ޕީއެންސީގެ ނައިބު ރައީސުން ކުރަންޖެހޭ މަސައްކަތްތައް ކަނޑައަޅައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސުން ކުރަންޖެހޭ މަސައްކަތްތައް ބަހާލައިފި އެވެ. ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ހަތަރު ނައިބް ރައީސުން ހުންނަން ޖެހެއެވެ. އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކީ ވެސް ނައިބު ރައީސުންގެ ފެންވަރުގެ މަގާމެކެވެ. އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހަމަޖައްސާފައި ވަނީ މަޑުއްވަރީ ދާއިރާގެ އިންތިޚާބީ މެމްބަރު އާދަމް ޝަރީފު އުމަރެވެ. އެ ޕާޓީގެ ނައިބް ރައީސުންގެ ގޮތުގައި އިންތިހާބްކޮށްފައިވަނީ މާވަށު ދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު ސައީދު އާއި އަހްމަދު ނިހާން ހުސައިން މަނިކާއި އިބްރާހިމް ޝުޖާއު އަދި މުހައްމަދު ހުސައިން ޝަރީފް (މުންދު) އެވެ. ޕީއެންސީން މިރޭ ބޭއްވި އެ ޕާޓީގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި ނައިބް ރައީސުންގެ މައްސޫލިއްޔަތުތައް ވަނީ ބަހާލާފަ އެވެ. އެގޮތުން ކުރީގެ އިކޮނަމިކް މިނިސްޓަރުކަން ކުރެއްވި ސައީދުގެ ޒިންމާ އަކީ އިދާރީ ކަންކަމާއި ފައިސާގެ ކަންކަން ބެލެހެއްޓުމެވެ. ޝުޖާއުއަށް ޒުވާނުންނާއި އިވެންޓްތައް ހަވާލުކޮށްފައިވާއިރު ނިހާންގެ ޒިންމާ އަކީ މެންބަރުން ބެލެހެއްޓުމާއި ޕީއަރު އަދި މީޑިއާގެ ކަންކަން ބެލެހެއްޓުމެވެ. މުންދުއާ ހަވާލުކޮށްފައިވަނީ ބޭރު ދުނިޔޭގެ އެންމެހައި ކަންތައްތަކުގެ އިތުރުން ރިސާޗްގެ މަސްއޫލިއްޔަތެވެ. ޕީޖީ ލީޑަރު އާދަމް ޝަރީފްގެ ޒިންމާތަކުގެ ތެރޭގައި ލީގަލް އެފެއާޒް ހެޑް ކުރުން ވަނީ ހިމަނާފަ އެވެ. ޕީއެންސީގެ ރައީސްއަކީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. ބިލަބޮންގް ސްކޫލް ގައި އިއްޔެ ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ރައީސްގެ މަގާމަށް އިތުރު މެންބަރަކު ކުރިމަތި ލާފައި ނެތުމުން އަބްދުއްރަހީމް ވަނީ އޮޓަމެޓިކުން ރައީސްގެ މަގާމް ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ