިޔަވަޅު އަޅާނެ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
”އައިޝާ“ ޑޮކިއުމަންޓަރީގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކޯޓުން އަމުރުކޮށްފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ