މައުމޫން ހައްޔަރުކުރަން ނިންމީ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން: ރައީސް ޔާމީން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރުމަކީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމެއް ނޫން ކަމަށާއި އެ ނިންމުން ނިންމީ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ކަމަށް އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވިލިމާލޭގައި މިއަދު އޮތް ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ބޭބެ، މައުމޫން ހައްޔަރުކުރީ ކުށެއް ނުކުރައްވާ ހުންނަވައިގެން ނޫން ކަމަށާއި އެމަނިކުފާނު ހައްޔަރުކުރީ ދައުލަތުގެ ހައްގަކަށް އަރައިގަނެ، ސުޕްރީމް ކޯޓުގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރުމުގެ އެންމެ މޭސްތިރިއަކަށް ހުންނެވުމުން ކަމަށެވެ.ނަމަވެސް މައުމޫން ހައްޔަރުކޮށް ޖަލަށްލާން ނިންމީ އެމަނިކުފާނު ނޫން ކަމަށާއި އެއީ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ނިންމި ނިންމުމެއް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.ރައީސް މައުމޫންގެ ހަގު ދަރިކަލުން އަދި ޕީޕީއެމްގެ ނާއިބް ރައީސް ޣައްސާން މައުމޫންވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މައުމޫން ހައްޔަރު ކުރައްވަން ޖެހިވަޑައިގަތް ސަބަބުގެ ހަގީގަތް ރައްޔިތުންނަށް އެނގިވަޑައިނުގަންނަވާތީ އެކަންކަން ސާފުކޮށް ދެއްވަން ބޭނުންފުޅުވާ ކަމަށެވެ.އަދި މައުމޫން ޖަލަށް ލެއްވުމަކީ އެމަނިކުފާނުގެ ނިންމެވުމެއް ނޫން ކަމަށާ އެއީ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ނިންމެވުމެއް ކަމަށް ވިދާޅުވިއެވެ."އަޅުގަނޑެއް ނޫން ރައީސް މައުމޫން ޖަލަށްލާން ނިންމީކީއެއް. އެއީ ކޮމެޓީގެ ނިންމުމެއް. އެ މައްސަލަ އިސްވެ ހުށައެޅީވެސް އަޅުގަނޑެއް ނޫން. އެހެންވީމަ މިއަދު ރައްޔިތުންނަށް މި ހަގީގަތްވެސް މި ދަންނަވާލީ. ނަމަވެސް ދަންނާލަން އޮތީ ގާތް މީހަކު ނަމަވެސް މުޅި ދައުލަތުގެ ހައްގަށް އަރައިގަންނަ ހިސާބަށް ދިޔައީމަ އެ ވަގުތަކު ދައުލަތް ހިންގުމާ ހަވާލުވެ ހުންނަ މީހަކަށް ޖެހޭނެ މުޅި ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ފިޔަވަޅެއް އަޅަން. އެ ގޮތުން އެޅި ފިޔަވަޅެއް އެޅީ،" ޔާމީން ވިދާޅުވިއެވެ.ރައީސް ޔާމީންގެ ވެރިކަމުގައި މައުމޫނުގެ އިތުރުން ދަރިކަލުން ފާރިޝް މައުމޫން ހައްޔަރުކޮށްފައިވަނީ އެމަނިކުފާނުގެ ސަރުކާރު ވައްޓާލަން އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރިކަމުގެ ތުހުމަތުގައެވެ.އެ އަމުރާއެކު ރާއްޖޭގައި ކުއްލި ހާލަތު އިއުލާނުކޮށް އެންމެ ފުރަތަމަ ހައްޔަރުކުރީ ރައީސް މައުމޫނެވެ. މައުމޫން ހައްޔަރުކުރި މައްސަލައާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ތަފްސީލުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ މައުމޫން ހައްޔަރު ކުރެއްވީ ކުށެއް ނުކުރައްވާ ހުންނަވަނިކޮށް ނޫން ކަމަށެވެ.އެމަނިކުފާނު ހައްޔަރު ކުރެއްވީ ސުޕްރީމް ކޯޓްގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވުމުން މަޖުބޫރުވެވަޑައިގެން ކަމަށް ވިދާޅުވިއެވެ. ބޮޑު އަމުރަށް ފަހު މައުމޫން ހައްޔަރުކޮށް 8 މަސް ދުވަހަށް ވުރެ ގިނަ ދުވަސްވަންދެން ޖަލުގައި ގެންގުޅުއްވިއެވެ. ގިނަ ދައުވާތަކެއް އުފުލިއެވެ. ބައެއް ދައުވާތައް ސާބިތުވާ ކަމަށް ނިންމާ ޖަލު ހުކުމްތައްވެސް އިއްވިއެވެ. އެމަނިކުފާނަށް ދީފައި އޮތް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ފަދަ ބައެއް ހުއްދަތައްވެސް ބާތިލުކުރިއެވެ. ނަމަވެސް 2018 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިވެ ވެރިކަމުގެ ބާރުތައް ގެއްލުމާއެކު ރައީސް މައުމޫން މިނިވަންކުރުމަށް ކޯޓުން ހުކުމްކުރިއެވެ.އަދި އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމްތައް މި ސަރުކާރުން ބާތިލުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ