ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ލިބޭ އެންމެ ފަހި ފުރުސަތަކީ ސުޕްރީމް ކޯޓުގެ މަގުޗާޓު: އުއްތަމަ ފަނޑިޔާރު
ޝަރުއީ ދާއިރާ ތަރައްގީކޮށް އިސްލާހު ކުރުމަށް ލިބޭ އެންމެ ފަހި އަދި އެންމެ އަގުހުރި ފުރުސަތަކީ ސުޕްރީމް ކޯޓުން އިސް ނަގައިގެން މިރޭ އާންމު ކުރި މަގުޗާޓާއި އޭގެ މައްޗަށް ތަފްސީލް ވެގެން އަންނަ ޖުޑީޝަލް ރިފޯމް ޕްލޭން ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ. ފަނޑިޔާރުގެ މިނިވަންކޮށް އިސްލާހު ކުރުމުގެ މަގު ޗާޓު އިފްތިތާހު ކުރުމަށް މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ މިރޭ އިފްތިތާހު ކުރެވުނު މަގުޗާޓަކީ ޝަރުއީ ދާއިރާ ތަރައްގީކޮށް އިސްލާހު ކުރުމަށް އަމާޒުކޮށްގެން ފަނޑިޔާރު ގޭގެކަން އިސްލާހު ކޮށް ހަރުދަނާ ކުރުމަށް އެކުލަވާ ލެވުނު މަގުޗާޓެއް ކަމަށެވެ. "ވަކިފަރާތަކަށް ނުޖެހި އަދުލުއިންސާފު ގާއިމު ކުރުމަށް ޓަކައި ކުރުމަށްޓަކައި ފަނޑިޔާރު ގޭގެ މިނިވަންކަން ކަށަވަރު ކުރުމާ ބެހޭ މަގުޗާޓު. އަޅުގަނޑުގެ ދުއާ އަކީ އަދި އަޅުގަނޑުގެ އުންމީދަކީ މި މަގުޗާޓާއި އޭގެ މައްޗަށް ތަފްސީލީ ގޮތެއްގައި އެކުލަވާލެވޭ ޖުޑިޝަލް ރިފޯމް އެކްޝަން ޕްލޭނާއެކު ކާމިޔާބުކަމާއެކު ތަންފީޒުވެގެން ދިޔުން." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. "ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަގުޗާޓު"އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރާ މަސައްކަތުގެ ފޮނި ނަތީޖާ ހާސިލު ކުރެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފާއިތުވި 10 ވަރަކަށް އަހަރު ވަރަށް ގިނަ ކަންކަން ތަޖުރިބާ ކުރެއްވިފައިވާ ކަމަށެވެ. އަދި ކުރިއެރުންތަކެއްވެސް ހާސިލުކޮށްފައިވާ ކަމަށް ވިދާލުވި އެވެ. އަދި ފަނޑިޔާރުގޭގެ މިނިވަންކަމަށް ގޮންޖެހުންތަކެއް ކުރިމަތިކުރުވި ދުވަސްތަކެއްވެސް ދެކެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. "ކުރިމަގުގެ މިސްރާބު ކަނޑައެޅުމުގައި އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް. އެހައިމެ ބޮޑު މަސައްކަތެއް. މިއަދު އަޅުގަނޑުމެންގެ މައްޗަށް އޮތް ދުސްތޫރީ އެންމެ ބޮޑު ޒިންމާއަކީ ދިވެހި އުންމަތާއި އަދި ދިވެހި ރައްޔިތުން އެދޭ ފަދައިން މިނިވަން ފަނޑިޔޔާރުގެ މިނިވަން ވެފައިވާކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުން." އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މަގު ޗާޓަކީ ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކުރުމަށް ޝަރުއީ ދާއިރާގެ ތާރީހުގައިވެސް ތައްޔާރު ކުރެވޭ އެންމެ ފުރަތަމަ މަގު ޗާޓު ކަމަށެވެ. އެ މަގުޗާޓުގައި ޒަމާނީ ހަރުދަނާ ފަނޑިޔާރު ގެއެއް ގާއިމް ކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ހިމެނޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެ ޕްލޭން ތަންފީޒު ކުރެއްޖެ ނަމަ އޭގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. "ޝަރުއީ ދާއިރާ މިނިވަންކަން ކަށަވަރު ކުރެވޭނެ. ފަނޑިޔާރުގޭގެ އިލްމީ އަދި ފަންނީ ކެރިފޯރުންތެރި ކަމާއި ގާބިލުކަން ބޮޑުތަނުން އިތުރުވެގެންދާނެ. އަދުލު އިންސާފަށް ފަސޭހައިން ވާސިލުވުން ކަށަވަރު ކުރެވޭނެ." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. "ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަގުޗާޓު"އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް ފަނޑިޔާރުގެ މިނިވަން ކުރުމުގެ ޕްލޭން ތަންފީޒު ކުރެއްވިޖެ ނަމަ އެ ނިޒާމު ވެގެންދާނީ ދައުލަތް ފަހުރުވެރިވާ ފަދަ ނިޔާމަކަށް ކަމަށްވެސް އުއްތަމަ ފަނޑިޔާރު މިރޭ ވިދާޅުވި އެވެ. ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަގުޗާޓުގައި ހިމެނޭ ބައެއް ކަންކަން ޖުޑިޝަލް ސާވިސް ކޮމިޝަން އިސްލާހު ކުރުން ބޭނުންވާ މުހިންމު ގާނޫނުތައް ހެދުން ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުން ހަރުދަނާ ކުރުން ފަނޑިޔާރުގެއަކީ ކޮރަޕްޝަނާއި ފަސާދައިން އެއްކިބާވެފައިވާ ތަަނަކަށް ހެދުން ފަނޑިޔާރުން ޖަވާބުދާރީ ކުރުމުވުމެގެ ނިޒާމު ހަރުދަނާ ކުރުން ރައްޔިތުންގެ ޝަކުވާތައް ފަސޭހައިން ހުށަހެޅޭނެ ނިޒާމެއް ގާއިމް ކުރުން ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް ހަރުދަނާ ކުރުން ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމުގެ އުސޫލެއް ގާއިމް ކުރުން ހުކުމް ތަންފީޒު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުން ހުރިހާ ސިޓީތަކެއްގައި ސުޕީރިއާ ކޯޓުތަކެއް ގާއިމް ކުރުން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޒަމާނީކޮށް ހަރުދަނާ ކުރުން ފަނޑިޔާރުގޭގެ މާލީ މިނިވަންކަމާއި ވަސީލަތްތައް ކަށަވަރު ކުރުން ޝަރުއީ ގާނޫނީ ތައުލީމުގެ ނިޒާމު ހަރުދަނާ ކުރުން ލީގަލް ޕްރޮފެޝަން ހަރުދަނާ ކުރުން ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމް ކުރުން ޖުޑިޝަލް ސާވިސް ކޮމިޝަން އިސްލާހު ކުރުމަށް ކުރާނެ ކަންކަމުގެ ތެރޭގައި ގާނޫނުއަސާސީއާއި ގާނޫނުތައް އިސްލާހުކޮށްގެން އެ ކޮމިޝަން އަލުން އެކުލަވާލައި މިނިވަންކަމާއި އެކު ސިޔާސީ އަދި އެހެނިހެން ނޭދެވޭ ނުފޫޒުތައް ނެތި ޖޭއެސްސީ މަސައްކަތް ކުރެވޭނެ ގޮތް ހެދުން ހިމެނެ އެވެ. "ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަގުޗާޓު"އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ފަނޑިޔާރުގެއަށް އައްޔަން ކުރެވެނީ އިލްމީ ގޮތުންނާއި އަހުލާގީ ގޮތުން ގާބިލް ބޭފުޅުންތޯ ކަށަވަރު ކުރުމަށް ޖޭއެސްސީ އިސްލާހުކޮށް ކަމާ ގުޅުން ހުރި ގާނޫނުތައް މުރާޖާ ކުރަންވެސް މަގުޗާޓުގައި ވަނީ އެކުލަވާލާފަ އެވެ. ގާބިލް އަދި އަހުލާގީ ގޮތުން ޒިންމާދާރު ފަނޑިޔާރުން ނެތި އަދުލު އިންސާފު ގާއިމެއް ނުކުރެވޭނެ ކަމަށް މަގު ޗާޓުގައި ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ